ދިވެހިރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އިން އަންނަ މަހު ސްރީލަންކާގެ ވެރިރަށް ކޮލަންބޯގެ ރަޓަމަލާނާ އެއާޕޯޓަށް ދަތުރުކުރަން ފަށާ ގޮތަށް ހަމަަޖެހިއްްޖެއެވެ.
ރަޓަމަލާނާ އެއާޕޯޓަކީ މިހާރު ބައިނަލް އަގުވާމީ ދަތުރުތައް ނުކުރާތާ 50 ވަރަކަށް އަހަރު ވެފައިވާ އެއާޕޯޓެކެވެ. އެ އެއާޕޯޓު މިހާރު ބޭނުން ކުރަނީ އެ ގައުމުގެ ޑޮމެސްޓިކް ދަތުރުތަކުގައި ކަމަށް ވިޔަސް މޯލްޑިވިއަންގެ ދަތުރުތައް ފެށުމަށް އެ އެއާޕޯޓުން އަންނަނީ ތައްޔާރުވަމުންނެވެ.
މޯލްޑިވިއަން ހިންގާ އައިލޭންޑް އޭވިއޭޝަންގެ ހެޑް އޮފް ފެސިލިޓީސް އަލީ ނަޝާތު ވިދާޅުވީ އަންނަ މަހު ލަންކާއަށް މޯލްޑިވިއަންގެ ދަތުރުތައް ފެށޭ ވަރަށް ތައްޔާރީތައް ވަމުންދާކަމަށެވެ. އަދި އެންމެ ފުރަތަމަ ކުރުމަށް ހަމަޖެހިފައިވަނީ ހަފްތާ އަކު ތިން ދަތުރު ކަމަށާއި ދަތުރުތަކަށް ތަރުހީބު އިތުރުވަމުންދާ ވަރަކަށް ދަތުރުތައް އިތުރުކުރާނެ ކަމަށް ނަޝާތު ވިދާޅުވިއެވެ.
ލަންކާ އަށް ދަތުރުތައް ފެށުމުގެ ފުރުސަތު މޯލްޑިވިއަން އަށް ހޯދައިދިނީ މިދިޔަ މާޗްމަހު ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު އެ ގައުމަށް ކުރެއްވި ދަތުރުފުޅެއްގައި ކުރެއްވި މަޝްވަރާތަކަށް ފަހުގައެވެ.
މޯލްޑިވިއަންގެ ދަތުރުތައް ސްރީލަންކާއަށް ފެއްޓުމުން ދިވެހި ސްޓާފުންވެސް ލަންކާގައި ބޭތިއްބުމަށް ނިންމާފައިވާކަމަށް މޯލްޑިވިއަން އިން މައުލޫމާތުދެއެވެ. އަދި ލަންކާއަށް ފެށުމަށް ހަމަޖެހިފައިވާ ދަތުރު ތަކާއެކު އެ އެއާލައިނުގެ ކަސްޓަމަރުންގެ އަދަދު އިތުރަށް ފުޅާވެގެން ދާނެކަމަށް އެ އެއާލައިނުން އުއްމީދުކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް