އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުން ރަޝިޔާ ސަސްޕެންޑު ކުރުމާ ބެހޭ ގޮތުން އދ.ގެ އާންމު މަޖިލީހުގައި އިއްޔެ ނެގި ވޯޓުގައި ރާއްޖެއިން ވަކި ގޮތަކަށް ވޯޓު ދީފައެއް ނުވެއެވެ.
މި ވޯޓް ނަގާފައި ވަނީ ޔޫކްރޭން ހަނގުރާމައިގައި ރަޝިޔާގެ ފައުޖުތަކުން އިންސާނީ ހައްގުތަކާ ހިލާފު އަމަލުތައް ހިންގާ ކަމަށް ބުނެއެވެ.
އެގޮތުން އދ.ގެ އާންމު މަޖިލީހުގައި ނެގި ވޯޓުގައި 93 ގައުމަކުން ވޯޓު ދިނީ ރަޝިޔާ، އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުން ސަސްޕެންޑު ކުރުމަށެވެ. އެގޮތަށް ވޯޓު ދިން ގައުމުތަކުގެ ތެރޭގައި އެމެރިކާއާއި އިނގިރޭސިވިލާތާއި ޖަރުމަނާއި އިސްރާއީލް ހިމެނެއެވެ.
ނަމަަވެސް އެ ގަރާރާ ދެކޮޅަށް 24 ޤައުމަކުން ވޯޓު ދީފައިވެއެވެ.
އެ ޤަރާރާ ދެކޮޅަށް ވޯޓުު ދިން ޤައުމުތަކުގެ ތެރޭގައި، ރަޝިޔާގެ އިތުރުން ޗައިނާއާއި ސީރިއާއާއި އީރާނާއި އުތުރު ކޮރެއާ ހިމެނެއެވެ.
މީގެ އިތުރުން އެ ވޯޓުގައި ވަކި ފަރާތަކަށް ނުޖެހޭ 58 ގައުމު ހިމެނެއެވެ. އޭގެ ތެރޭގައި ރާއްޖޭގެ އިތުރުން އިންޑިއާއާއި ސައުދީ އަރަބިއާއާއި ސްރީލަންކާއާއި ޕާކިސްތާން ހިމެނެއެވެ.
އެ މަޖިލިސް އުފެއްދުމާ ބެހޭ ގަރާރުގައިވާ ގޮތުން، އެ މަޖިލީހުގެ މެންބަރަކު އިންސާނީ ހައްގުތަކާ ހިލާފު އަމަލުތައް ހިންގައިފި ނަމަ އެގައުމެއް ސަސްޕެންޑު ކުރުމުގެ ބާރު އާންމު މަޖިލީހަށް ލިބިގެންވެއެވެ.
އިއްޔެގެ ވޯޓަށް ފަހު ރަޝިޔާއިން ވަނީ އެގައުމުން ދައުރު ނިމުމުގެ ކުރިން ހައްގުތަކާ ބެހޭ މަޖިލީހުން ވަކިވާން ނިންމާފައިވާ ކަމަށާއި،
އާންމު އެ މަޖިލީހުގައި ބާރު ހިންގަނީ އަމިއްލަ ފައިދާއަށް މަސައްކަތް ކުރާ މަދު ގައުމުތަކަކުން ކަމަށް ރަޝިޔާއިން ތުހުމަތު ކޮށްފައި ވެއެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 24ގައި ރަޝިޔާއިން ޔޫކްރޭނަށް އަރައިގަތުން ކުށްވެރިކޮށް، ހަނގުރާމަ ވަގުތުން ހުއްޓާލުމަށް ގޮވާލައި މިދިޔަ މަހުގެ ދެ ވަނަ ދުވަހު އދ.ގެ އާންމު މަޖިލީހުގައި ނެގި ވޯޓަށް ރާއްޖެއިން ތާއިދުކުރިއެވެ.
އެ ވޯޓާ ބެހޭ ގޮތުން މިދިޔަ މަހުގެ 13ގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ، ޔޫކްރޭން މައްސަލައިގައި ރާއްޖޭގެ ވިސްނުން ވަރަށް ސާފު ކަމަށާ ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބިނާވެފައިވަނީ ކޮންމެ ގައުމެއްގެ ވެސް މިނިވަންކަމާއި ސިޔާދަތަށް ޙުރުމަތްތެރިކޮށް ހިތުމުގެ މައްޗަށް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް