ތާޒާ ފެނުގެ ތަޣައްޔަރުވެފައިވާ އެއްވެސް ބެޗެއް ބާޒާރަށް ނެރެފައިިނުވާނެ ކަމުގައި ތާޒާ ކުންފުނީގެ މައި ކުންފުނި އެމްޑަބްލިއެސްސީން ބުނެފިއެވެ.
އެ ކުންފުނިން މިހެން ބުނެފައިވަނީ އެ ކުންފުނިން އުފައްދާ "ތާޒާ" ބްރޭންޑްގެ ފެންފުޅީގެ ކޮލިޓީއާއި ގުޅޭގޮތުން މީސްމީޑިއާގައި ދައުރުވަމުންދާ ޚަބަރާއި ގުޅޭގޮތުން ނެރެފައިވާ ނޫސްބަޔާނެއްގައެވެ.
އެމްޑަބްލިއެސްސީން ބުނެފައިވަނީ ތާޒާ ފުޅީގެ ކޮންމެ ބެޗެއްވެސް ބާޒާރަށް ނެރެނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އާއި އަދި ބައިނަލްއަގްވާމީ ގޮތުން ކަނޑައަޅާފައިވާ ކޮލިޓީ މިންގަނޑުތަކަށް ފެތޭކަން ކަށަވަރުކުރުމަށްފަހުގައި ކަމަށާއި މި ދެންނެވި ކޮލިޓީ މިންގަނޑުތައް ކަށަވަރުނުކޮށް "ތާޒާ" ބްރޭންޑްގެ ފެނުގެ އެއްެވެސް ބެޗެއް ބާޒާރަށް ނެރެފައިނުވާކަން ކަސްޓަމަރުންނަށް ޔަގީންކޮށް އަރުވާކަމަށެވެ.
""ތާޒާ" ފެނަކީ އޭގެ ކޮލިޓީ ޔަގީންކުރުމުގެ ގޮތުން، ފުޅީގައި ފެން ބަންދުކުރުމުގެ މަރުހަލާތަކުގައި ގަޑިއަކު އެއްފަހަރު ހަދަންޖެހޭ އެންމެހައި ޓެސްޓްތައްހަދައި، ފެން އުފެއްދުމަށްފަހު އިތުރު ތަހުލީލުތައް ކުރުމަށްޓަކައި، މާކެޓަށް ނުނެރެ 24 ގަޑިއިރު ބަހައްޓައި ގިނަ ތަހުލީލުތަކެއް ކޮށް ބައިނަލްއަގްވާމީ ކަމާގުޅޭ، އެންމެ މަތީ މިންގަނޑުތަކުން ފެންވަރު ވަޒަންކޮށް މާކެޓަށް ނެރޭ ފެނެކެވެ. އަދި ތާޒާ ފެން އުފައްދާ ކާރުހާނާއަކީ އައިއެސްއޯ 9001:2015 ކޮލިޓީ މެނޭޖްމަންޓް ސިސްޓަމް އަދި ފުޑް އެންޑް ސޭފްޓީ ސްޓޭންޑަރ (ހެސަޕް) 22000:2008 ސެޓިފައިޑް ކާރުހާނާއެކެވެ. " އެމްޑަބްލިއުއެސްސީން ބުނެފައިވެއެވެ.
މިކަން މިރޭ ހޫނުވެފައިވަނީ މާލޭ ސިޓީ ކައުންސިލްގެ ތަރުޖަމާނު މަރިޔަމް ޝިއުނާ ކުރެއްވި ޓްވީޓަކަށްފަހުގައެވެ.
ޝިއުނާ ވިދާޅުވެފައިވަނީ އެމްޑަބްލިއުއެސްސީން އުފައްދާ 1.5 އަދި 500 އެމްއެލްއިން ބެކްޓީރިއާ ފެންނާތީ ޓެސްޓްކުރިއިރު ފެންތާނގީ ތެރޭގައި މަރުވެފައި އޮތް ކާޅެއް އޮތްކަމަށެވެ. މިަކން އެނގުމުން 13،000 ކޭސް ނައްތާލަން ބެހެއްޓިފައި ހުރި ކަމަށެވެ.
ބެކްޓީރިއާއިން ތަޣައްޔަރުވެފައިވާ އެ ފެން މާކެޓަށް ނެރުނުތޯ ޝިއުނާ ސުވާލު އުފައްދާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް