ދިވެހިރާއްޖޭގައި ޑިމޮކްރަސީގެ އުސޫލުތަކާއި އިންސާނީ ހައްގުތައް ދެމެހެއްޓުމަށް އ.ދ އިން ގޮވާލައިފި އެވެ.
ރާއްޖޭގެ ސިޔާސީ މަޝްރަހު ހަލަބޮލިވެ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހައްޔަރު ކުރުމާއި ގުޅިގެން އ.ދ ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒްގެ ތަރުޖަމާނު ސްޓެފާން ޑްޖެރިކް ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވިދާޅުވީ ރާއްޖޭގައި ހިނގަމުންދާ ކަންކަން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. އޭނާ ވިދާޅުވީ ސިޔާސީ މަޝްރަހު ހައްލުވާނީ މަޝްވަރާކޮށްގެން ކަމަށެވެ.
އަދި ގާނޫނުއަސާސީ އިން ކަށަވަރުކޮށްދީފައިވާ ޑިމޮކްރަސީގެ އަސާސްތަކާއި އިންސާނީ ހައްގުތައް ދެމެހެއްޓުމަށް ޑްޖެރިކް ގޮވާލެއްވި އެވެ.
އ.ދ ގެ އިތުރުން ރާއްޖެއާއި އެކު ސިޔާސީ ގުޅުން ގާއިމްކޮށްފައިވާ އެހެން ގައުމުތަކުންވެސް ދަނީ ރާއްޖޭގެ ސިޔާސީ މަޝްރަހާއި މެދު ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
އެގޮތުން އިނގިރޭވިލާތުން ރާއްޖެއަށާއި ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖޭމްސް ޑޯރިސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ގާސިމް ހައްޔަރު ކުރުމަކީ ރާއްޖޭގެ ޑިމޮކްރަސީއަށް ލިބުނު ދެރައެއް ކަމަށެވެ. ޖަރުމަނު ސަރުކާރުން ބުނީ ރާއްޖޭގެ ޑިމޮކްރަސީގެ ހާލަތު އިތުރަށް ގޯސްވެ މިހާރު އޮތީ ދެމެހެއްޓެނިވި އިގްތިސާދީ ތަރައްގީ އަށް ފަހި ހާލަތެއް ނޫން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް