ކޯވިޑް-19ގެ ބަލިމީހުންނަށް ފަރުވާ ދިނުމަށް ހުޅުމާލޭގައި އިތުރު ކޯވިޑް ފެސިލިޓީ ހުޅުވައިފިއެވެ.
ހުޅުމާލޭގައި އަލަށް ގާއިމުކުރެވުނު "އިންފެކްޝަސް ޑިސީސަސް މެނޭޖްމަންޓް ސެންޓަރު"ގައި 272 އެނދުގެ އިތުރުން 44 އިސީޔޫ އެދު ހުންނާނެކަމަށް ހެލެތު މިނިސްޓްރީން ވިދާޅުވެއެވެ. މީގެ އިތުރަށް މި ސެންޓަރުން އެމަޖެންސީކޮށް ބަލިމީހުނަށް ފަރުވާދިނުމާއި އެތަނުގައި އެޑްމިޓްކޮށްފައި ތިބި ބަލިމީހުންނަށްވެސް ފަރުވާ ދެމުން ގެންދާނެކަމަށެވެ. އެޑްމިޓް ކޮށްގެން ފަރުވާދޭ މީހުންނަށް ޚާއްސަކޮށްފައިވާ 35 އެނދު ހިމެނެއެވެ. މީގެތެރޭގައި އައިސީޔޫ 5 އެނދުވެސް ހިމެނޭކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ.
އަލަށް ގާއިމުކުރެވުނު މި ކޯވިޑް ފެސިލިޓީއަކީ 3 ފަންގިފިލާއަށް ތަރައްޤީކޮށްފައިވާ ފެސިލިޓީއެކެވެ. ޢިމާރާތް ޑިޒަންކޮށްފައިވަނީ އޮކްސިޖަން ސިލިންޑަރުތައް އުފުލަން ނުޖެހޭ ގޮތަށް ހޮޅި އަޅާގޮތަށެވެ. ހޮސްޕިޓަލެއްގެ ފެންވަރަށް ތަރައްޤީކޮށްފައިވާ މިފެސިލިޓީއަކީ ރާއްޖޭގައި ކޯވިޑްގެ އިތުރު ރާޅެއް އައިނަމަވެސް ފަރުވާދެވޭނެ ކެޕޭސިޓީއާއެކު ހަދާފައިވާ ފެސިލިޓީއެއްކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.
ކޯވިޑް އާއި ގުޅިގެން މީގެ ކުރިން ހުޅުމާލޭގައި ބޭނުން ކުރަމުން އައީ 290 އެނދުގެ އިތުރުން އައިސީޔޫއަކާއި ހޮސްޕިޓަލް އޭރިއާއަކާއި މީހުން އައިސޮލޭޓް ކުރެވޭނެ ސަރަޙައްދެއްހިމެނޭ ވަގުތީ ފެސިލިޓީއެކެވެ.ނަމަވެސް ކޯވިޑް ކޭސްތައް އިތުރުވުމާއި ގުޅިގެން ފަހުންވަނީ ހުޅުމާލޭ ހޮސްޕިޓަލްގެ އެއްބައިވެސް ކޯވިޑަށް ޚާއްސަކޮށްފައެވެ. ހުޅުމާލޭ ހޮސްޕިޓަލްގައި 120 އެނދުވަނީ ކޯވިޑަށް ޚާއްސަކޮށްފައެވެ. ނަމަވެސް އަލަށް ހުޅުވި ސެންޓަރާއެކު ކޯވިޑް ޖެހޭ ބަލި މީހުންނަށް ދާއިމީ ގޮތެއްގައި ފަރުވާ ދިނުމަށް ފަސޭހަވެގެންދާނެކަމަށް ސަރުކާރުން ދެކެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް