ބޮލީވުޑްގައި މިމަހު އޮންނަ އެންމެ ވަރުގަދަ އެއް ހަފްލާއަކީ ރަންބީރު ކަޕޫރާއި އާލިއާ ބަޓްގެ ކައިވެންޏެވެ.
ކައިވެނި ކުރުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 17 ވަނަ ދުވަހު ރަންބީރުގެ ގޭގައި ވަރަށް ކުޑަ، ހާއްސަ ރަސްމިއްޔާތެއްގައި އެވެ. މި ކައިވެންޏަށް ދައުވަތު ދެނީ ދެ ފަރާތު އާއިލާ އާއި ދެމީހުންގެ ވަރަށް ގާތް މީހުންނަށް ކަމަށްވެ އެވެ.
ކައިވެންޏަށް ތައްޔާރުވުން މެކުހަށް ޖަހާފައިވާއިރު ނޫސްތަކުން ދަނީ އެ ބުނާ ގާތް މީހުންގެ ލިސްޓާއި މަޝްހޫރު މީހުންގެ ތެރެއިން އެ ކައިވެންޏަށް ދައުވަތު ނުދޭނެ މީހުން ހޯދަމުންނެވެ. ދައުވަތު ނުދޭނެކަން ޔަގީންވެފައިވާ ކަމަށް ބުނެ ދައުރު ވަނީ އެމީހުންނާއި ވަރަށް ގާތް ގުޅުމެއް ބޭއްވި މަޝްހޫރު ހަ މީހެކެވެ.
އޭގެ ތެރޭގައި ހިމެނެނީ އާލިއާގެ ކުރީގެ ލޯބިވެރިޔާ ސިދާތް މަލޯތްރާ އާއި ރަންބީރުގެ ކުރީގެ ލޯބިވެރިން ކަމަށްވާ ކެޓްރީނާ ކެއިފް އާއި ދީޕިކާ ޕަދުކޯންނެވެ. މީގެ ތެރެއިން ކެޓްރީނާ އަކީ ބޮލީވުޑްގައި އާލިއާގެ ބެސްޓީއަށް ވީނަމަވެސް ކުރީގެ ލޯބިވެރިޔާ އާއި ކައިވެނި ކުރާތީ އޭނާއަށް ދައުވަތު ދޭނެ ކަމަށް ނުބެލެވޭ ކަމަށްވެ އެވެ.
ސަލްމާން ހާން ދައުވަތު ނުދޭ ލިސްޓުގައި ހިމެނެނީ ރަންބީރުގެ ފަރާތުންނެވެ. ރަންބީރާއި ކެޓްރީނާ ލޯބީގެ ގޮތުން ގުޅުނު ހިސާބުން ސަލްމާނާއި ދެމީހުންގެ ގުޅުންވަނީ ހީނަރުވެފައި ކަމަށްވެ އެވެ. ސަލްމާނާއި ކެޓްރީނާ ކުރިން ލޯބިވެރިންގެ ގޮތުގައި އުޅެފައިވާއިރު ކެޓްރީނާ އާއި އެފަދަ ގުޅުމެއް ބާއްވާ އަދި އޭނާއަށް ލަނޑު ދޭ މީހުންނާއި ސަލްމާން ބާއްވާ ގުޅުން އޭނާ ދަނީ ކަނޑާލަމުންނެވެ.
ކަންގަނާ ރަނާވަތަކީ މިފަހަކުން އާއިލާ އާއި އެންމެ ގަދަޔަށް ޖައްސާލި އެއް ތަރި އެވެ. ރިޕޯޓުތައް ބުނާގޮތުގައި އެންމެ ފަހުން ރިލީޒް ކުރި އާލިއާގެ ފިލްމު "ގަންގޫބާއީ ކަތިއާވާޑީ" ފްލޮޕްވާނެ ކަމަށް ބުނެ ކަންގަނާ މަލާމާތްކޮށް، އާލިއާ މަޝްހޫރު ކޮށްދީފައިވަނީ ނުފޫޒު ބޭނުންކޮށްގެން ކަރަން ޖޯހަރު ކަމަށް ބުނެފައިވާ މައްސަލައިގަ އާލިއާ ހުރީ ކަންގަނާދެކެ ވަރަށް ރުޅިއައިސްފަ އެވެ. އެހެން ކަމުން އޭނާއަށް ޔަގީނުންވެސް އެ ކައިވެންޏަކަށް ދައުވަތެއް ނުދޭނެ އެވެ.
ގޯވިންދާ ރުޅި އަންނަނީ ރަންބީރު ދެކެ އެވެ. ފިލްމު "ޖައްގާ ޖާސޫސް" ގައި ގޯވިންދާގެ ބައެއް ހިމެނުމަށް ފަހު އެބައި ދުއްވާލައި ފަހުން އެބައި ދީފައިވަަނީ އެ ފިލްމުގެ ލީޑްރޯލުން ފެންނަ ރަންބީރަށެވެ. މި މައްސަލަގަނޑުގައި ގޯވިންދާ ޓުވިޓާގައި ރަންބީރަށް ނިސްބަތްކޮށް އެއްޗެހި ކިއުމުން ރަންބީރު ވަނީ އެ ފިލްމުގައި ވެދިޔަ ކަންތަކަށް ގޯވިންދާގެ ކިބައިން މައާފަށް އެދިފަ އެވެ. އެކަމަކު ގޯވިންދާ މައާފު ކޮށްފައެއް ނުވެ އެވެ.
ރިޕޯޓުތައް ބުނާގޮތުގައި އާލިއާ ފިލްމީ ދާއިރާއަށް ނެރެދިން ކަރަން ޖޯހަރަކީ ކައިވެނީގެ ހަފްލާގައި އާއިލާގެ ބޭރުން ބައިވެރިވާ މުހިންމު މީހެކެވެ. މީގެ އިތުރުން ޑައިރެކްޓަރު އަޔާން މުކަރުޖީ އާއި އެކްޓަރު އަރުޖުން ކަޕޫރަކީ ދައުވަތުދޭ މީހުންގެ ލިސްޓުގައި ހިމެނޭ މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް