ދިވެހި ފުލުހުންގެ ޚިދުމަތުން އަންހެނުންގެ ދުވަސް ފާހަގަކޮށްފި

ބައިނަލް އަގުވާމީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ހަރަކާތްތައް މާލެ ސިޓީއާއި އަތޮޅު ތެރޭގެ ޕޮލިސް ސްޓޭޝަންތަކާއި ޕޮލިސް ޕޯސްޓު ތަކުގައި ކުރިއަށް ގެންގޮސްފިއެވެ. އެގޮތުން، ދުވަހަށް ހާއްސަކޮށްގެން އ...

08 Mar 2022 | 12:44

ބައިނަލް އަގުވާމީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ހަރަކާތްތައް މާލެ ސިޓީއާއި އަތޮޅު ތެރޭގެ ޕޮލިސް ސްޓޭޝަންތަކާއި ޕޮލިސް ޕޯސްޓު ތަކުގައި ކުރިއަށް ގެންގޮސްފިއެވެ.

އެގޮތުން، ދުވަހަށް ހާއްސަކޮށްގެން އިސްކަންދަރު ބިލްޑިންގގައި މިއަދު ކުރިއަށް ގެންދިޔަ ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރަޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމްއެވެ. އެ ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުއާއި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފްއާއި، ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުން ބައިވެރިވެލެއްވިއެވެ. އަދި ގިނަ އަދަދެއްގެ އަންހެން ފުލުހުންނާއި އަންހެން ސިވިލް މުވައްޒަފުން ބައިވެރިވިއެވެ.

އެ ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ދެއްކެވި ވާހަކަފުޅުގައި، ފުލުހުންގެ މުއައްސަސާގައި އަންހެން ފުލުހުން އަދި ސިވިލް އަންހެން މުވައްޒަފުން ކުރަމުންދާ އަގުހުރި މަސައްކަތްތައް ފާހަގަކުރައްވައި އެކަމަށް ޝުކުރުއަދާކުރެއްވިއެވެ. އަދި ފިރިހެނުންނެކޭ އެއްފަދައިން އަންހެނުންނަށްވެސް މަގާމުގެ މަސްއޫލިއްޔަތާއި، އޮތޯރިޓީއާއި، ވަސީލަތާއި، މުއައްސަސާތެރޭގައި ނުފޫޒު ހިންގުމުގެ ފުރުސަތު އަދި ކަންކަމުގައި ގޮތް ނިންމުމުގައި ބައިވެރިވުމަށް އޮތް ފުރުސަތު ކުރިއާ ހިލާފަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ތެރޭގައި އިތުރުވެފައިވާކަމުގައި ފާހަގަކުރެއްވިއެވެ. އަދި ފިރިހެނުންނާވެސް ހަވާލުކުރެވޭ މަސްއޫލިއްޔަތުތައް އަދާކުރަމުންއަންނަ އަންހެނުން އިތުުރުވަމުން އަންނަ ކަމުގައި ފާހަގަކުރެއްވިއެވެ.

އަތޮޅު ތެރޭގެ ޕޮލިސް ސްޓޭޝަންތަކާއި ޕޮލިސް ޕޯސްޓު ތަކުގައި ވެސް އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ތަފާތު ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ. އެގޮތުން، ކުރިއަށް ގެންދިޔަ ހަރަކާތްތަކުގައި، އަންހެން މުވައްޒަފުންގެ ބުރަ މަސައްކަތްތައް ފާހަގަކުރައްވައި ރީޖަން ކޮމާންޑަރުންނާއި އަތޮޅު ކޮމާންޑަރުން އަދި ސްޓޭޝަންތަކުގެ އިންޗާޖުން އަންހެން މުވައްޒަފުންނަށް ޝުކުރުއަދާކުރައްވާފައިވެއެވެ.

އަދި ބައެއް ރަށްރަށުގައި މުވައްޒަފުންނަށް ހާއްސަކޮށްގެން ޓީމް ބިލްޑިންގ ހަރަކާތްތަކާއި އެހެނިހެން ހަރަކާތްތައްވެސް ކުރިއަށް ގެންގޮސްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް