ނަޢީމާގެ ހަށިގަނޑު ވަޅުލީ އިތުރަށް ޕޯސްޓްމޯޓަމް ހަދަންޖެހޭ ސަބަބެއް ނެތްކަމަށް ޕެތޮލޮޖިސްޓް ނިންމުމުން: ޕޮލިސް

ނ. މަނަދޫގައި ރަހުމްކުޑަ ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ނައީމާ މޫސާގެ ހަށިގަނޑު އާއިލާއާއި ހަވާލުކުރީ ތަހުލީލަށް ބޭނުންވާ ސާމްޕަލް ނެގުމަށްފަހު އިތުރަށް ޕޯސްޓްމޯޓަމް ހަދަންޖެހޭ ސަބަބެއް ނެތްކަމަށް ...

08 Apr 2023 | 15:32

ނ. މަނަދޫގައި ރަހުމްކުޑަ ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ނައީމާ މޫސާގެ ހަށިގަނޑު އާއިލާއާއި ހަވާލުކުރީ ތަހުލީލަށް ބޭނުންވާ ސާމްޕަލް ނެގުމަށްފަހު އިތުރަށް ޕޯސްޓްމޯޓަމް ހަދަންޖެހޭ ސަބަބެއް ނެތްކަމަށް ފުލުހުންގެ ފޮރެންސިކް ޕެތޮލޮޖިސްޓް ނިންމުމުން ކަމުގައި ފުލުހުން ބުނެފިއެވެ.

ނައީމާގެ މަރާއި ގުޅޭގޮތުން ފުލުހުން މިރޭ ނެރުނު ނޫސްބަޔާނެއްގައި އެކަން ހާމަކޮށްފައިވާއިރު އިތުރަށް ބުނެފައިވަނީ ނަޢީމާ މޫސާގެ މަރުގައި ތުހުމަތު ކުރެވޭ ކަންތައްތަކެއް ފާހަގަކުރެވިފައިވާތީ މި މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދަނީ ހޮމިސައިޑް އިންވެސްޓިގޭޝަނެއްގެ ގޮތުގައި ކަމަށެވެ. އެގޮތުން، ދިވެހި ފުލުހުންގެ ޚިދުމަތުގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމެންޓްގެ ހާއްސަ ތަހުގީގު ޓީމަކާއި ފޮރެންސިކް ތަހުގީގު ޓީމެއްގެ އިތުރުން ފޮރެންސިކް ޕެތޮލޮޖިސްޓެއް ނ.މަނަދޫގައި މިހާރު ދަނީ ހަރަކާތްތެރިވަމުން ކަމަށެވެ.

"ނ. މަނަދޫ، އަންނާރުމާގެ، ނަޢީމާ މޫސާ (62އ) ގެ ޙަބަރެއް ނުވެގެން އާއިލާގެ ފަރާތުން 2023 އޭޕްރީލް 07 ވަނަ ދުވަހުގެ 18:13 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވެއެވެ. މި ރިޕޯޓާ ގުޅިގެން ނަޢީމާ މޫސާ ދިރިއުޅޭ ގެއަށް ވަދެ ބެލި އިރު އޭނާ ދިރިއުޅޭ ކޮޓަރިތެރޭ ތަޅުންގަނޑުމަތީގައި އަނިޔާތަކާއެކު މަރުވެފައި އޮއްވާ ވަނީ ފެނިފައެވެ." ފުލުހުންގެ އެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

ފުލުހުން ބުނެފައިވަނީ ނަޢީމާ މޫސާގެ ހަށިގަނޑު ބަލައި، ތަހުލީލުތަކަށް ބޭނުންވާ ސާމްޕަލް ނެގުމަށްފަހު އިތުރަށް ޕޯސްޓްމޯޓަމް ހަދަންޖެހޭ ސަބަބެއް ނެތްކަމަށް ފުލުހުންގެ ފޮރެންސިކް ޕެތޮލޮޖިސްޓް ނިންމުމުން ހަށިގަނޑު ވަނީ އާއިލާއާއި ހަވާލުކޮށްފައި ކަމަށާއި ނަޢީމާ މޫސާގެ ހަށިގަނޑު މިއަދު 17:20 ގައި ވަނީ ވަޅުލާފައި ކަމަށެވެ.

ނަޢީމާ މޫސާގެ މަރާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިލައްވާފައިވާ ފަރާތެއް ވާނަމަ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9911099 އަށް ގުޅުއްވައި ހިއްސާކޮށްދެއްވުން ފުލުހުން އެދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް