ޕީއެސްޖީއަށް ކުޅެމުން އަންނަ ބްރެޒިލް ފޯވާޑް ނޭމާ އަށް ލިބުނު އަނިޔާއާ ގުޅިގެން ސާޖަރީއެއް ހަދަންޖެހި، ސީޒަނުގެ ބާކީ ބައިގައި ދެން ނުކުޅެވޭނެކަން އޭނާގެ ކުލަބު ޕީއެސްޖީން ހާމަކޮށްފިއެވެ.
ނޭމާއަށް އަނިޔާގެ މައްސަލަ ކުރިމަތިވީ ނިމިގެން ދިޔަ ފެބްރުވަރީ މަހުގެ 19 ވަނަ ދުވަހު ފްރެންޗް ލީގުގައި ލިލްއާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާގެ ފައިގެ ކުޑަހުޅަށެވެ.
އަނިޔާއާއި ގުޅިގެން މިހާރުވެސް ކުޅުމާއި ދުރުގައި ހުރި ނޭމާ، އޭނާއަށް ލިބުނު އަނިޔާ ސީރިއަސް ވެ، ސާޖަރީއަކަށް ދާންޖެހޭކަމަށް ޑޮކްޓަރުންގެ ޓީމުން ވަނީ ލަފާ ދީފައެވެ.
މިކަމާއި ގުޅިގެން ނޭމާގެ ކުލަބު ޕީއެސްޖީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ނޭމާގެ އަނިޔާ ސީރިއަސް ކަމަށާއި އެގޮތުން ސާޖަރީއެއް ހަދަން މިހާރު އޭނާގެ ޑޮކްޓަރުންގެ ޓީމުން ކަފާދީފައިވާ ކަމަށެވެ.
އަދި ކުރިޔަށްއޮތް ދެތިން ދުވަހެއްގެ ތެރޭގައި ނޭމާގެ ފައިގެ ކުޑަހުޅުގެ ސާޖަރީއެއް ހަދާނެކަމަށާއި މި ސާޖަރީއަށް ފަހު ތިނެއް ނޫނީ ހަތަރު މަސް ދުވަހަށް ނޭމާ ކުޅުމާއި ދުރުގައި ހުންނަން ޖެހޭނެކަމަށް ޕީއެސްޖީގެ ބަޔާނުގައި ވަނީ ބުނެފައެވެ.
މި އަނިޔާއާއި ގުޅިގެން ނޭމާއަށް މުހިންމު ގިނަ މެޗުތަކެއް ގެއްލޭއިރު، ޗެމްޕިއަން ލީގުގެ ގަދަ 16ގެ ދެވަނަ ލެގުގައި މިރޭ ބަޔާން އާއި ދެކޮޅަށް ޕީއެސްޖީން ކުޅޭމެޗު ހިމެނެއެވެ. މި މެޗަކީ ޕީއެސްޖީއަށް މޮޅެއް ހޯދަން ކޮންމެހެން މުހިންމު މެޗަކަށް ވާއިރު، މި މެޗުގައި ނޭމާ ފަދަ މުހިންމު ކުޅުންތެރިޔަކު ނެތުމަކީ ޕީއެސްޖީގެ ކޯޗު ކްރިސްޓޮފާ ގަލްޓިއާ ކަންބޮޑުވާނޭ ކަމެކެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ފުރަތަމަ ލެގުގެ މެޗުގައި ޕީއެސްޖީ ވަނީ ބަޔާން މިއުނިކް އަތުން ބަލިވެފަ އެވެ. އެހެން ކަމުން މިރޭގެ މެޗުން ބޮޑު ފަރަގަކުން މޮޅެއް ހޯދުން ޕީއެސްޖީއަށް މަޖުބޫރު ވާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް