ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންގެ އަދަދުގައި މިންތީގެ ހަމަހަމަކަން ފެނިގެންދިޔަ ފުރަތަމަ ޕަބްލިކް ޑިރެކްޓަރުންގެ ބޯޑަކަށް އުރީދޫ މޯލްޑިވްސް ވެ، ތާރީހުން ޖާގަ ހޯދައިފިއެވެ.
މިކަން އުރީދޫ މޯލްޑިވްސް އަށް ހާސިލްވެގެންގޮސްފައިމިވަނީ ރޭގައި ބޭއްވި އެ ކުންފުނީގެ އޭޖީއެމްގައި ހިއްސާދާރުންގެ ފަރާތުން ހޮވާ ޑިރެކްޓަރުގެ ގޮތުގައި ފަރީހާ ޝަރީފް ހޮވުމުންނެވެ.
މިހާރު އެ ބޯޑުގައި ތިއްބަވަނީ ހަތަރު އަންހެން ބޭފުޅުންނާއި ހަތަރު ފިިރިހެން ބޭފުޅުންނެވެ.
އެއީ
- ޗެއާޕާސަން، މިސް ފާތިމާ ސުލްތާން އަލް-ކައްވާރީ
- މެނޭޖިން ޑިރެކްޓަރ އަދި ޗީފް އެގްޒެކެޓިވް އޮފިސަރ، މިސްޓަރ ޚާލިދު ހަސަން އަލް-ޙަމާދީ
- ޑިރެކްޓަ އަދި އޮޑިްޓް އެންޑް ރިސްކް ކޮމިޓީގެ ޗެއަރމަން، މިސްޓަރ ޖޯޖް ޗެލެނަރ
- ޑިރެކްޓަރ އަދި ނޮމިނޭޝަން އެންޑް ރެމިއުނަރޭޝަން ކޮމިޓީގެ ޗެއަރމަން މިސްޓަރ ވިކްރަމް ސިންހާ
- ޑިރެކްޓަރ އަލްއުސްތާޛާ ދީނާ ޙުސައިން
- އެގްޒެކެޓިވް ޑިރެކްޓަރ އަދި ޗީފް ފައިނޭންޝަލް އޮފިސަރ މިސްޓަރ ސުރޭޝް ކަލްޕަތީ ޗިޑަމްބަރަމް
- ޑިރެކްޓަރ މިސް މޯޒާ މުޙައްމަދު ދަރުވިޝް
- ޑިރެކްޓަރ އަލްފާޟިލާ ފަރީޙާ ޝަރީފް
މިއީ ރާއްޖޭގެ ތާރީހުގައި ޕަބްލިކް ކުންފުންޏެއްގެ ބޯޑުގައި މިންތީގެ ހަމަހަމަކަން ފެނިގެންދިޔަ ފުރަތަމަ ފަހަރެވެ.
https://twitter.com/nooraazahir/status/1501151527842758656?s=21
އުރީދޫއިން ރޭ ބޭއްވި އޭޖީއެމްގައި އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަން ފާތިމާ އަލް ކުވާރީ، ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ ތަހުނިޔާ އަރިސްކުރައްވަމުން ވިދާޅުވީ ރޭގައި ފުރިހަމަވެގެންދިޔަ ބޯޑަކީ އުރީދޫގެ ތާރީހުގައިވެސް މިންތީގެ ހަމަހަމަކަން އެކުލެވުނު ފުރަތަމަ ބޯޑު ކަމަށެވެ. އެއީ އުރީދޫއަށް ލިބުނު ބޮޑު ކާމިޔާބީއެއްކަން ފާތިމާ ފާހަގަކުރެއްވިއެވެ.
"އުރީދޫއިން އަބަދުވެސް މަސައްކަތްކުރާނީ އަންހެނުން މިހާރަށްވުރެ ބޮޑަށް ބާރުވެރިކުރުވުމަށް" އޭނާ ވިދާޅުވިއެވެ.
ބައިނަލްއަގްވާމީ އަންހެނުންގެ ދުވަސް މިއަދު ފާހަގަކުރަމުން އަންނައިރު މި ދުވަސް ފާހަގަކުރުމުގެ ގޮތުން ޔޫ.އެން.ވިމެން އިން މިއަހަރުގެ ޝިޢާރު ކަމުގައި ކަނޑައަޅާފައިވަނީ "Gender equality today, for a sustainable tomorrow" (ދެމެހެއްޓެނިވި މާދަމައަކަށް، މިންތީގެ ހަމަހަމަކަން މިއަދު) އެވެ.
މި ޝިއާރުގެ ދަށުން ރާއްޖޭގައިވެސް އަންހެނުންގެ ދުވަސް މިއަދު ފާހަގަކުރަމުން އަންނައިރު ރާއްޖޭގެ މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އާއިޝަތު މުޙައްމަދު ދީދީ މިއަދު ވިދާޅުވީ މި ދުވަހުގެ މަޤްސަދަކީ، އަންހެނުންނަށް ލިބިފައިވާ ހައްޤުތައް ކަށަވަރުކުރުމަށާއި އަންހެނުންގެ ޙާލަތު ރަނގަޅު ކުރުމަށް އެކި ދާއިރާތަކުން ހޯދާފައިވާ ކާމިޔާބީތައް ފާހަގަކޮށް، ދިވެހިރާއްޖޭގައި އަންހެނުން ބާރުވެރި ކުރުމަށާއި މިންތީގެ ހަމަހަމަކަން ޤާއިމުކުރުމަށް އެކި ފަރާތްތަކުން ކުރަމުންދާ މަސައްކަތްތަކުގެ އަގުވަޒަންކޮށް، އެ މަސައްކަތްތައް އިތުރަށް ރަނގަޅުކުރުމަށް އަޑުތައް އިއްވައިދިނުމަށް ލިބިގެންދާ އިތުރު ފުރުސަތެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް