ގިނައިން އަރައިރުންވާނަމަ އިސްލާމްދީން ފެންނާނީ ހުތުރު ދީނެއްގެ ގޮތުގައި: ޝައިޚް ޙުސައިން

ގިނަ ގިނައިން އިޚްތިލާފްވެ، އަރައިރުންވާނަމަ ޣައިރު މުސްލިމުންނަށް އިސްލާމްދީން ފެންނާނީ ހުތުރު ދީނެއްގެ ގޮތުގައިކަމަށް އައްޝައިޚް ޙުސައިން ޢަބްދުﷲ ސަޢީދު ވިދާޅުވެއްޖެއެވެ. ޝައިޚް މިހެން ވިދާޅުވީ “އިޚ...

08 Apr 2023 | 06:50

ގިނަ ގިނައިން އިޚްތިލާފްވެ، އަރައިރުންވާނަމަ ޣައިރު މުސްލިމުންނަށް އިސްލާމްދީން ފެންނާނީ ހުތުރު ދީނެއްގެ ގޮތުގައިކަމަށް އައްޝައިޚް ޙުސައިން ޢަބްދުﷲ ސަޢީދު ވިދާޅުވެއްޖެއެވެ.

ޝައިޚް މިހެން ވިދާޅުވީ “އިޚްތިލާފީ މައްސަލަތަކުގައި ޢަމަލުކުރަންޖެހޭ ޝަރުޢީ މިންގަނޑު” މި މައުޟޫއަށް އިހްޔާ ފޯރަމްގައި ތަޤްރީރު ކުރައްވަމުންނެވެ.

ހޯރަފުށީގައި ކުރިއަށް ގެންދިޔަ 10 ވަނަ އިޙްޔާ ފޯރަމްގައި ތަޤްރީރުކުރައްވާފައި ވަނީ އައްޝައިޚް ޙުސައިން ޢަބްދުﷲ ސަޢީދުގެ އިތުރުން އައްޝައިޚް ޢަބްދުލް ޤާދިރެވެ.

މިމައުޟޫޢަށް ތަޤްރީރުކުރައްވަމުން އައްޝައިޚް ޙުސައިން ވިދާޅުވީ އިސްލާމްދީނުގައި ވަނީ އަޅުގަނޑުމެން، އެކީ އެއްބައެއްގެ ގޮތުގައި އުޅުމަށް އަމުރު ކުރައްވާފައި ކަމަށެވެ.

ފިކުރީ އިޚްތިލާފްތަކަށް ބައްލަވައި ޝައިޚް ޙުސައިން ވިދާޅުވީ ކީރިތި ރަސޫލާ ﷺ ގެ ސުންނަތުން އަންގަވާފައިވާ ކަންކަމުގައި ފިކުރީ އިޚްތިލާފް އުފެދިފައި ނުވާކަމަށެވެ. އަދި ދީނުގެ ބޮޑެތި ކަންކަމުގެ ގޮތުގައި ކަނޑައަޅުއްވާފައިވާ ކަންކަމުގައިވެސް ޚިލާފު އުފެދިފައި ނުވާކަމަށެވެ.

ރަސޫލާ ﷺ ގެ ފަހުން ވަރަށް ގިނަ ޚިލާފުތައް އަންނާނެކަމަށް އެކަލޭގެފާނު ހަދީޘް ކުރައްވާފައިވާ ކަމަށާއި އެހެންނަމަވެސް އެކަމުގައި އޮތީ އެކަލޭގެފާނުގެ ސުންނަތާއި ޚަލީފާ އިން އުޅުއްވި ގޮތުގައި ވަރުގަދައަށް ހިފައިގެން ތިބުން ކަމަށެވެ.

މިކަން މީގެ އެތައް ޒަމާނެއް ކުރިން ރަސޫލާ ﷺ ވަނީ ބަޔާންކުރައްވާފައި ކަމަށް ވިދާޅުވިއެވެ.

މި ފޯރަމްގައި ތަޤްރީރުކުރައްވަމުން އައްޝައިޚް ޢަބްދުލް ޤާދިރު ވިދާޅުވީ ކީރިތި ޤުރުއާނުގައި އިންސާނާ ހައްދަވާފައިވާގޮތް ވަރަށް ތަފްސީލުކޮށް ބަޔާންކުރައްވާފައިވާކަމަށެވެ. އެގޮތުން އިންސާނުން ހައްދަވާފައިވަނީ ތަފާތު އެކިއެކި ބަސްބަހުން ވާހަކަދައްކާ ބައެއްގެ ގޮތުގައި ކަމަށާއި އިންސާނުން ހައްދަވާފައި ވަނީ ތަފާތު ކުލަތަކުގައި ކަމަށެވެ.

މިކަމުން އެނގެނީ އަޅުގަނޑުމެންގެ ތެރޭގައި ތަފާތު ހުންނާނެކަން ކަމަށް ވިދާޅުވިއެވެ. އެހެންކަމުން އެ ތަފާތުތަކާ ނުލާ ނޫޅެވޭނެކަމާއި އެ ޚިލާފްތައް އަޅުގަނޑުމެންގެ ތެރޭގައި އަންނާނެކަން ޤަބޫލުކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.

ޝައިޚް ޢަބްދުލް ޤާދިރު ވަނީ މުޖުތަމައުގެ ތެރޭގައި ޚިލާފް އުފެދޭ ކަންތައްތަކަށް ބައްލަވައި އޭގެ ތެރެއިން އެއްކަމަކީ ޢަޤީދާގައި ހިމެނޭ ޚިލާފް ކަމަށާއި އަޤީދާގައި ހިމެނޭ ޚިލާފްތަކާ ވަރަށް ބޮޑަށް ދުރުވާންޖެހޭ ކަމަށް ވިދާޅުވެފައެވެ.

އަދި ޚިލާފްއުފެދެން މެދުވެރިވާ ސަބަބުތަކާއި ޚިލާފް އުފެދޭ މައްސަލަތަކުގައި ޢަމަލުކުރަންވީ ގޮތާއި މިފަދަ މައްސަލަތަކުގައި ޢަމަލުކުރާނެ ގޮތް ތަފްސީލުކޮށްދެއްވިއެވެ.

މި ފޯރަމްގައި ދެ ބޭފުޅުންވެސް ވަނީ ޚިލާފީ މައްސަލަތަކާމެދު ވަރަށް ތަފްސީލުކޮށް ބައްލަވައި މިސާލުތައް ދައްކަވާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް