ޖުމްހޫރީ ޕާޓީ އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އުފައްދައިގެން އުޅުއްވާ ފިކުރެއްގެ ދިރުމަށް އެއްބަސްވުމަކަށް ނާދެވިގެން އުޅެނީ ބަރުލަމާނީ ނިޒާމުގެ މައްސަލައިގަ ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު ވިދާޅުވެއްޖެ އެވެ.
ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބުގައި ވަކިން ވާދަ ކުރަން ވަނީ ނިންމާފައި އެވެ. އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމެވެ.
އެޕާޓީގެ ނިންމުމަށް މަރުހަބާ ކިޔައި ނަޝީދުގެ ޓީމުން ދަނީ ގުޅިގެން މަސައްކަތްތަކެއް ކުރަމުންނެވެ. މިހާތަނަށް މީޑިއާއަށް އެނގިގެން ނަޝީދާއި ގާސިމްގެ ޓީމުން ތިނަކަށް ވުރެ ގިނަ ބައްދަލުވުން ބާއްވާފައިވެ އެވެ.
އަދި އިއްޔެ ވަނީ ގާސިމްގެ ފަރާތުން ނަޝީދުގެ ޓީމަށް ސަން އައިލެންޑު ރިސޯޓުގައި ރޯދަ ވީއްލުމެއްވެސް ދީފައި އެވެ.
މި ބައްދަލުވުންތަކާއި ގުޅޭގޮތުން މަވޯޓާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދެ ފަރާތަށް އަދިވެސް އެއްބަސްވުމަކަށް އާދިވެފައި ނުވާކަމަށް ފިކުރެއްގެ ދިރުމުގެ ފަރާތުން އޭނާއަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. ސަބަބަކީ ބަރުލަމާނީ ނިޒާމަށް ދާން ގާސިމް އަދިވެސް އެއްބަސްވެވަޑައި ނުގެންނަވާތީ ކަމަށް މަވޯޓާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބަރުލަމާނީ ފިޔަވާ އެހެން ހުރިހާ ކަމަކަށް ދެ ފަރާތުން އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ.
ރާއްޖެއަށް ބަރުލަމާނީ ނިޒާމު ގެނައުމަކީ ފެށުނީންސުރެ ރައީސް ނަޝީދުގެ މަސައްކަތްޕުޅު ކުރައްވަމުންދާ ކަމެކެވެ. އެކަމަކު އެމްޑީޕީ ތެރެއިންވެސް އެކަމަށް ވަނީ ދެކޮޅު ހަދާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް