އާންމު ހިއްސާދާރުންގެ ފަރާތުން އެސްޓީ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެސްޓީއޯއިން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ އާންމު ހިއްސާދާރު ހޮވުމަށް ހަމަޖެހިފައިވަނީ2022 ވަނަ އަހަރުން2023 ވަނަ އަހަރަށް ކަމަށެވެ. މި މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއެއް ހާމައެއް ނުކުރެ އެވެ.
އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަނުކުރާ ހުރިހާ މެންބަރުންނަކީވެސް ވިޔަފާރިއާއި ހިންގުމުގެ ދާއިރާއިން އެކަށީގެންވާ ތައުލީމާއި ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް ވުމަކީ އެ ކުންފުނިން ބާރުއަޅާ ކަމެކެވެ. އަދި ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީގެ ކޯޕަރޭޓް ގަވަނަންސް ކޯޑުގައި ބާާރުއަޅާފަދައިން ކުންފުނީގެ ބޯޑަށް ވީހާވެސް ގިނަ އަންހެން ބޭފުޅުން ޝައުގުވެރިކަން ފާޅުކުރުމަށާއި އިންތިހާބުގައި ވާދަކުރުމަށް އެސްޓީއޯއިން ބާރުއަޅައެވެ. އެސްޓީއޯއިން ބުނީ އެއީ މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް ކުންފުނިން ކުރަމުންދާ މަސައްކަތަށް އިތުރު ހިތްވަރެއް ލިބިގެންދާ ކަމެއް ކަމަށެވެ.
ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލާ މީހުންގެ ޝަރުތުތައްވެސް އެސްޓީއޯއިން ވަނީ އާންމުކޮށްފައެވެ. އޭގެ ތެރޭގައި، ކުންފުނީގެ ހިއްސާދާރަކަށް ވުމާއި، ހިއްސާދާރަކީ ކުންފުންޏެއްނަމަ މަގާމަށް ކުރިމަތިލާ ފަރާތަކީ އެ ކުންފުނީގެ ބޯޑުން ފާސްކޮށްފައިވާ ރިޒޮލިއުޝަނަކުން ރުހުންދީފައިވާ ފަރާތަކަށް ވުމާއި، ދިވެހި ރައްޔިތަކަށް ވުމާއި، އުމުރުން 30 އަހަރުވެފައިވާ މީހަކަށް ވުން ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް