މިއަހަރުގެ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ދިރާގުން ޚާއްސަ ންޓްވރަކިންގ އިވެންޓެއް ބާއްވައިފިއެވެ. ދިރާގު ހެޑް އޮފީހުގައި އިއްޔެ ބޭއްވި މި ހަރަކާތް ކުރިއަށްގެންގޮސްފައިވަނީ ދިރާގުގެ އަންހެން މުވައްޒަފުންނާއި ރާއްޖޭގެ އެކި ދާއިރާތަކުން ކުރިއަރާފައިވާ، ފާހަގަކޮށްލެވޭ އަންހެން ބޭފުޅުންނާ އެކުއެވެ.
މި ޚާއްސަ ނެޓްވަރކިންގ އިވެންޓް ބޭއްވިފައިވަނީ 'ލީން އިން ސަރކްލް' ނެޓްވަރކިންގ ގްރޫޕް މެތަޑަށް ބިނާކޮށެވެ. މިއީ ދިރާގުގެ ޖެންޑަރ އެކްޝަން ޕްލޭންގެ ދަށުން އެ ކުންފުނީގެ އަންހެން މުވައްޒަފުންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ މެންޓަރޝިޕް ޕްރޮގްރާމެކެވެ. އެގޮތުން މި ޚާއްސަ ނެޓްވަރކިންގ އިވެންޓްގެ މައިގަނޑު މަޤްސަދަކީ އެކި ދާއިރާތަކުގައި މަސައްކަތް ކުރާ ފަރާތްތަކާ އެކު ގުޅުން ބަދަހިކޮށް، އެކަކު އަނެކަކުގެ ތަޖުރިބާތަކާއި ޚިޔާލުތައް މަޝްވަރާކުރެވޭނެ ފަދަ ޕްލެޓްފޯމެއް މުވައްޒަފުންނަށް ފޯރުކޮށްދިނުމެވެ. އަދި އިވެންޓްގެ ތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މަސައްކަތްކުރާ ދިރާގު މުވައްޒަފުންނާއި ޚާއްސަ ގެސްޓުން ވަނީ ވާޗުއަލްކޮށްވެސް މި ހަރަކާތުގައި ބައިވެރިވެފައެވެ.
މިއިވެންޓްގައި ދިރާގުގެ ސީ.އީ.އޯ އަދި އެމް.ޑީ އިސްމާއިލް ރަޝީދު އަދި ޑިރެކްޓަރ ލީގަލް އަދި ކޮމްޕެނީ ސެކްރެޓަރީ ހަޒްރަތް ރަޝީދު ހުސައިން ބައިވެރިންނާ މުހާތަބުކޮށް ވާހަކަފުޅު ދައްކަވަމުންވަނީ ދިރާގުގެ ޖެންޑަރ އެކްޝަން ޕްލޭންގެ އަޕްޑޭޓެއް ދީފައެވެ. އެގޮތުން މި ޕްލޭންގެ ދަށުން ދިރާގުން ދާދި ފަހުން ވަނީ 'ފެލްކްސި ވަރކް' ޕޮލިސީ އަދި ރިޓާންޝިޕް ގައިޑްލައިން ތަޢާރަފްކޮށްފައެވެ. މީގެ އިތުރުން އެކުންފުނީގެ ޖޫނިއަރ މެނޭޖްމެންޓް މަޤާމްތަކުގައި ތިބި މުވައްޒަފުންގެ ތެރެއިން 46 އިންސައްތައަކީ އަންހެނުންނެވެ. އަދި ޖުމްލަ ގޮތެއްގައި ދިރާގުގެ ޓެކްނިކަލް ރޯލްތަކުގައި ކުރިއަށްވުރެ ގިނަ އަންހެން މުވައްޒަފުން މިހާރު މަސައްކަތް ކުރަމުންދާއިރު، މިއަހަރުގެ ދިރާގު އެޕްރެންޓިސް ޕްރޮގްރާމްގެ 9 އަންހެން ބައިވެރިންގެ ތެރެއިން 5 ބައިވެރިން ދަނީ ޓެކްނިކަލް ރޯލްތަކުގައި ވަޒީފާގެ ތަޖުރިބާ ހޯދަމުންނެވެ.
މި އިވެންޓް ނިންމާލާފައިވަނީ އަންހެނުން އިސްނަގައިގެން ހިންގާ، ހޯމް-ބޭސްޑް ވިޔަފާރިތަކުން ކޭޓަރކޮށްފައިވާ ހެނދުނުގެ ނާސްތާއަކުންނެވެ. މިބައި ކުރިއަށްގެންގޮސްފައިވަނީ ވިމެން އެންޓަރޕްރެނިއަރސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއާ ގުޅިގެންނެވެ. އަންހެނުން ބާރުވެރި ކުރުވުމާއި ޚާއްސަކޮށް އަންހެނުން ހިއްސާވާ ހޯމް-ބޭސްޑް އަފި ކުދި ވިޔަފާރިތަކަށް އެއްބާރުލުންދިނުމަކީ ދިރާގުގެ ސީ.އެސް.އާރު ސްޓްރެޓެޖީގެ މައިގަނޑު ފޯކަސް ދާއިރާއެކެވެ.
މިގޮތުން އެ ކުންފުނިން ދާދި ފަހުން ވަނީ އަންހެނުން މާލީގޮތުން ބާރުވެރިކުރުވުމަށް އެހީތެރިވެދިނުމުގެ ގޮތުން ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އާ ގުޅިގެން ހިޔަލަ ވީކެންޑް މަރކެޓަށް ސަޕޯޓް ފޯރުކޮށްދީފައެވެ. ކޮންމެ ހަފްތާއަކުވެސް ކުރިއަށްދާ މި ހަރަކާތަކީ އަންހެން ވިޔަފާރިވެރިން ބާރުވެރިކުރުވައި އެފަރާތްތަކުގެ އުފެއްދުންތައް ދައްކާލައި ވިއްކުމަށް ޚާއްސަ ޕްލެޓްފޯމެއް ފޯރުކޮށްދިނުމެވެ.
ދިރާގުން އަބަދުވެސް ފާހަގަކުރަނީ މިންތީގެ ތަފާތު ކުރުމެއް ނެތް ކުރިއެރުމާއި ހުރިހާ ފަރާތްތަކަށްވެސް ކުރިއެރުމުގެ ފުރުސަތުތައް ފަހިކޮށްދޭ އިންކްލޫސިވް ވަޒީފާގެ މާހައުލެއް އަދި ސަގާފަތެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް