މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޤާނޫނު ނަންބަރު 2014/16 ޖިންސީ ފުރައްސާރަކުރުމާއި ގޯނާ ކުރުން ހުއްޓުވުމުގެ ޤާނޫނަށް ހޭލުންތެރިކުރުމުގެ ސެޝަންތަކެއް މިއަދު ފަށައިފިއެވެ.
މާފުށީ ޖަލުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ޖިންސީ ފުރައްސާރަކުރުމާއި ގޯނާ ކުރުން ހުއްޓުވުމުގެ ޤާނޫނަށް ޚާއްސަ ޕޯސްޓަރާއެކު މި ސެޝަންތައް އިފްތިތާޙްކޮށްދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅުއެވެ.
ކަރެކްޝަންސުން ބުނީ މި ސެޝަންތަކުގެ މަޤްޞަދަކީ ޖިންސީ ގޯނާގެ ޤާނޫނުގެ ދަށުން މަތިކުރާ މަސްޢޫލިޔަތްތަކަށް އޮފިސަރުންނާއި މުވައްޒަފުން ހޭލުންތެރިކުރުވުން ކަމަށެވެ.
މި ސެޝަންތަކުގައި ޖިންސީ ފުރައްސާރަކުރުމާއި ގޯނާ ކުރުން ހުއްޓުވުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ޖިންސީ ފުރައްސާރައިގެ ޢަމަލުތަކަކީ ކޮބައިކަން ކިޔައިދެވޭނެކަމަށް ކަމަށް ކަރެކްޝަންސުން ހާމަކުރެއެވެ.
އަދި އެފަދަ މައްސަލަތައް ކޮމިޓީއަށް ހުށަހެޅޭނެ ގޮތްތަކާއި މައްސަލަތައް ކޮމިޓީއިން ބަލާނެ ގޮތްތަކާއި އެފަދަ ޢަމަލުތައް ކުރާ ފަރާތްތަކާމެދު ޤާނޫނީ ގޮތުން އެޅޭނެ ފިޔަވަޅުތައް އޮފިސަރުންނާއި މުވައްޒަފުންނަށް ކިޔާދެވޭނެއެވެ.
މީގެ އިތުރުން ޖިންސީ ފުރައްސާރަ ކުރުމާއި ގޯނާ ކުރުމުގެ ޢަމަލުތަކަކީ ކަރެކްޝަންސުން ޒީރޯ ޓޮލަރެންސް ދީގެން ބަލާނެ މައްސަލަތަކެއް ކަމުގައި ޖިންސީ ފުރައްސާރަކުރުމާއި ގޯނާ ކުރުން ހުއްޓުވުމާބެހޭ ކޮމިޓީން ވަނީ ބަޔާންކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް