ސުލަހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާއި ހިލާފަށް އަމަލުކޮށްފައިވާ ކަަމަށް ބުނެ އެމްޑީޕީއާއި އަދާލަތު ޕާޓީ ޖޫރިމަނާކުރުމުން މުއްދަތުގައި އެ ފައިސާ ދައްކާފައިނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަނުގެ މީޑިއާ ކޯޑިނޭޓަރު ފަޒްލާ އަހުމަދު ޝަހީމް ވިދާޅުވީ އަދާލަތު ޕާޓީ އާއި އެމްޑީޕީން ޖޫރިމަނާކުރި ފައިސާ މުއްދަތު ހަމަވިއިރު ދައްކާފައިނުވާތީ ސިޔާސީ ޕާޓީތަަކަށް މިއަހަރު ދޫކުރުމަށް ހަމަޖެހިފައިވާ ފައިސާއިން އެ ބައި އުނިކުރާނެ ކަމަށެވެ. ފަލްސާ ވިދާޅުވީ ވަކި ގޮތްތަކެއް ހަމަޖައްސައިދިނުމަށް އެދިފައިވަނީ އަދާލަތު ޕާޓީން ކަމަށާއި ނަމަވެސް އެ ޕާޓީގެ އެދުމާއި މެދު ކޮމިޝަނުން އަދި ގޮތެއް ނުނިންމާ ކަމަށެވެ.
އަދާލަތި ޕާޓި ޖޫރިމަނާކުރި މައްސަލާގައި އެ ޕާޓީން ވަނީ ޖޫރިމަނާކުރީ އެއްވެސް އަސާސެއްގެ މައްޗަށް ބިނާކޮށްގެން ނޫން ކަމުން އެ ނިންމުން އަލުން މުރާޖައާ ކުރުމަށް އީސީގައި އެދިފަ އެވެ.
އެމްޑީޕީ ޖޫރިމަނާކުރި ފައިސާ އިލެކްޝަންސް ކޮމިޝަނަށް ދެއްކުމުގެ ބަދަލުގައި އެ މައްސަަލަ ކޯޓަށް ހުށަހަޅާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު މީގެކުރިން ވިދާޅުވެފައިވެ އެވެ. ނަމަވެސް އެ މައްސަލަ ހުށަހެޅިކަމެއް އެނގިފައެއް ނުވެ އެވެ.
އެމްޑީޕީ 47000ރ. އިން ޖޫރިމަނާކޮށް، އަދާލަތު ޕާޓީ 33000ރ. އިން ޖޫރިމަނާކުރީ މިދިޔަ މާޗް މަހުގެ 26 ވަނަ ދުވަހު އެވެ. އަދި އެ ފައިސާ ހަތް ދުވަހުގެ ތެރޭގައި ދައްކަން ޖެހޭނެ ކަމަށް އީސީން ބުނެފަވާއިރު އެ މުއްދަތު ހަމަވީ މިމަހުގެ އެއްވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް