ނ. މަނަދޫގައި މަރާލާފައި އޮއްވަ ފެނުނު ނައީމާ މޫސާގެ މަރުގެ ތަހުގީގަށް މާލެއިން ފުލުހުންގެ ޓީމެއް އެ ރަށަށް ގޮސްފި އެވެ.
އުމުރުން 62 އަހަރުގެ ނައީމާ މަރާލާފައި އޮއްވަ ފެނުނީ ހަބަރެއް ނުވެގެން އާއިލާއިން ރިޕޯޓު ކުރުމުން ފުލުހުން ގޮސް އޭނާ ދިރިއުޅޭ ގޭ ދޮރު ވައްޓާލައިގެން ވަތްއިރު އެވެ. އެކަނި ދިރިއުޅޭ އެމީހާ މަރާލާފައިވަނީ ހަށިގަނޑުގެ އެކި ތަންތަނަށް ވަޅި ހަރައި ކަމަށްވެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ މަނަދޫގައި އަންހެން މީހާ މަރާލި މައްސަލައިގެ ތަހުގީގަށް އެ ރަށަށް ދިޔައީ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމެންޓުގެ ޓީމެއް ކަމަށެވެ. އެ ޓީމު މިހާރު މައްސަލަ ތަހުގީގު ކުރުމުގައި ހަރަކާތްތެރިވަމުންދާ ކަމަށް ވިދާޅުވި އެވެ.
ރޭ ފުލުހުން ބުނީ އެ މައްސަލަ އާއި ގުޅިގެން ރަށަށް އަރައި ފައިބާ މީހުންގެ މައުލޫމާތު ފުލުހުންނާއި ހިއްސާ ކުރުމަށް ރަށު ކައުންސިލްގައި އެދިފައިވާނެ ކަަމަށެވެ.
ނައީމާގެ ހަށިގަނޑު ފެނުނު ބައެއް މީހުންނާއި ހަވާލާދީ މީޑިއާގައި އެ ރަށު މީހަކު ބުނެފައިވާ ގޮތުގައި ނައީމާ މަރާލާފައި އޮތީ ހަށިގަނޑުގެ 21 ތަނަކަށް ވަޅި ހަރައި އެވެ. އަދި ނައީމާ މަރުވެގެން ވެއްޓިފައި އޮތް ކޮޓަރި ތެރޭގައިވެސް ގިނަ އަދަދެއްގެ ލޭ ހުރި ކަމަށް ބުނެފައިވެ އެވެ.
ނައީމާ ޑިއުޓީއަށް ނުނިކުންނަތާ ދެ ދުވަސްވެ، އެ ދެ ދުވަހު އެގޭގެ ދޮރުގައި ތަޅާތަަޅައިވެސް ނުހުޅުވިކަން އާއިލާގެ ސަމާލުކަމަށް ގެނައީ އެކު މަސައްކަތް ކުރާ މީހުންނެވެ. ނައީމާ އަކީ ކައުންސިލް ވަޒީފާއެއްގައި މަގު ކުނިކަހާ މީހެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް