ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ފުލުހުން ހައްޔަރު ކުރުމުން ނުރުހުން ފާޅު ކުރުމުގެ ގޮތުން އިދިކޮޅު ފަރާތްތަކުން ރޭ އެއްވި މ. ކުނޫޒު ކައިރީ ހައުސިން މިނިސްޓްރީން ކުރީ ކޮން މަސައްކަތެއް ކަމެއް ނޭނގުނެވެ.
ހައުސިން މިނިސްޓްރީގެ މީޑިއާ އޮފިޝަލް އަހުމަދު ފަޒާލް ހުސައިން ރޭ މީޑިއާގައި ވިދާޅުވެފައިވަނީ ކުނޫޒު ކުރިމަތީގައި އޮންނަ ފަނޑިޔާރު މަގަކީ މަޖީދީމަގު ރަނގަޅު ފެންވަރަކަށް ހެދުމަށް ހައުސިން މިނިސްޓްރީން ފަށާފައިވާ މަސައްކަތުގެ ދަށުން ތަރައްގީ ކުރަން ކުރިން ވެސް ނިންމާފައިވާ މަގެއް ކަމަށެވެ.
އެކަމަކު ބަންދު ކުރާ މަގުތަކާއި ބެހޭ މައުލޫމާތު ފޯރުކޮށްދިނުމަށް ހައުސިން މިނިސްޓްރީން ތައާރަފު ކޮށްފައިވާ "ފަސޭހަ މަގު" ގައި ބުނެފައިވާގޮތުގައި ފަނޑިޔާރު މަގު ބަންދު ކުރެވިފައިވަނީ ހައުސިން މިނިސްޓްރީން "އިތުރު" މަސައްކަތެއް ކުރުމަށެވެ. އެއީ މިހާރު އެ މިނިސްޓްރީން ކުރިޔަށް ގެންދާ މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތެއް ނޫނެވެ. އިތުރު މަސައްކަތެކެވެ.
އެ ސަރަހައްދު ބަންދުކޮށްގެން މަސައްކަތް ކުރުމަށް ހުއްދަ ދީފައިވަނީ އިއްޔެ ހަވީރު 6:00 ން ރޭގަނޑު 11:59 ށެވެ.
ކުނޫޒު ހުންނަ ފަނޑިޔާރު މަގުގައި މަސައްކަތެއް ކުރުމަށް އެ ސަރަހައްދު ފުލުހުން ބަންދު ކުރީ އިރު އޮއްސުނު ފަހުންނެވެ. އެ ސަރަހައްދުގައި މީހުން ގިނަވި ވަގުތު ހައުސިން މިނިސްޓްރީގެ ބިދޭސީ މުވައްޒަފުން ވަނީ ސީދާ ކުނޫޒު ކުރި މައްޗަށް ވާތޮތަށް މަގުމަތީގައި އަތުރާފައި ހުރި ގާތަށް ބުލްޑޯޒަރު ބޭނުންކޮށްގެން ނަގާފައި އެވެ.
ގާތައް ފުންޏަކަށް ޖެހުމަށް ފަހު ދެން ކުރާނެ މަސައްކަތެއް ނެތިގެން އެތައް އިރަކު އެ ސަރަހައްދުގައި އެ މުވައްޒަފުން ތިއްބެވެ. އެންމެ ފަހުން އެއްވެސް އިތުރު ކަމެއް ނުކޮށް ގާތަށް އެހުރި ގޮތަށް ބަހައްޓާފައި ބުލްޑޯޒަރު ހިފައިގެން ދިޔައީ އެވެ.
ރޭ ކުއްލިޔަކަށް މި ކުރަން އުޅުނު މަސައްކަތެއް ނޭނގުނު އިރު އެ ސަރަހައްދުން ހިނގާ ބިނގާވެ އުޅުޅު މީހުންނާއި ދަތުރުފަތުރު ކުރި މީހުން ވަނީ ޝަކުވާ ކޮށްފައި އެވެ. އަދި އިދިކޮޅު ފަރާތްތަކުން ވަނީ އެއީ އެމީހުންނަށް އުނދަގޫކޮށް ޖެއްސުން ކުރުމުގެ ގޮތުން ހައުސިން މިނިސްޓްރީން ކުރި ކަމެއް ކަމަށް ބުނެފައި އެވެ.
މިކަމުގައި ހުރިހާ ގެއްލުމެއް ވީ އެ ގާތަށް ލޯޑަރު ގެނެސްގެން ނެގި ބިދޭސީ މުވައްޒަފުންނަށާއި ދައުލަތުގެ ބަޖެޓަށެވެ. އެއީ އަނެއްކާ އެ ގާތަށް އަތުރަން ޖެހޭނީ އެމީހުންނަށް ވީމަ އެވެ. އެ ވެހިކަލްތައް ގެނެސްގެން މަސައްކަތް ކުރުވުމަށް ދައުލަތުގެ ބަޖެޓުން ފައިސާ ހަރަދުވާނެތީ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް