ކާށިދޫ ޖަލުގެ މަސައްކަތް ދެ މަހެއްހާ ދުުވަހުގެ ތެރޭގައި ފެށޭނެ: ހޯމް މިނިސްޓަރު

ކ.ކާށިދޫގައި ހަދަމުންދާ ޖަލުގެ މަސައްކަތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ފެށޭނެ ކަމަށް ހޯމް މިނިސްޓަރު އަޒުލީން އަހުމަދު ވިދާޅުވެއްޖެ އެވެ. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމްގެ އ...

08 Apr 2017 | 09:52

ކ.ކާށިދޫގައި ހަދަމުންދާ ޖަލުގެ މަސައްކަތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ފެށޭނެ ކަމަށް ހޯމް މިނިސްޓަރު އަޒުލީން އަހުމަދު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމްގެ އަރިހުގައި  ހޯމް މިނިސްޓަރު މިއަދު ކާށިދޫއަށް ކުރެއްވި ދަތުރުފުޅުގައި ކާށިދޫ ރައްޔިތުންނާ ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން ވިދާޅުވީ ޖަލުގެ އިމާރާތް ވަނީ ގާތްގަނޑަކަށް ނިމިފައި ކަމަށެވެ. އަދި މިހާރު ކުރިޔަށް ދަނީ އެންމެ ފަހުގެ މަސައްކަތްތައް ކަމެވެ.

"އިމާރާތް ހަދާ ނިމިފަ މިހާރު ވަނީ. ރާއްޖޭގައި ޑިސްޕެޗު ކުރުމުގެ ކުރިން އެއީ އަޅުގަނޑުމެންގެ ސްޕެސިފިކޭޝަންއާ އެއްގޮތަށް ހެދިފައިވާ އިމާރާތެއްތޯ ކަށަވަރުކުރުމަށްޓަކައި ސަރުކާރުގެ ޓީމެއް މިހާރު ވަނީ ޗައިނާގައި. މިހާރު ވަނީ ފައިސާ ދައްކާ ނިމިފަ. އިމާރާތް ހަދާ ނިމިފަ. ދެން އޮތީ  ޑިސްޕެޗު ކޮށްގެން މިކޮޅަށް ގެނައުން."  އަޒުލީން އަހުމަދު ވިދާޅުވިއެވެ.

މިނިސްޓަރު އަޒުލީން އިތުރަށް ވިދާޅުވީ ޖަލު ގާއިމް ކުރުމުން ކާށިދޫގެ ޒުވާނުންނަށް ވަޒީފާގެ އެތައް ފުރުސަތު ތަކެއްވެސް ހުޅުވިގެން ދާނެ ކަމަށެވެ. ކާށިދޫގައި އަޅާ ޖަލަކީ 143 މިލިއަން ރުފިޔާ ހަރަދުކޮށްގެން އަޅާ ޖަލެކެވެ.

ކާށިދޫގެ އިތުރުން ހދ. ނޭކުރެންދޫގައިވެސް ޖަލެއް އަޅާނެކަން ސަރުކާރުން ވަނީ އިއުލާނުކޮށްފައި އެވެ. އެ މަސައްކަތް ގޮސްފައިވާ ހިސާބެއް ނޭނގޭއިރު 2014 ވަނަ އަހަރު ހޯމް މިނިސްޓްރީން ބުނީ އެ ރަށުގައި ޖަލު އެޅުމަށް އޭރު ކުރެވުނު މަސައްކަތަކީ ޖަލު އަޅާ ސަރަައްދުގައި ހުރި ރުއް ގަހުގެ ބަދަލު ދިނުން ކަމަށެވެ.

އޭގެ ފަހުން އެ ރަށުގައި ޖަލު އެޅުމަށް 2016 ވަނަ އަހަރުގެ ބަޖެޓުގައި ވަނީ 48  މިލިއަން ރުފިޔާ ހިމަނާފައި އެވެ. ނޭކުރެންދޫގައި އެޅުމަށް ހަމަޖެހިފައިވަނީ 300 މީހުންގެ ޖާގައިގެ ޖަލެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް