މިދިޔޔަ މަހުގެ 22 ވަނަ ދުވަހުގެ ރޭ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މެލޭޝިއާގައި އަވަހާރަވި ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހީމް ރިޒާގެ ހަނދާނުގައި ކޮންމެ ރަމަޟާން މަހަކުވެސް ޤުރުއާން މުބާރާތެއް ބާއްވަން ކ. ގުރައިދޫ ކައުންސިލުން ނިންމައިފިއެވެ.
މި މުބާރާތުގެ މަޢުލޫމާތު ގެޒެޓު ކޮށް ގުރައިދޫ ކައުންސިލުން ބުނީ މި މުބާރާތުގައި ބާއިވެރިވުމުގެ ފުރުސަތު މިމަހުގެ 13 ވަނަ ދުވަހުގެ 12:00 އާއި ހަމައަށް ހުޅުވާލެވިފައިވާ ކަމަށެވެ.
ގުރައިދޫ ކައުންސިލުން ބުނީ މިމުބާރާތަކީ 10 އުމުރުފުރާއަކަށް ހުޅުވާލައިގެން، ބަލައިގެންނާއި ނުބަލައި ކިޔެވުންވެސް ހިމަނައިގެން ބާއްވާ މުބާރާތެއް ކަމަށެވެ.
އަދި މި މުބާރާތުގައި ބައިވެރި ވެވޭގޮތަށް ހަމަޖައްސާފައިވަނީ ގުރައިދޫގެ ރަށްވެހިންނަށާއި އެރަށަށް ރަޖިސްޓްރީވެފައި ނެތަސް މަންމަ ނުވަތަ ބައްޕަ އެރަށަށް ރަޖިސްޓްރީވެފައިވާ މީހުންނަށް ކަމަށެވެ.
މީގެ އިތުރުން ގުރައިދޫ ކައުންސިލުން ބުނީ ރަށުގެ ރަށްވެއްސަކަށް ނުވިނަމަވެސް ރަށު ސްކޫލްގައި ކިޔަވާ ދަރިވަރުންނަށް ވެސް މުބާރާތުގައި ބައިވެރިވެވޭ ގޮތަށް ކައުންސިލުން ވަނީ ހަމަޖައްސާފައި ކަމަށެވެ.
މަރުހޫމް ރިޒާ ވަނީ 14 އަހަރު މަޖިލީހުގެ މެމްބަރުކަން ކުރައްވާފައެވެ. އަދި ރިޒާ ތިން ދައުރުގައި ވެސް ކުރައްވާފައިވަނީ ގުރައިދޫ ދާއިރާގެ މެމްބަރު ކަމެވެ.
އެންމެ ފުރަތަމަ މެމްބަރުކަން ކުރެއްވީ 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި 2009 ވަނަ އަހަރުން 2014 ވަނަ އަހަރަށެވެ. 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި 2014 އިން 2019 އަށް މަސައްކަތް ކުރެއްވި އެވެ.
އާލާސްކަންފުޅާއި އުޅުއްވުމަށް ފަހު އަވަހާރަވިއިރު 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ބާކީ ދައުރު ނިމެން އޮތީ އަހަރެއްހާ ދުވަހެވެ.
ރިޒާ އަވަހާރަވުމާއި ގުޅިގެން ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން މިހާރު ވަނީ އިއުލާނު ކޮށްފައި އެވެ. އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ ބައި އިލެކްޝަން އަންނަ އޭޕްރިލް 15 ގައި ބާއްވާށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް