މަހްލޫފަށް ކުރާ ކޮރަޕްޝަންގެ ދައުވާ އަނބުރާ ގެންދަން ނިންމައިފި

މިނިސްޓަރ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހްމަދު މަހްލޫފުގެ މައްޗަށް ކުރާ ކޮރަޕްޝަންގެ ދައުވާ އަނބުރާ ގެންދިއުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމައިފިއެވެ. ރިޝްވަތު...

08 Apr 2023 | 17:05

މިނިސްޓަރ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހްމަދު މަހްލޫފުގެ މައްޗަށް ކުރާ ކޮރަޕްޝަންގެ ދައުވާ އަނބުރާ ގެންދިއުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމައިފިއެވެ.

ރިޝްވަތު ހިފުމުގެ މި ދައުވާއަކީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ދަށުން 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހު އުފުލި ދައުވާއެކެވެ.

ދައުވާކޮށްފައިވަނީ މަހްލޫފް ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ހުންނެވިއިރު ސްޕެޝަލް އިކޮނޮމިކް ޒޯންގެ ބިލަށް ވަކި ގޮތަކަށް ވޯޓެއް ދިނުމަށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ އަތުން 33،000 ޑޮލަރު ރިޝްވަތުގެ ގޮތުގައި ނެގިކަމުގެ ތުހުމަތުގައެވެ.

މި މައްސަލަ އަނބުރާ ގެނައުމަށް ޕީޖީ އޮފީހުން ނިންމީ ރިޝްވަތުގެ ގޮތުގައި މަހްލޫފަށް ލިބުނު ފައިސާއެއްކަން ސާބިކޮށްދެވޭނެކަމަށް ނުފެންނާތީއެވެ.

މި ދައުވާ އަނބުރާ ގެންދަން ނިންމާފައިވާއިރު ޚިޔާނާތުގެ ތުހުމަތުތަކާއެކު ދެފަހަރެއްގެ މަތިން މިނިސްޓަރ މަޚްލޫފް މަގާމުގެ މަސްއޫލިއްޔަތުން އެކަހެރިކުރިއެވެ.

ނަމަވެސް ދައުވާކުރުމާ މެދު ގޮތެއް ނުނިމި މަސްތަކެއް ފާއިތުވުމާއި ގުޅިގެން ސަރުކާރުންވަނީ ދެ ފަހަރުވެސް މަޚްލޫފްގެ ސަސްޕެންޝަން އުވާލާފައެވެ.

މަހްލޫފްގެ މައްޗަށް ކުރެވޭ ތުހުމަތުތައް އޭނާ އަންނަނީ އަބަދުވެސް ދޮގުކުރައްވަމުންނެވެ. މަހްލޫފް ކުރިން ވިދާޅުވެފައިވަނި ފައިސާ ލިބުނު މުއާމަލާތަކީ ޑޮލަރު ގަތުމުގެ ސައްހަ މުއާމަލާތެއް ކަމަށެވެ.


މަސްދަރު: ޕީއެސްއެމް

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް