ސްޓަރ ޕްލަސްއިން ދައްކަމުން އަންނަ ޑްރާމާ " ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ " ން ބެލުންތެރިންގެ މަޤްބޫލުކަން ހޯދާފައިވާ އަކްޝަރާ ގެ ފޭނުންނަށް މިއޮތީ އުފާވެރި ޚަބަރެކެވެ. 8 އަހަރު ވަންދެން އަކްޝަރާގެ ރޯލުން ހީނާ ޚާން ބެލުންތެރިންނަށް ފެނިގެންގޮސްފައިވާއިރު އެޑްރާމާ ކުޅުން ހީނާ ޚާން ހުއްޓާލާފައިވަނީ މިދިޔަ އަހަރުއެވެ. އޭގެފަހުން ބެލުންތެރިންނާ ހަމައަށް ޑްރާމާއަކުން ހީނާ ފެނިފައެއްނުވެއެވެ. ރިއަލިޓީ ޝޯވ "ބިގްބޮސް" އިން ޚާއްސަ ފެނިލުމަކުން ހީނާ ފެނިގެންގޮސްފައިވާއިރު މީޑިޔާ ރިޕޯޓްތައް ބުނާގޮތުން ދެންވެސް ހީނާ ފެނިގެންދާނީ ރިއަލިޓީ ޝޯވ އަކުންނެވެ.
މީޑިޔާ ރިޕޯޓްތައް ބުނާގޮތުން ކަލަރސްއިން ދައްކަމުން އަންނަ ރިއަލިޓީ ޝޯވ " ހަތްރޯން ކީ ކިލާޅީ " ގެ ސީޒަން 8 ން ހީނާ ފެނިގެންދާނެއެވެ. އެހެންނަމަވެސް މި ސީޒަނުން ހީނާ ފެނިގެންދާނެކަމުގެ ޔަޤީންކަމެއް އަދި އެ ޝޯވ ގެ ޕްރޮޑަކްޝަން ޓީމުވެސް އަދި ހީނާވެސް ނުދެއެވެ. އެހެންކަމުން ހީނާގެ އެނބުރި އައުމާމެދު އަދި ޔަޤީންކަމެއް ނެތެވެ.
މީގެކުރިން މީޑިޔާއަށް ދިން އިންޓަރވިއުއެއްގައި ހީނާ ބުނެފައިވަނީ އެކިއެކި ޓީވީ ޑްރާމާތަކުންނާއި ބޮލީވުޑްގެ ފިލްމުތަކުން އޭނާއަށް ހުށަހެޅުންތައް ލިބެމުން އަންނަކަމުގައެވެ. އެއިން ހުށަހެޅުމެއް މިހާތަނަށް ބަލައިގެންފައިނުވަނީ އޭނާ ބޭނުންވާކަހަލަ ސްކްރިޕްޓެއް އަދި ނުލިބޭތީކަމަށް ހީނާ ވަނީ ބުނެފައެވެ. އެހެންނަމަވެސް ވަރަށް އަވަހަށް އެނބުރި ސްކްރީނަށް އަންނާނެކަމުގެ ޔަޤީންކަން އޭނާގެ ފޭނުންނަށްވަނީ ދީފައެވެ.
ކޮންމެއަކަސް މި ޔަޤީންކަމާއެކު ފޭނުން އަދި ޖެހޭނީ ކުޑަ އިންތިޒާރެއް ކޮށްލާށެވެ. ހީނާ ބޭނުންވާކަހަލަ ޑްރާމާއަކުން އޭނާގެ ފޭނުންނާ ބައްދަލުކުރަންދެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް