މިއަހަރުގެ ރަމަޟާން މަހުގެ އިހްޔާ ފޯރަމް ބާއްވަން ފެށިފަހުން ސިޓީތަކުގައި ބާއްވާ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ ކުޅުދުއްފުށީ ސިޓީގައި އޮންނާނެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ކުޅުދުއްފުށީގެ ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގައި މިރޭ 21:30 އިން 22:30 އަށް ގެންދާ މި ފޯރަމްގައި ތަޤުރީރުކުރައްވާނީ ޑރ. ސަޢުދުﷲ ޢަލީ އަދި އައްޝައިޚް ޢަބްދުލް ޢަޒީޒު ޙުސައިން ކަމަށެވެ.
އަދި މިބޭފުޅުން ވާހަކަފުޅު ދައްކަވަން ހަމަޖެހިފައިވާ މައުޟޫއުއަކީ ”ދީނުގެ ޝިޢާރުތަކަށް ޙުރުމަތްތެރިކޮށް ހިތުން” މި މައުޟޫއެވެ.
މިރޭގެ ފޯރަމް މުންނާރު ޗެނަލުން ވަގުތުން ދައްކާނެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މި އަހަރުގެ އިޙްޔާ ފޯރަމްތައް ކުރިއަށްދާނީ ކޮންމެ ހުކުރު ދުވަހެއްގެ ރޭ އަތޮޅުތަކަށް ޚާއްސަކޮށްގެން ކަމަށެވެ.
އެގޮތުން މިރޭ ކުޅުދުއްފުށީ ސިޓީގައި އިޙްޔާ ފޯރަމް ބާއްވާއިރު 15 އޭޕްރީލްގައި އައްޑޫ ސިޓީގައި، 22 އޭޕްރީލްގައި ފުވައްމުލަކު ސިޓީގައި، އަދި 29 އޭޕްރީލްގައި ރ. އުނގޫފާރުގައި މި ފޯރަމް ކުރިއަށް ގެންދާނެ ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.
މީގެ އިތުރުން އެ މިނިސްޓްރީން ބުނީ އާދިއްތަ އަދި ބުރާސްފަތި ދުވަހު އިޙްޔާ ފޯރަމްތައް ކުރިއަށްދާނީ މާލެ ސިޓީ، އިސްލާމީ މަރުކަޒުގައި ކަމަށެވެ.
މިއީ ރަމަޟާން މަހުގެ ރޭތައް އިޙްޔާކުރުމުގެ ޖަލްސާތައް ބާއްވަންފެށިފަހުން، ސިޓީތަކުގައި މިފަދަ ޖަލްސާއެއް ބާއްވާ ފުރަތަމަ ފަހަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް