ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާންގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގެ ކަންކަން މާދަމާ ކުރިޔަށް ގެންދިއުމަށް އެ ގައުމުގެ ސުޕްރީމް ކޯޓުން އަމުރު ކޮށްފި އެވެ.
މިދިޔަ ހޯމަ ދުވަހު އެ މައްސަލައިގަ މަޖިލީހުގައި ވޯޓު ނަގަން ހަމަޖައްސާފައި ވަނިކޮށް އިމްރާން ވަނީ ބާރުގެ ބޭނުން ކުރައްވައިގެން މިދިޔަ އާދިއްތަ ދުވަހު މަޖިލީސް އުވާލައި އަވަސް އިންތިހާބެއް ބޭއްވުމަށް ގޮވާލައްވާފަ އެވެ. މިމައްސަލައިގަ އިދިކޮޅު ފަރާތްތަކުން ވަނީ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައި އެވެ.
ސުޕްރީމް ކޯޓުން އިއްޔެ ނިންމީ މަޖިލީހުން ނަގަން އުޅުނު އިތުބާރު ނެތްކަމުގެ ވޯޓު ހުއްޓުވީ ގާނޫނާއި ހިލާފަށް ނުފޫޒު ފޯރުވައިގެން ކަމަށެވެ. އަދި 90 ދުވަސް ތެރޭގައި މަޖިލީހުގެ އާ އިންތިހާބެއް ބޭއްވުމަށް އެންގެވި އިރު، 90 ދުވަހަކީ އަވަސް އިންތިހާބެއް ބޭއްވޭނެ މުއްދަތެއް ނޫންކަމަށް ކަމަށް މީގެ ކުރިން ޕާކިސްތާނުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާކަމަށެވެ.
ކޯޓު ހުކުމުގައި އިތުރަށް ބުނީ ޕާކިސްތާނު މަޖިލީސް އުވާލި ކަމަށް ނިންމި ނިންމުމަކީ ބާތިލް ނިންމުމެއް ކަމަށެވެ. އަދި މާދަމާ އިމްރާން ހާންގެ އިތުބާރު ނެތްތޯ ބެލުމަށް ވޯޓު ނެގުން ކުރިޔަށް ގެންދިއުމަށް އަމުރުކޮށްފައިވެ އެވެ.
އިމްރާން ބޮޑުވަޒީރު ކަމާއި ހަވާލުވެވަޑައިގެންނެވީ 2018 ވަނަ އަހަރު އެވެ. ދައުރު ހަމަނުވަނީސް މާދަމާ މަގާމުން ދުރުކޮށްފި ނަމަ ބާކީ މިއޮތް އެއް އަހަރު އެ މަގާމު އަދާ ކުރާނެ ބޭފުޅަކު ކަނޑައަޅާނީ ޕާކިސްތާނުގެ އިދިކޮޅު ކޯލިޝަނުންނެވެ.
މި ވޯޓު އިދިކޮޅުން ކާމިޔާބު ކުރާނެ ކަން މިހާރު ވަނީ ޔަގީންވެފައި އެވެ. އެއީ އިމްރާންގެ ޕާޓީ ކަމަށްވާ ޕާކިސްތާން ތެހެރީކީ އިންސާފާއި އެކު މިހާތަނަށް ކޯލިޝަންގައި އޮތް އެންމެ މުހިންމު ޕާޓީ ކަމަށްވާ ގައުމީ މޫވްމެންޓު ޕާކިސްތާނުން މިދިޔަ ހަފްތާގައި އިދިކޮޅު ކޯލިޝަނާއި ގުޅުމުންނެވެ.
އިތުބާރު ނެތްކަމުގެ ވޯޓުގެ މައްސަލައިގަ އިމްރާން ހާން މީގެ ކުރިން ވިދާޅުވެފައިވަނީ އިދިކޮޅުން އެ މައްސަލަ މަޖިލީހަށް ވެއްދީ އޭނާ އާއި ދެކޮޅަށް ދޮގު ތުހުމަތުތަކެއް ކުރުމަށް ފަހު ކަމަށެވެ. އަދި މިކަމުގެ އަޑީގައި ތިބެ އެމީހުންނަށް ގައުމުން ބޭރު ބަޔަކު ފަންޑު ކުރަމުންދާ ކަމަށް ތުހުމަތު ކުރެއްވި އެވެ.
ޕާކިސްތާނަކީ ވެރިކަން ވައްޓާލުމުގެ ސަގާފަތެއް އޮންނަ ގައުމެކެވެ. އެ ގައުމުގައި މިހާތަނަށް ވެރިކަމުގެ ދައުރު ފުރިހަމަ ކުރެވިފައިވަނީ އެންމެ ދެ ބޮޑުވަޒީރުންނަށެވެ. އެނޫން ހުރިހާ ވެރިކަމެއް ބަގާވާތުން ނުވަތަ އަސްކަރީ އިންގިލާބުން އޮތީ ވައްޓާލާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް