އިންޑިއާގެ 64 ވަނަ ޤައުމީ ފިލްމު އެވޯޑް؛ އެންމެ މޮޅު ފިލްމުގެ އެވޯޑް "ނީރްޖާ" އަށް

އިންޑިއާގެ 64 ވަނަ ޤައުމީ ފިލްމު އެވޯރޑްގެ އެންމެ މޮޅު ފީޗާރ ފިލްމްގެ އެވޯޑް ސޯނަމް ކަޕޫރް ފެނިގެންދިޔަ ފިލްމު "ނީރްޖާ" އަށް ލިބިއްޖެއެވެ. އަދި މި ފިލްމުގައި ސޯނަމް ކަޕޫރު އަދާކޮށްފައިވާ ނީރްޖާގެ ރޯލަ...

08 Apr 2017 | 11:35

އިންޑިއާގެ 64 ވަނަ ޤައުމީ ފިލްމު އެވޯރޑްގެ އެންމެ މޮޅު ފީޗާރ ފިލްމްގެ އެވޯޑް ސޯނަމް ކަޕޫރް ފެނިގެންދިޔަ ފިލްމު "ނީރްޖާ" އަށް ލިބިއްޖެއެވެ. އަދި މި ފިލްމުގައި ސޯނަމް ކަޕޫރު އަދާކޮށްފައިވާ ނީރްޖާގެ ރޯލަށް ޙާއްޞަ އެވޯޑެއްވަނީ ލިބިފައެވެ.

"ނީރްޖާ" ފިލްމަކީ 1986 ވަނަ އަހަރު އިންޑިއާގެ "ޕޭން އޭމް ފްލައިޓް 73" އިންޑިއާގެ މުމްބައިން، ޕާކިސްތާނުގެ ކަރާޗީއަށް ކުރި ދަތުރެއްގައި "އަބޫ ނިދާލް" ކިޔާ ޓެރަރިސްޓް ޖާމާޢަތަކުން ފްލައިޓް ހައިޖެކުކޮށް ފްލައިޓްގައި ތިބި ފަސިންޖަރުންނާއި ކުރޫއަށް ކުރިމަތިލާންޖެހުނު ހިތްދަތި ހާދިސާގެ މައްޗަށް ބިނާކޮށް މަޝްޙޫރު ޑައިރެކްޓާރ ރާމް މަދަވަނީ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. މި ފިލްމުގައި ދައްކުވައިދެނީ އެ ފްލައިޓްގައި ހެޑް ޕާރސޫއަކަށް ހުރި ނީރްޖާ ބަނޮތް ފަސިންޖަރުން ސަލާމަތްކުރުމައްޓަކައި ވީ ޤުރުބާނީއެވެ.

އިންޑިއާގެ ޤައުމީ އެވޯޑް ލިބުނު ފަރާތްތައް އާންމުކޮށްފައިވާއިރު، އެންމެ މޮޅު އެކްޓަރގެ އެވޯޑް ލިބިފައިވަނީ އަކްޝޭ ކުމާރަށެއެވެ. އަކްޝޭއަށް މި އެވޯޑް ލިބިފައިވަނީ މަޝްޙޫރު ނާނާވަތީގެ ކޭސްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމު "ރުޝްތަމް"ގައި އޭނާ އަދާކޮށްފައިވާ ރޯލަށެވެ.

އިޖްތިމާޢީ މައްސަލަތަކުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމުތަކުގެ ކެޓަގަރީން އެންމެ މޮޅު ފިލްމުގެ އެވޯޑް ލިބުނީ، އަމީތާބް ބައްޗަން ލީޑް ރޯލުން ފެނިގެންދާ ފިލްމު "ޕިންކް" އެވެ.

ސްޕެޝަލް އިފެކްޓްސްގެ ބައިން އެންމެ މޮޅު ފިލްމުގެ އެވޯޑް ލިބުނީ، އަޖޭ ދޭވްގަން ޑައިރެކްޓްކޮށް އަދި އެކްޓްކޮށްފައިވާ ފިލްމް "ޝިވާއީ" އަށެވެ.

އެންމެ މޮޅު ސަޕޯރޓިން އެކްޓްރެސްގެ އެވޯޑް ލިބުނީ، ފިލްމް "ދަންގަލް"ގައި ޕޯގަޓްގެ ޅަދުވަސްވަރުގެ ރޯލް ކުޅެދިން ޒައިރާ ވަސީމްއަށެވެ.

އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑް ލިބުނީ، މަރާތީ ފިލްމު "ވެންޓިލޭޓާ" އިން ރާޖޭޝް މަޕުސްކަރްއަށެވެ. މަގުބޫލު ބަތަލާ ޕްރިޔަންކާ ޗޯޕްރާ ޕްރޮޑިއުސްކުރި މި ފިލްމަށް އެންމެ މޮޅު އެޑިޓިންގެ އެވޯރޑްވެސް ވަނީ ލިބިފައެވެ.

މިއަހަރު އިންޑިއާގެ ޤައުމީ ފިލްމު އެވޯރޑްގައި 300 އަށް ވުރެ ގިނަ ފިލްމުވަނީ ބައިވެރިކޮށްފައެވެ. މިއަހަރުގެ އެވޯޑްގައި ތަފާތު 25 ކެޓަގަރީއަކުން އެވޯޑްދީފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް