ރާއްޖެ އާއި ބަނގްލަދޭޝް ގުޅިގެން އިމިގްރޭޝަން ނިޒާމު ރަނގަޅުކުރަން މަސައްކަތް ކުރަނީ

ރާއްޖެ އާއި ބަނގްލަދޭޝަންގެ އިމިގްރޭޝަން ނިޒާމް ހަރުދަނާކުރުމަށް ދެ ގައުމު ގުޅިގެން ޓެކްނިކަލް ލެވެލްގެ ޓީމެއް އެކުލަވާލަން މިއަދު ނިންމައިފި އެވެ. މި ކޮމެޓީ އެކުލަވާލަން ނިންމީ އިމިގްރޭޝަން ކޮންޓްރޯލ...

08 Apr 2015 | 14:33

ރާއްޖެ އާއި ބަނގްލަދޭޝަންގެ އިމިގްރޭޝަން ނިޒާމް ހަރުދަނާކުރުމަށް ދެ ގައުމު ގުޅިގެން ޓެކްނިކަލް ލެވެލްގެ ޓީމެއް އެކުލަވާލަން މިއަދު ނިންމައިފި އެވެ.

މި ކޮމެޓީ އެކުލަވާލަން ނިންމީ އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު އަންވަރާއި ރާއްޖޭގައި ހުންނަވާ ބަނގްލަދޭޝް ސަފީރު ކާޒީ ސަރުވާރު ހުސެއިން މިއަދު ބޭއްވެވި ބައްދަލުކުރެއްވުމަށް ފަހު އެވެ. މި ކޮމެޓީގައި ހިމެނެނީ ބަނގްލަދޭޝް ހައި ކޮމިޝަންގެ ތިން ބޭފުޅުންނާއި އިމިގްރޭޝަންގެ ފަސް ބޭފުޅުން ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.

މި ބައްދަލުވުމުގައި، ރާއްޖޭގައި މަސައްކަތް ކުރާ ބަނގްލަދޭޝް ރައްޔިތުންނަށް ދިމާވާ މައްސަލަތަކާ ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަމަށް އިމިގްރޭޝަނުން ބުނެ އެވެ.

މި ބައްދަލުވުމުގައި މަޝްވަރާ ކުރެއްވި ކަންތައްތަކުގެ ތެރޭގައި، ބިދޭސީންނަށް ވަޒީފާ ދޭ ފަރާތުން ޕާސްޕޯޓު ހިފެހެއްޓުން ފަދަ މައްސަލަތައް ކުރިމަތިވަމުންދާތީ، އެކަން ހުއްޓުވުމަށް އިމިގްރޭޝަނަށް ކުރެވެން ހުރި މަސައްކަތްތައް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ސަފީރަށް ދެއްވި ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.

ބަނގްލަދޭޝް އިން ރާއްޖެ އަންނަ މަސައްކަތު މީހުންގެ އެމްޕްލޯއިމަންޓް އެޕްރޫވަލް އެޓެސްޓް ކުރާ ގޮތަށް ހަމަޖައްސައިދިނުމަށް ސަފީރު ދެންނެވުމުން، އެކަން ޖޮއިންޓް ޓެކްނިކަލް ކޮމެޓީން މަޝްވަރާ ކުރުމަށް ފަހު އަމަލުކުރާނެ އުސޫލެއް ކަނޑައަޅައި އަވަސް މުއްދަތެއްގައި ތަންފީޒު ކުރަން ނިންމާފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް