މިއަދު އިރު އޮއްސޭހާއިރު މަޖީދީ މަގުން ދިޔަ ފުލުހަކަށް ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.
ފުލުހުން ބުނީ އެހަމަލާގައި އަނިޔާވެފައިވަނީ ވިލިމާލޭ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ޕޮލިސް ސްޓާފް ސާޖަންޓް ހާލިދު އަބްދުﷲ އަށެވެ. އޭނާގެ މޫނު މައްޗާއި އަނގަމަތި ފަޅައިގެން ގޮސް ބޮލުގެ ދެ ތަނަކުން ވަނީ ވަރަށް ބޮޑަށް ދުޅަވެފައެވެ.
އެހަމާލާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް އެ ސަރަހައްދުން 40 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ގެންގޮސްފައެވެ. ފުލުހުން ބުނީ އެމީހާ އަކީ މީގެ ކުރިންވެސް ތަފާތު މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މީހެއްކަމަށެވެ.
އެގޮތުން އެމީހާ އަކީ ގަސްތުގައި މީހުންގެ މުދަލަށް ގެއްލުން ދިނުމާއި، މާރާމާރީ ހިންގަން ބޭނުންކުރާ ހަތިޔާރު ބޭނުން ކުރުމާއި، އެފަދަ ހަތިޔާރުން ބިރުދެއްކުމުގެ އިތުރުން ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމުގެ ރެކޯޑް އޮންނަ މީހެކެވެ. އަދި އޭނާ އަކީ 19 ފަހަރެއްގެ މަތިން ހުއްޓުވައި ބަލައި ފާސްކޮށް ނުވަ ފަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ހަތަރު މައްސަލައެއްގައި ހައްޔަރުކޮށް ދެ މައްސަލައެއްގެ ތަޙުގީގު ނިންމައި ދަޢުވާކުރުމަށް ޕީޖީ އަށް ފޮނުވާފައިވާ މީހެއް ކަމަށް ފުލުހުން ބުނެ އެވެ.
މިމައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު ހަމަލާގައި އަނިޔާލިބުނު ހާލިދުއަށް އައިޖީއެމް ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް