ފެންނަނީ ކާބޯތަކެތި ހެދުމުގައި މީސްމީޑިއާގައި ވާދަކުރާތަން، ކުރެވެނީ ބޮޑު އިސްރާފެއް: ހުކުރު ހުތުބާ

ރޯދަވީއްލުމަށްޓަކައި ތަފާތު އެތައް ބާވަތެއްގެ ކާބޯތަކެތި ތައްޔާރުކުރުމަކީ މިއަދު ދުނިޔޭގައި މުސްލިމުންގެ އާދައަކަށްވެފައިވާކަމަށާއި މީސްމީޑިއާމެދުވެރިކޮށް މިކަމުގައި އެކަކު އަނެކަކާ ވާދަކުރާތަންވެސް ފ...

08 Apr 2022 | 08:47

ރޯދަވީއްލުމަށްޓަކައި ތަފާތު އެތައް ބާވަތެއްގެ ކާބޯތަކެތި ތައްޔާރުކުރުމަކީ މިއަދު ދުނިޔޭގައި މުސްލިމުންގެ އާދައަކަށްވެފައިވާކަމަށާއި މީސްމީޑިއާމެދުވެރިކޮށް މިކަމުގައި އެކަކު އަނެކަކާ ވާދަކުރާތަންވެސް ފެންނަކަމުގައި މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

މިއަދު ހުކުރު ހުތުބާގެ މައުލޫއަކީ އިސްރާފު ކުރުމެވެ.

މި މައުލޫގައި ހުތުބާގައި ބުނެފައިވަނީ އެގޮތައް ތައްޔާރުކުރެވޭ ކާބޯތަކެތީގެ ތެރެއިން ބޭނުންކުރަނީ ވަރަށް މަދު އެތިކޮޅެއް ކަމަށާއި ކެއުމަށް ތައްޔާރުކުރާ ގިނަ އެއްޗެހި އުކާލެވެނީ ކުނިގޮނޑަށް ކަމަށެވެ.

"މިއީ ކިހާބޮޑު އިސްރާފެއް ހެއްޔެވެ؟ އިސްރާފުކުރުމަކީ މުސްލިމުންގެ ސިފައެއް ނޫނެވެ. އެއީ ސައިތާނީ އަމަލެކެވެ" ހުކުރު ހުތުބާގައި ބުނެފައިވެއެވެ.

އދ އިން ކޮށްފައިވާ ދިރާސާއަކާ ހަވާލާދީ ހުކުރު ހުތުބާގައި ބުނެފައިވަނީ ކޮންމެ އަހަރަކު 1.3 ބިލިޔަން ޓަނުގެ ކާބޯތަކެތި ކުނީގެ ގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުކާލެވޭ ކަމަށާއި އެއީ ދުނިޔޭގައި އުފައްދާ ކާބޯތަކެތީގެ ތިންބައިކުޅަ ދެބައިކަން ހުތުބާގައި ފާހަގަކުރިއެވެ.

"އެއީ ފައސާއަށް ބަލާނަމަ 750 ބިލިޔަން ޑޮލަރު، ދުނިޔޭގައި 870 މިލިޔަން މީހުން ބަނޑަށް ޖެހިފައިވާއިރު މިއީ ބޮޑުވެގެންވާ އިސްރާފެއް" މިއަދުގެ ހުކުރު ހުތުބާގައި ބުނެފައިވެއެވެ.

އިސްރާފުކުރުމަކީ އެކަމުގެ ގެއްލުން ސިއްހީގޮތުންނާއި، މާލީގޮތުން މުޖްތަމައަށް ފޯރާނެ ކަމެއް ކަމާއި ރޯދައަކީ ހަށިގަނޑު ދުޅަހެޔޮކޮށްދޭ އަޅުކަމެއްކަން ހުތުބާގައި ފާހަގަކޮށްފައިވެއެވެ. އަދި ރޯދައިން މި މަގްސަދު ހާސިލުކުރެވޭނީ އިސްރާފުކުރުމާ ދުރުހެލިވެގެން ކަމާއި ތިން އިރުގެ ކޮއްތު ދެއިރަށް ބަދަލުވުމުން، ރަމަޟާން މަހުގައި ހަރަދުތައް ކުޑަވާންޖެހޭނެކަން ހުތުބާގައި ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން ދުނިޔޭގައި އެތަންމިތާނގައި ކާއެތިކޮޅަކަށް ބޭނުންވެފައި ތިބި އެތައް މިލިޔަން މުސްލިމުންގެ ހާލާމެދު ވިސްނާލައި، އިސްރާފު ކުރެވޭބައި އެމީހުންނަށްޓަކައި ހޭދަކުރުމަށް ހުތުބާގައި ބާރު އަޅާފައިވެއެވެ.

"މާތް ﷲގެ އަޅުތަކުންނޭވެ. ކެއުމާއި، ބުއިމާއި، ހަރަދުކުރުމުގައި، އިގްތިސާދު ކުރުމަށް ދަހިވެތިވާށެވެ! އެކަމަށް ގަދައަޅައި މަސައްކަތްކުރާށެވެ! ބޭނުންވާަރަށް ކާބޯތަކެތި ތައްޔާރުކުރާށެވެ! އިތުރުވާތަކެތި އުކާނުލާށެވެ! މިއަދު މިވަނީ، ކާބޯތަކެތި ފަހަށް ރައްކައުކޮށްފައި ބެހެއްޓޭނެ، ލުއިފަސޭހަ ވަސީލަތްތައް ތަނަވަސްވެފައެވެ." މިއަދުގެ ހުކުރު ހުތުބާ ނިންމާލާފައިވަނީ ހިކުމަތްތެރި މި ނަސޭހަތްކޮޅުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް