ބޮލީވުޑްގެ ޖޯޑު ރަންބީރު ކަޕޫރާއި އާލިއާ ބަޓްގެ ދަރިފުޅު ރަހާ ކަޕޫރު ބޮޑުވެގެން އޭނާގެ މަންމަ ފަދަ މީހަކަށް ވާން ބޭނުން ނުވާ ކަމަށް ރަންބީރު ބުނެފި އެވެ.
ރަންބީރާއި އާލިއާއަށް ފުރަތަމަ ދަރިފުޅު ރަހާ ލިބުނީ މިދިޔަ އަހަރުގެ ނޮވެމްބަރު 10 ގައި އެވެ. ރަހާއަށް ހަތަރު މަސް ގާތްގަނޑަކަށް ވެފައިވާއިރު އާލިއާ މިހާރު ޝޫޓިންއަށް ދަނީ ރަހާ ގޮވައިގެންނެވެ.
އެގޮތުން އެންމެ ފަހުން އޭނާ ޝޫޓިން ނިންމާލި ފިލްމު "ރޯކީ އޯރު ރާނީ ކީ ޕްރޭމް ކަހާނީ" ގެ މަސައްކަތަށް ކަޝްމީރަށް ދިޔައީ ރަހާ ގޮވައިގެންނެވެ. އޭރު ރަންބީރު ބިޒީކޮށް އުޅުނީ ފިލްމު "ތޫ ޖޫޓީ މެއިން މައްކާރް" ގެ ޕްރޮމޯޝަންގައި އެވެ.
އެ މަސައްކަތުގެ ތެރެއިން މީޑިއާގައި ރަންބީރު ބުނީ ރަހާ ބޮޑުވެގެން އެއްގޮތަކަށްވެސް އާލިއާ ފަދަ މީހަކަށް ވާން ބޭނުން ނުވަނީ އާލިއާ އަކީ ވަރަށް އަޑުގަދަ ވަރަށް ވާހަކަ ގިނަ މީހަކަށް ވާތީ ކަމަށެވެ. އަދި އާލިއާ އަކީ ކޮންމެ މީހަކާއިވެސް ވަރަށް ގާތްކޮށް ދެކޭ، އަންހެން ވަންތަ މީހެއް ކަމަށް ރަންބީރު ބުންޏެވެ.
ރަންބީރު ބުނީ ރަހާ ބޮޑުވަމުން އަންނަ ވަރަކަށް އެގޮތަށް އުޅެން ފަށައިފި ނަމަ ގޭގައި ދެ އާލިއާ ގެންގުޅުމަކީ އޭނާއަށް ވަރަށް އުނދަގޫ ކަމަކަށް ވާނެ ކަމަށެވެ. ރަންބީރު ބޭނުންވަނީ ރަހާއަކީ އޭނާ ފަދަ ބަސް މަދު މީހަކަށް ވާށެވެ.
ދެމީހުން ވަނީ ރަހާ ވިހެއުމުގެ ކުރިން ދަރިފުޅު ބަލަން އަބަދުވެސް ކޮންމެސް އެކަކު ގޭގައި ހުންނާނެ ކަމަށް ބުނެ ފޮނި ވާހަކަތަކެއް ދައްކާފައި އެވެ. އެކަމަކު އާލިއާ ވިހޭތާ ހަފްތާއެއް ނުވަނީސް ކަސްރަތު ކުރަން ފަށައި ކުރީގެ ޝޭޕަށް އައުމާއި އެކު މިހާރު ވަނީ ފިލްމީ މަސައްކަތްތައް ފަށާފައި އެވެ.
މިހާރު ރަންބީރު ބުނަމުން ދަނީ އޭނާގެ ފިލްމު "އެނިމަލް" ގެ ޝޫޓިން ނިންމާލުމަށް ފަހު ހަތަރު ވަރަކަށް މަސް ދަރިފުޅާއި އެކު ހޭދަ ކުރަން ހުސް ކުރާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް