ކަރަށް މަޅިގަނޑު މަހާލުމަށްފަހު ރީޝާ ދެލޯ މަރާލިއެވެ. އޭނާ އަމިއްލައަށް އޭނާގެ ހަޔާތުގައި ނިމުމުގެ ސިއްކަ ޖަހަން ތައްޔާރުވީ އެވެ. އެމަންޒަރު ދެކޭކަށްވެސް މީހަކު ނެތެވެ. އޭނާގެ ހިތާމަތަކާއި ކެކުޅުން ހިއްސާ ކުރާނޭ މީހަކު ނެތެވެ. ހިމާޔަތުގެ އަތެއް މިދުނިޔޭގައި ނެތެވެ. ހުރިހާ ކޮޅަކުން މަގު ބަންދުވީއެވެ. ހަޔާތުގައި ނަސީބުގެ ބައްތި ނިވުނީއެވެ. މާޔޫސްކަމުގެ އިންތިހާގައި އޭނާ އަމިއްލައަށް މި ރީތި ދުނިޔެއިން ނުކުމެގެން ދަނީއެވެ. ނިހާއީ ވޭނާއި ހޫނާއި ކެކުޅުމުގެ ދުނިޔެއަށެވެ. މަރެއް ނުވެމެ އަދި ލުޔެއް ނުމެލިބި އަބަދުގެ އަބަދަށް ދެމިއޮންނާނޭ ނަރަކައަށެވެ.
މިދުނިޔެ ކިހާރީތި ހެއްޔެވެ؟ ކިހާ ހިތްގައިމު ހެއްޔެވެ؟ ބަލާ ހުސްނުވާ ކުލަތަކެވެ. އިރު އުދަވަމުން ދާއިރު އޭގެ ރަން އަލީން މޫދުގެ ލޮނުގަނޑު ވިދައި ބަބުޅަމުންދާ ވަގުތެވެ. އެރަން އަވީގައި ކައުނުގައި ރަނުގެ ޗާދަރެއް ފެތުރިފައި އޮންނަ ކަހަލައެވެ. ލުއި ލުއި ވައިރޯޅި އާއި އެކު ރުކާއި ގަސްތަކުގެ ފަންތަކުން އެއިއްވާ މިޔުޒިކީ ރާގުތަކެވެ. ގަސްތަކުގައި ފޮޅި އެއްވަސް ވެފައިވާ މާތަކެވެ. އެފަދަ ކިތަންމެ ފަތިހެއް ރީޝާގެ ހަޔާތަށް އައުމަށް ފަހު އެނބުރި ހިނގައްޖެއެވެ.
ރީތި ދުނިޔެއެއްގައި އުފާވެރިއެތައް ވަގުތެއް އޭނާ ހޭދަކުރި އިރު ހެއްދެވި ފަރާތުގެ މަތީން ހަނދުމަނެތެވެ. އަދި އެއީ ހެއްދެވިގެންވާ ތަކެތިކަމާއި އުފެދުނު ތަކެތި ނޫންކަން ވިސްނައެއް ނުލެވެއެވެ. އެހެން ކަމުން ކޮންމެ އެއްޗެއްމެ ހިނގަމުންދަނީ އެއެއްޗަކަށް ކަނޑައެޅި ޤަރާރުވެގެންވާ ގޮތުގައި ކަމެއް ރީޝާއަކަށް ނުވިސްނެއެވެ.
ރީޝާ އަކީ މުއްސަނދި ކެރި ފޯރުންތެރިކަން ހުރި އާއިލާއެއްގެ ހަމައެކަނި އަންހެން ކުއްޖާއެވެ. އެއީ އަބުރުވެރި ޤަދަރުވެރި އާއިލާއެކެވެ. އޭނާ ދިރިއުޅެމުން ދިޔައީ ސުވަރުގޭގެ ބަގީޗާއެއް ފަދަ ރީތި ގެއެއްގައެވެ. އޭނާގެ ޚިދުމަތުގައި އެތައް ބަޔަކު ތިބެއެވެ. އޭނާއަށް ތަރުބިއްޔަތު ދީ ބަލައްޓާނެ މީހަކު ނެތަސް އޭނާއަށް ބޭނުންވާ އެހެން ކަންތައް ކޮށްދޭން ވިހި ފަންސަވީހުން މީހުން ތިބެއެވެ. ރިޒޯޓުތަކާއި ވިޔަފާރިތައް ހިންގުމުގައި އަވަދި ނެތި އުޅޭ މައިން ބަފައިންނާއި ރީޝާއަށް ދިމާވަނީ މަދުމަދުން ކަމަށް ވުމާއި އެކު މައިންބަފައިންނާއި ރީޝާއާއި ދެމެދުގައި ހުރީ ދުނިޔޭގެ ދެކޮޅުގެ ދުރުމިނެވެ.
ދަރިއަކު ބޮޑުވަމުން ޒުވާންވަމުން އަންނަކަން ރީޝާގެ މައިން ބަފައިންނަށް އެނގޭހެނެއް ހިއެއްނުވެއެވެ. އެހެން ނޫންނަމަ ދީނީގޮތުން އެނގެންޖެހޭ ކަންކަން އޭނާއަށް އުނގަންނައި ދޭނެއެވެ. ދިރިއުޅުމުގައި އަންހެނުންގެ ދައުރަކީ ކޮބައިކަން ބުނެދޭނެއެވެ. އެކަމަކު އެމީހުން ހީކުރީ ރީޝާގެ ކަންކަން ކޮށްދޭނޭ މީހުން ލާފައި، އޭނާ ސްކޫލަށް ފޮނުވާފައި ޓިއުޝަން ޓީޗަރުން ހޯދުމުން ތަރުބިއްޔަތު ކޮށްދެވުނީ ކަމަށެވެ.
ގޭތެރޭގެ މިނިވަންކަމުގެ ސަބަބުން ރީޝާއަށް ދުނިޔޭގެ އާދަތައް ދަސްވުމުގެ ބަދަލުގައި ދިޔައީ މަގު އޮޅެމުންނެވެ. އިންޓަނެޓާއި ޒަމާނީ ވަސީލަތްތަކުގެ ތެރޭގައި އޭނާ ދިޔައީ ގެއްލެމުންނެވެ. އެކަމަކު އެއިން ކަމެއް ރީޝާގެ މައިން ބަފައިންނަކަށް ރެއަކާވެސް ނުލައެވެ. އެމީހުން އަދިވެސް ދެކެނީ ރީޝާއަކީ ކުޑަކުއްޖެއް ކަމުގައެވެ. އޭނާގެ އުމުރުން ބާރަ ތޭރަ އަހަރަށް އެޅި އިރުވެސް އެމީހުން ޒުވާންވަމުން އަންނަ ދަރިއަކަށް މަގުދައްކައިދީ ކިޔައިދޭންޖެހޭ ކަމެއް އެމީހުންގެ ހަނދާނަކު ނެތެވެ.
އެއުމުރުގެ އެހެން ކުދީންނެކޭ އެއްގޮތަށް ރީޝާވެސް އައީ އިދިކޮޅު ޖިންސަށް ޝައުޤުވެރިވަމުންނެވެ. ޖިންސިއްޔާތުގެ ހިޔާލުތަކުގައި އޭނާގެ ސިކުނޑި ދިޔައީ ބަނދެވެމުންނެވެ. އެއުމުރުގެ ލާނެތް ފިރިހެން ކުދިންގެ ފަރާތުން އިވޭ ވާހަކަތަކާއި ކުރާ ޖިންސީ ކުދި ގޯނާތަކަށް ދިޔައީ ޝައުޤުވެރިވަމުންނެވެ. ހިތް އެދެވެމުންނެވެ. މިވަނީ އަދި މިކުރެވެނީ ކީއްކަންވެސް ނޭނގޭ ހާލުގައެވެ.
ރީޝާގެ ލޮލުގެ ކުރިމަތީގައި އޭނާގެ ބަރުބާދުވެ ދިޔަ ހަޔާތް އޮޅެމުން ނިއުޅެމުން ދިޔައެވެ. އުމުރުން އެންމެ ސާދަ އަހަރުގެ ކުރު ޙަޔާތުގައި އޭނާ މިދުނިޔެ ދޫކޮށްދަނީ އެވެ. އެތައް ފޮނި ހުވަފެން ތަކެއް ދެކެފައެވެ. ޑޮކްޓަރަކަށް ވުމުގެ ހުވަފެނެވެ. މައިން ބަފައިން ފަޚުރުވެރިވާ ފަދަ ރަނގަޅު ނަތީޖާތައް ކިޔެވުމުގައި ހޯދުމުގެ ހުވަފެނެވެ. ރީތި ގެއެއްގައި ރަނގަޅު ފިރިއަކާއި އެކު އުފާވެރި ދިރިއުޅުމެއް އުޅުމުގެ ހުވަފެނެވެ. އެކަމަކު އެއިން އެއްވެސް ހުވަފެނެއްގައި ކުލައެއް ނުޖެހުނެވެ. އޭނާއަށް އެހާ ދުވަހު ދުނިޔޭގައި ދެން ހުރެވެން ނެތީއެވެ. ހުއްޓަސް އެހާ ހިސާބަށް ވާޞިލް ވެވޭނޭ ކަމުގެ އުންމީދު ނެތީއެވެ.
ރީޝާއަށް އެންމެ ފުރަތަމަ ޖިންސީ ގޯނާއެއް ލިބުނީ، އޭނާގެ ޓިއުޝަން ޓީޗަރުގެ ފަރާތުންނެވެ. އެއްދުވަހަކު ބައްދާލި ވަހުޝީ ބައްދާލުމަކުންނެވެ. އެކަމާއި ރީޝާއަށްވެސް ގަޔާވެވުނީއެވެ. ތަޖުރިބާކޮށްލަން ބޭނުންވީ އެވެ. ސިކުނޑި ދެކޮޅު ހެދިޔަސް ހިތް އެކަމަށް އެދި ގޮވަން ފެށީއެވެ.
ހަފްތާގެ ތެރޭގައި ޓިއުޝަން ޓީޗަރު އަންނަ ތިން ދުވަހަށް އޭނާއަށް ކެތްތެރި ކަމެއް ނެތި އިންތިޒާރު ކުރެވެން ފެށީއެވެ. ޓީޗަރުގެ ބީހުންތަކާއި ފިރުމުންތަކާއި ތަދު ކުރުންތަކުގެ ޝައުޤުގައި ޖެހި އޭނާ އެކަމަށް ދެވި ހިފަމުން ދިޔައީއެވެ. އެންމެ ދުވަހަކުން ނޫނެވެ. އެތައް މަހެއްގެ ތެރޭގައެވެ.
ރީޝާގެ ޓިއުޝަން ޓީޗަރަކީ، އޭނާއަށް ވުރެ އުމުރުން ދެގުނަ ދޮށީ މީހެކެވެ. މީހަކާއި އިނދެދަރީން ލިބިފައި ހުރި މީހެކެވެ. ބަލާލަން ނުލާހިކު ރީތި އަދި ކޮންމެ އަންހެނެއްވެސް އޭނާގެ ރީތިކަމުގެ ޖާދޫގައި ޖެހޭވަރު މީހެކެވެ. ރީޝާގެ ހެދެމުން އައި ޅަ ސިކުނޑިއަށްވެސް ވީ އެހެނެވެ. ހިތަކަށް ލިބިފައިވާ މިނިވަންކަމުގެ ތެރޭން އިންޓަނެޓުން ބަލަމުން އައި ޖިންސީ އަމަލުތައް ހިމެނޭ މަންޒަރުތަކުގައި އެމީހުން ހޯދާގޮތަށް އުފާ ހޯދައި ތަޖުރިބާ ކުރަން ބޭނުން ވީއެވެ.
ފަހުން ފަހުން އެއީ ޓިއުޝަން ގަޑިއެއް ނޫނެވެ. ދެލޯބިވެރިއަކު އެމީހުންގެ ލޯބީގެ މީރުކަން އިހްސާސް ކުރާ ގަޑިއެވެ. އެމީހުން ކިޔަވަން ތިބެނީ މޭޒު ދޮށުގައެއް ނޫނެވެ. އެނދުމަތީގައްޔާއި ފާޚާނާގެ ބިލިގާ ތެރޭގައެވެ. ނޫނީ ކޮޓަރީގެ ބޮޑު ސޯފާ ސެޓްގެ ތެރޭގައެވެ.
ރީޝާ ޓީޗަރާއި އެކު ކުރަނީ ކީއްތޯ ދުވަހަކުވެސް އޭނާގެ މައިންބަފައިންނެއް ނުބަލައެވެ. ދީނީ ގޮތުން ހެޔޮނުބައި ވަކިކޮށްދީ އަމިއްލަ ނަފުސުގެ ކަރާމަތާއި، އިއްޒަތަކީ ކޮބައިކަން ބުނެ ނުދިނަސް އެމީހުން ޔަޤީންކޮށްގެން ތިބީ އެކަންކަން ރީޝާއަށް ވެސް އެނގޭނެ ކަމަށެވެ. އެކަމަކު އެއްވެސް ކަމަކީ، ކުއްޖާ ދުނިޔެއަށް އުފަންވާއިރު ދަސްވެފައި ހުންނަ ކަމެއް ނޫންކަމާއި، ކޮންމެ ކަމެއްވެސް ދަސްވަނީ މާހައުލުން ނުވަތަ މީހަކު ބުނެދީގެން ކަމުގައި އެމީހުން ހަނދާން ނެތީއެވެ.
އަހަރެއްހާ ދުވަސް ވާންދެން ރީޝާ އާއި ޓީޗަރުގެ ގުޅުން އޮތް އިރު، އެދެމެދުގައި ނުހިނގާ ގުޅުމެއް ނެތެވެ. ރަނގަޅަށް ފަރިވެ ފޮޅުމުގެ ކުރީން އެމަލުގެ ފިޔަތަށް ކަރުގަނޑާއި ވަކިވެ ނިމިއްޖެއެވެ. އެކަމަކު މިކުރެވެނީ އަދި ކުރެވުނީ ކިހާވަރެއްގެ ނުބައިކަމެއް ކަމެއް ރީޝާއަކަށް އިހްސާސެއް ނުވެއެވެ. އޭނާއަށް އެނގެނީ އެއިން ކޮންމެ ބީހުމެއްގެ ވަގުތުގައި ޓީޗަރު ބުނެދިން އެއްޗެކެވެ. އެފަދަ ކަންކަމަކީ، ކޮންމެ މީހަކުވެސް ކުރާނެ ކަންކަން ކަމުގައެވެ. އަދި އެއްވެސް މީހަކަށް އެއީ މައިން ބަފައިންނަމަވެސް ފާޅު ނުކުރާނެ ކަންކަން ކަމުގައެވެ.
ކުލާސް ބަދަލުވުމުން އެޓީޗަރު ކިޔަވައިދޭ މާއްދާތައް ރީޝާ ނުކިޔަވާތީ، އޭނާއަށް އެގެއަށް ދެން އާދެވޭނެ ގޮތެއް ނެތުނީއެވެ. އެކަމާއި ހިތާމަ ކުރީ ޓީޗަރެއް ނޫނެވެ. ރީޝާއެވެ. ރޭތަކާއި ދުވާ އޭނާ ގުނަމުން ދިޔައީ ޓީޗަރުގެ ފިރުމުންތަކާއި ބީހުންތައް ހަނދާން ކުރަމުންނެވެ. އިންޓަނެޓުގެ ތެރޭގައި އެފަދަ ވީޑިއޯތަކާއި ފޮޓޯތައް ބެލުމުގެ ތެރޭގައެވެ.
އެދެމީހުންގެ ގުޅުން ދެން ބަދަލުވީ މުޅިން އެހެން ގޮތަކަށެވެ. ވާޗުއަލް ދުނިޔެއަށެވެ. ދެމީހުންގެ އިހްސާސްތައް ބަނޑުން ކުރަމުން ދިޔައީ، ފޯނުންނާއި، ސްކައިޕާއި ފޭސްބުކް ފަދަ ސޯޝަލް ނެޓްވާކު ތަކުން ކުރެވޭ ވީޑިއޯ ކޯލްތަކުންނެވެ. ފޮނުވޭ ފޮޓޯތަކުންނެވެ.
އެގުޅުމުގެ ތެރެއަށް ދެންފާވީ، އެއަށްވުރެ ނުބައި ކަމެކެވެ. ރީޝާގެ އެކަންތައް އޭނާ އާއި އެއް އުމުރެއްގެ ދެބެންގެ ދެދަރި ފިރިހެން ކުއްޖެއް ކަމުގައިވާ މިޝްއާލްއަށް ފާޅުވުމުންނެވެ. އެއީވެސް ކުޑައަކަސް ވަހުޝީކަން ބޮޑު ކުއްޖެކެވެ. ވާނީވެސް އެހެންނެވެ. ގެތެރޭގެ ހުސްކަމުގައި، އިމެއްނެތް މިނިވަންކަމުގައި އެކުދީން ކުރާނެ ކަމެއް ކުރަން އޮތީ ފުރުޞަތު ލިބިފައެވެ. ސޯޝަލްމީޑިއާގައި މީހަކު ފޮނުވާލާއި އެންމެ ފޮޓޯއަކުން އެކުދިންގެ މުޅި ޚިޔާލާއި ފިކުރު ޖިންސީ އެދުންވެރިކަމުގައި ޖައްސައި އަވަދިކޮށްލަނީއެވެ.
ރީޝާއަށް އާކަމަކަށް ނުވިޔަސް ފުރަތަމަ މިޝްއާލަށްވީ އާކަމަކަށެވެ. ދެމީހުން ކޮޓަރީގައި ވަގުތުތައް ހޭދަކުރަނީ މައިންބަފައިން ގޭގައި ނޫޅޭ ވަގުތު ބަލާފައެވެ. ނަމަވެސް އެމީހުން ގޭގައި އުޅޭ ބައެއް ރޭރޭވެސް މިޝްއާލާއި ރީޝާ ކޮޓަރީގެ ތެރޭގައި ފާހިޝް އަމަލުތައް ހިންގަމުން ދިޔަ ނަމަވެސް އެމީހުންގެ މައިންބަފައިންނަކަށް އެކަން ކަމެއް ރޭކާވެސް ނުލައެވެ. އެމީހުން ދެކެނީ، އެމުރުން އެންމެ ސާދަ އަހަރުގެ އެކުދީންނަކީ ޖިންސިއްޔާތަށް ހުށައެޅިގެންދާ ވަރަށްވުރެ ކުޑަކުދީން ކަމުގައެވެ. އެކަމަކު އެއުމުރަކީ ކުދީން ޖިންސީކަންކަމުގެ ތެރެއަށް ހުށައެޅި އެންމެ ފަސޭހައި ގެއްލިގެންދާ އުމުރުކަން އެމީހުންނަށް ނޭނގުނީ އެމީހުންގެ ސިކުނޑީގައި ހުރި އުނިކަމަކުން ކަމުގައި ވެދާނެއެވެ.
ޓީޗަރަށް ފަހު މިޝްއާލް އާއި ރީޝާގެ ގުޅުން ފެށުނީއެވެ. ދުނިޔޭގެ ކަންކަމަށް ހޭވެރިކަން ނުވާ ދެކުދިން އެއަމަލުގެ ތެރޭގައި އަމިއްލައަށް ފޮޓޯތައް ނަގައި ވީޑިއޯތައްވެސް ކުރަމުން ގެންދިޔައީ މަޖަލަކަށެވެ. އުފަލަކަށެވެ. ދެން ދިމާވީ އެހެން ގޮތެކެވެ.
މިޝްއާލް އާއި އެކު އެގެއަށް އައި ކުއްޖަކަށް އެކަން ބޭޒާރުވީއެވެ. މިޝްއާލް އާއި ރީޝާ ނަގާފައިވާ ވީޑިއޯ ތަކާއި ފޮޓޯތައް ރީޝާގެ ކޮމްޕިއުޓަރުން އޭނާއަށް ފެނުނީއެވެ. ކޮމްޕިއުޓަރުން ގޭމްކުޅުމަށް އޭނާގެ އަތްމަޗައް އެތަކެތި ދޫކޮށްލާފައި ރީޝާ އާއި މިޝްއާލް ކާން ބޭރަށް ނުކުތް ވަގުތުގައެވެ.
އޭނާ އެވީޑިއޯތަކާއި ފޮޓޯތައް އޭނާގެ ޕެންޑްރައިވްއަކަށް އަޅައިގެން ސިއްރުން ގެންދިޔައީއެވެ. އެކަން މިޝްއާލަކަށްވެސް ރީޝާއަކަށްވެސް ނޭނގެއެވެ. ފުރަތަމަ އެކަން އެނގުނީ ރީޝާއަށެވެ. އެކުއްޖާ ރީޝާއަށް ގުޅާފައި އެތަކެތި ހުރިވާހަކަ ބުނުމުންނެވެ. އަދި ފައިސާ ނުދީފިނަމަ ލީކްކޮށްލާނެ ކަމަށާއި، އަދި އެހެން މީހެއްގެ ގާތުގައި ބުނެފިނަމަވެސް ލީކު ކޮށްލާނެ ކަމުގައި ބުނެ ބިރުދެއްކުމުންނެވެ. ރީޝާ އެވާހަކަތައް ދެއްކީ ހަމައެކަނި މިޝްއާލްގެ ގާތުގައެވެ. ޖެހުނު ދަންތުރައިން ސަލާމަތްވާނެ ގޮތެއް އެޅަސިކުނޑިތަކަކަށް ވިސްނައެއް ނުގަނެވުނެވެ.
ރިޝާ އޭނާގެ ކޮމްޕިއުޓަރުގައި ހުރި ފޮޓޯތަކާއި ވީޑީއޯތައް ފުހެލިއެވެ. ގަތް ބިރުންނެވެ. އެކަމަކު އޭރު ވާނެ ހުރިހާ ގޮތެއްވެ ނިމިއްޖެ ކަމެއް ރީޝާއަކަށް ނުވިސްނެއެވެ. ދެން ހެދޭނެ ގޮތެއްވެސް ނޭނގެއެވެ. އޭނާއަށް ވިސްނުނީ އެންމެ ކަމެކެވެ. ދުނިޔެއަށް ފިލުމެވެ. އަބަދުގެ އަބަދަށެވެ. މައިންބަފައިންވެސް ރީޝާ އާއި މެދު އަޅާލުން ކުޑަކުރި ގޮތަށް އޭނާ ނެތުމުން މައިން ބަފައިން ކުރާނެ ހިތާމަ ވިސްނައިގަންނާކަށްވެސް ރީޝާއަކަށް ނޭނގެއެވެ. އަދި ހަނދާނަކަށްވެސް ނާދެއެވެ.
ރީޝާ ފުއްމާލަށް ތައްޔާރުވިއެވެ. ފޯނުނަގައި މިޝްއާލަށް މެސެޖެއް ލިޔަންފެށިއެވެ. މެސެޖް ހަމަ ލިޔަންފެށިތަނާ، މިޝްއާލުގެ ކޯލެއް އައެއެވެ. ރީޝާ ކޯލް ނަގައި ފޯނު ކަންފަތުގައި ޖެހިއެވެ. އެކުއްޖާގެ އަތުން ޕެންޑްރައިވް އަތުލައި ހަލާކުކޮށްލި ކަމަށާއި އެއްވެސް މީހަކަށް ދެން އެއިން ފޮޓޯއެއްވެސް ވީޑިއޯއެއްވެސް ނުފެންނާނެ ކަމަށާއި، އެކަން ނިމުނީކަމުގައި މިޝްއާލު ބުންޏެވެ. އޭނާ ހުރީ އުފާވެފައެވެ. އަޑުގައި ހިތްހަމަޖެހުމުގެ އަސަރު ހުއްޓެވެ.
ރީޝާވެސް ހިތްހަމަޖެހުމުގެ ފުންނޭވާއެއް ލިއެވެ. ނުރައްކާތެރި އަނދަވަޅަކުން ސަލާމަތްވީމައެވެ. އެއަތުން ފޯނު ހިފަހައްޓައިގެން ހުރެ އޭނާ އަމިއްލައަށް ކަރަށް މަހާލި މަޅި ނަގަން އުޅުނު ވަގުތު ފޯނު އަތުތެރެއިން ދޫވުމުން، ރީޝާއަށް އަތްދިއްކޮށްލެވުނީ ވެއްޓެމުންދިޔަ ފޯނުގައި ހިފުމަށެވެ. އެވަގުތު ހަށިގަނޑަށް އެރި ލޮޅުމާއި އެކު، ރީޝާ އަރައިހުރި ޑްރެސިންގެ ޓޭބަލްގެ ގޮނޑިން ބެލެންސް ގެއްލުމާއި އެކު ފައިދޮށުން ގޮނޑި ނެއްޓިގެން ހިނގައްޖެއެވެ. އަދި މަޅީގައި ހިފިފައި ހުރި އަތާއި އެކު ރީޝާގެ ކަރުގައި މަޅިބާރުވެއްޖެއެވެ.
ސަލާމަތްވޭތޯ ރީޝާ ތެޅެމުން ދިޔަވަރަކަށް މަޅި ދިޔައީ ބާރުވަމުންނެވެ. ނޭވާ ބަންދުވަމުންނެވެ. އޭނާގެ ލޮލުން ކަރުނަ ހިލުނެވެ. ހަޅޭލެވޭތޯ އުޅުނެވެ. އެކަމަކު އޭނާގެ ނަފުސަށް އަޑުއިވޭވަރަށްވެސް އޭނާގެ އަޑު ބޭރެއް ނުވިއެވެ. ހަށިގަނޑުން ފުރާނަ ވަކިވަމުން ދިޔައިރު، މަންޒަރުތައް އަވަސްކޮށްލާފައިވާ ފިލްމެއްހެން ރީޝާއަށް ފެންނަމުން ދިޔައީ މާޒީއެވެ. އޭނާގެ ދިރިއުޅުން ކަސިޔާރުވެ ދިޔަގޮތެވެ.
ރީޝާގެ ޚަބަރެއް ނުވެގެން ރީޝާގެ މަންމައާއި ބައްޕަ ކޮޓަރީގެ ދޮރު ހަލާކުކޮށްލައިގެން ވަނެވެ. އެމީހުންނަށް ފެނުނީ ބުއްދި އުދުހިގެންދާ ފަދަ މަންޒަރެކެވެ. ކެތްކުރަން ދަތި މަންޒަރެކެވެ. އެމީހުންގެ ދަރިފުޅު މަގުން ކައްސާލީ ކީއްވެ ކަމެއް އެމީހުންނަކަށް ނޭނގުނެވެ. ގޯސްކޮށް ހިނގައި ދިޔައީ ކޮންކަމެއް ކަމެއް ނޭނގުނެވެ.
އެދުވަހަށް ފަހު މިޝްއާލްވީ ނަފްސާނީ ބަލިކުއްޖަކަށެވެ. އޭނާ އަބަދު ހުންނަނީ ބިރުގެންފައެވެ. ދައްކަނީ ބުއްދި ހަމަ ނުޖެހޭ ވާހަކައެވެ. ހުރިހާ އެންމެންނަށްވެސް ވިސްނުނީ މިޝްއާލް އާއި ރީޝާ އަކީ ތިމާގެ ދެކުދިންނަށް ވެފައި އެހާ އެކުގައި އުޅުނު ދެކުދިން ކުއްލި ގޮތަކަށް ވަކިވުމުން މިޝްއާލްއަށް އެކަމަށް ކެތް ނުވީ ކަމުގައެވެ.
--ނިމުނީ—
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް