އެމްޑީޕީ ޗެއާޕާސަންގެ އިންތިޚާބުގެ، ތާރީޚު ފަސްކުރަން ނިންމަނީ

ވެރިކަން ކުރާ މައިޕާޓީ އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމާއި، އެނޫން އިންތިޚާބުތައް ބާއްވާ ތާރީޚަށް ބަދލު ގެނައުމަށް އެޕާޓީގެ ޤައުމީ މަޖިލިސް މިރޭ ބޭއްވުމަށް ނިންމައިފިއެވެ. އެމްޑީޕީގެ ޗެއަރޕަރސަން، އަންހެ...

08 Mar 2022 | 09:13

ވެރިކަން ކުރާ މައިޕާޓީ އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމާއި، އެނޫން އިންތިޚާބުތައް ބާއްވާ ތާރީޚަށް ބަދލު ގެނައުމަށް އެޕާޓީގެ ޤައުމީ މަޖިލިސް މިރޭ ބޭއްވުމަށް ނިންމައިފިއެވެ.

އެމްޑީޕީގެ ޗެއަރޕަރސަން، އަންހެނުންގެ ރޫޙު، އަދި ޒުވާނުންގެ ހިތްވަރުގެ އިންތިޚާބު ބޭއްވުމަށް އެޕާޓީގެ ޤައުމީ މަޖިލީހުން މީގެ ކުރިން ފާސްކޮށްފައިވާ ތާރީޚަކީ އަންނަ މަހުގެ 16ވަނަ ދުވަހެއެވެ. އިންތިޚާބު ބޭއްވުމަށް މިހާރު ކަނޑައަޅާފައިވާ ތާރީޚާއި ރަމަޟާން މަސް ދިމާވާތީ އިންތިޚާބު ފަސްކުރުމަށް އެދި ޗެއާޕާސަންގެ މަޤާމަށް ވަދަކުރައްވާ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާޢީލް ވަނީ އެދިވަޑައިގެންފައެވެ.

މިހުށަހެޅުން އިންތިޚާބާއި ކޮމިޓީން ބެލުމަށްފަހު ޗެއަރޕަރސަން، އަންހެނުންގެ ރޫޙު، އަދި ޒުވާނުންގެ ހިތްވަރުގެ އިންތިޚާބު ރަމަޟާން މަހަށް ދިމާނުވާނެ ތާރީޚެއްގައި ބާއްވުމަށް ވަނީ ހުށަހަޅާފައެވެ. އެމްޑީޕީގެ އަސާސީ ޤަވާޢިދު ބުނާގޮތުން އިންތިޚާބު ބޭއްވުމަށް ކަނޑައަޅާފައިވާ ތާރީޚަށް ބަދަލު ގެނެވޭނީ ޤައުމީ މަޖިލީހުން ފާސްކުރުމުންނެވެ.

މިރޭގެ ބައްދަލުވުމުގައި އަނެހްނުންގެ ރޫޙުގެ ވޯޓުލާ މީހުންގެ ރަޖިސްޓްރީއެއް ނެތުމާއިއެކު، ޕާޓީގެ މެންބަރުންގެ ތެރެއިން ހުރިހާ އަންހެން މެންބަރުންނަށް ވޯޓު ލެވޭނެ ގޮތަށް ހަމަޖައްސައިދިނުމަށް އިންތިޚާބާ ބެހޭ ކޮމިޓީން އެދިފައިވާތީ، މިކަމާ ގުޅޭގޮތުންވެސް ގޮތެއް ނިންމުމަށް ވަނީ އެޖެންޑާ ކޮށްފައެވެ.

މިއިންތިޚާބު ބާއްވާނެ ތާރީޚެއް ކަނޑައެޅުން ބާއްވާ އެމްޑީޕީގެ ޤައުމީ މަޖިލިސް ބޭއްވުމަށް ހަމަޖެހިފައިވަނީ މި 8:30 ގައި އިމާދުއްދީން ސްކޫލް ހޯލްގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް