ފިޔޯރީ ސްކޫލަށް ކުރިމަތި ވެފައިވާ ދަތިތަށް ނައިބު ރައީސާ ހިއްސާކޮށްފި

ގދ. ފިޔޯރީ ސްކޫލުގެ ކިޔެވުން ދެ ދަންފަޅިއަށް ބަދަލު ކުރަންޖެހުމުން ކުރިމަތި ވެފައިވާ ދަތިތަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ބައްދަލު ކުރައްވައި ފިޔޯރީ ކައުންސިލްގެ މެންބަރުން ހިއްސާ ކ...

08 Mar 2023 | 14:13

ގދ. ފިޔޯރީ ސްކޫލުގެ ކިޔެވުން ދެ ދަންފަޅިއަށް ބަދަލު ކުރަންޖެހުމުން ކުރިމަތި ވެފައިވާ ދަތިތަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ބައްދަލު ކުރައްވައި ފިޔޯރީ ކައުންސިލްގެ މެންބަރުން ހިއްސާ ކޮށްފިއެވެ.

މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ވަނީ އެރަށުގެ ސްކޫލުގައި ދާދި ފަހުން ހިނގާދިޔަ އަލިފާނުގެ ހާދިސާގެ ސަބަބުން ރަށުގެ ސްކޫލުގެ ކިޔެވުން ދެ ދަންފަޅިއަށް ބަދަލުކުރަންޖެހުމުންނާއި އެ ހާދިސާގެ ސަބަބުން ސްކޫލު ހިންގުމަށް މިހާރު ކުރިމަތިވެފައިވާ ދަތިތައް ފާހަގަ ކުރައްވާފަ އެވެ.

އަދި އެ ބޭފުޅުން ވަނީ ރަށުގެ ޞިއްޙި މަރުކަޒު ހިންގުމުގައި ކުރިމަތިވާ ގޮންޖެހުންތައް ޙިއްޞާކުރައްވާފަ އެވެ.

މީގެ އިތުރުންވެސް ރަށުގެ ތަރައްޤީއަށްޓަކައި ހިންގާ ބައެއް މަޝްރޫޢުތައް ލަސްވަމުންދާތީ އެކަންކަން އަވަސް ކުރުމަށް ބޭނުންވާކަމުގައި އެބޭފުޅުން ފާހަގަކުރެއްވި އެވެ.

އެގޮތުން ފެނާ ނަރުދަމާގެ މަޝްރޫޢު އެބޭފުޅުން ފާހަގަކުރައްވާފައި ވެއެވެ.

މިއަދުގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އެއްވެސް ރަށެއް ބާކީ ނުކުރުމުގައި ސަރުކާރުން ގެންގުޅުއްވާ ހަރުދަނާ ސިޔާސަތު ފާހަގަކުރައްވާފަ އެވެ.

މީގެ އިތުރުން ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާ މަޝްވަރާ ކުރައްވާ އެކަންކަމަށް އަވަސް ޙައްލެއް ހޯދުމަށް މަސައްކަތް ކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް