ޗެމްޕިއަންސް ލީގު: ޗެލްސީ އާއި ބެންފީކާ ކުއާޓާ ފައިނަލަށް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގެ ދެ ވަނަ ލެގުގެ މެޗުތަކުން މޮޅުވެ، ޗެލްސީ އާއި ބެންފީކާ މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި އެވެ. ޗެލްސީ އަމިއްލަ ދަނޑުގައި ކުޅުނު ދެވަނަ ލެގުގެ މެޗުން އ...

08 Mar 2023 | 04:06

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގެ ދެ ވަނަ ލެގުގެ މެޗުތަކުން މޮޅުވެ، ޗެލްސީ އާއި ބެންފީކާ މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި އެވެ.

ޗެލްސީ އަމިއްލަ ދަނޑުގައި ކުޅުނު ދެވަނަ ލެގުގެ މެޗުން އެޓީމު މޮޅުވީ 0-2 ގެ ނަތީޖާއިން ބޮރޫޝިއާ ޑޯޓްމަންޑް ގެ މައްޗަށް ކުރި ހޯދައިގެންނެވެ. ފުރަތަމަ ލެގުގައި ޑޯޓްމަންޑް ދަނޑުގައި ކުޅުނު މެޗުން ޗެލްސީ ބަލިވީ 0-1 ގެ ނަތީޖާއިންނެވެ. ނަމަވެސް ރޭގެ މެޗުން ހޯދި މޮޅާއި އެކު ޗެލްސީ ކުއާޓާ ފައިނަލް ކަށަވަރު ކުރީ 1-2 ގެ އެގްރިގޭޓް ނަތީޖާއިން ކުރި ހޯދައިގެންނެވެ.

ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ދިޔައިރު، ޗެލްސީން މެޗުގެ ލީޑު ނެގީ ފުރަތަމަ ހާފު ނިމެން ގާތްވެފައި ވަނިކޮށް، މެޗުގެ 43 ވަނަ މިނެޓުގައެވެ. ޗެލްސީއަށް ލީޑު ނަގައިދިން މި ލަނޑު ޖަހައިދިނީ ރަހީމް ސްޓާލިންއެވެ.

ޗެލްސީން ލީޑު ފުޅާކުރީ ދެވަނަ ހާފުގެ ވަރަށް ކުރީކޮޅު، މެޗުގެ 53 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކައި ހަވަޓްޒް ޖަހައިދިން ލަނޑުންނެވެ. މި ޕެނަލްޓީ ޗެލްސީއަށް ލިބުނީ ޗެލްސީގެ ބެން ޗިލްވެލް ގޯލު ކުރިމައްޗަށް ނަގައިދޭން ޖެހި ބޯޅައެއް ޑޯޓްމަންޑްގެ މާރިއަސް ވޮލްފް އަތުގައި ޖެހުމުންނެވެ.

ބެންފީކާ އިން ވަނީ ރޭ ކްލަބް ބްރޫޖް އަތުން 5-1 އިން މޮޅުވެ، އެޓީމުން ކުއާޓާގެ ޖާގަ ކަށަވަރުވީ 1-7 ގެ އެގްރިގޭޓް ނަތީޖާއިން ކުރި ހޯދައިގެންނެވެ.

ރޭގެ މެޗުގައި ބެންފީކާއިން މޮޅު ކުޅުމެއް ދެއްކިއިރު، ފުރަތަމަ ހާފުގައި އެޓީމުން ވަނީ ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. އެ ޓީމަށް މި ހާފުގައި ލަނޑުތައް ޖަހައިިދިނީ ރަފާ ސިލްވާ އާއި ގޮންކާލޯ ރާމޯސް އެވެ. ދެ ވަނަ ހާފުގައި ބެންފީކާއިން އިތުރު ތިން ލަނޑު ޖެހިއިރު، މި ހާފުގައި ލަނޑުތައް ޖަހައިދިނީ ގޮންކާލޯ ރާމޯސްއާއި ޖާއޯ މާރިއޯ އަދި ޑޭޭވިޑް ނެރޭސް އެވެ. މި މެޗުގައި ކްލަބް ބްރޫޖްގެ ހަމަ އެކަނި ލަނޑު ޖެހީ ބްޔޯން މެއިއާ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް