އަންހެނުންނަށް ކުރެވެނީ ކޮންކަމެއްތޯ އާއި ނުކުރެވެނީ ކޮންކަމެއްތޯ ބަލައި ސުވާލު އުފެއްދުމުގެ ޖާގަ ފިރިހެންނުންނަށް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމާއި، ރެހެނދި އެވޯޑު ދިނުމަށް މިއަދު ހެނދުނު ދަރުބާރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ފިރިހެނުންނަށް ނުކުރެވޭ އެތައް ކަމެއް އަންހެނުން ކުރާ ކަމަށެވެ.
ރައީސް ވިދާޅުވީ އަންހެނުންނަކީ ހީވާގި ކަމާއި އެކު ހަމަ އެކަނި ގޭގެ މަސައްކަތް ކުރާ މީހުންނެތް ނޫންކަމަށެވެ. އިޖުތިމާއީ ރޮގުންނާއި އިގްތިސާދީ ދާއިރާގެ އިތުރުން ދަރިން ތަރުބިއްޔަތު ކުރުމާއި ޖީލުތައް ބިނާކުރުމުގައި އަންހެނުން ހިއްސާ އިތުރު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ހީވާގިކަމާ އެކު އަންހެނުން ކުރައްވަނީ ހަމައެކަނި ގޭތެރޭގެ މަސައްކަތެއް ނޫން. އަންހެނުން ބާރުވެރިވުމަށާއި ޖީލެއް ބިނާކުރަން އަންހެން ބޭފުޅުން އަމިއްލަ އަށް ޒިންމާ އުފުއްލަވައިގެން ކުރައްވާ މަސައްކަތްތައް އަޅުގަނޑުމެން ހިޔާލަށް ގެންނަމާ ހިންގަވާ،" ރައީސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ ރާއްޖޭގައި އަންހެނުން ހޯދަމުންދާ ކާމިޔާބީއަށް ބަލާއިރު ދިވެހި ސިވިލް ސާވިސްގައި ވަޒީފާ އަދާ ކުރާ މީހުންގެ 56 ޕަސެންޓަކީ އަންހެން މުވައްޒަފުން ކަމަށާއި ގައުމީ ޔުނިވާސިޓީގައި ތައުލީމް ހާސިލް ކުރާ 70 ޕަސެންޓު ކުދިންނަކީ އަންހެނުން ކަމަށެވެ. އަދި އޯ ލެވެލް އާއި އޭ ލެވެލް އިން މަތީ ނަތީޖާ ހާސިލްކުރާ ދަރިވަރުންގެ ތެރޭގައި ވެސް ގިނައީ އަންހެން ކުދިން ކަމަށެވެ.
ރައީސް ވިދާޅުވީ ހުރިހާ އެންމެންވެސް މަސައްކަތް ކުރަންވީ އަންހެނުންނަކީ ބާރުވެރި ބަޔަކަށް އެދުމަށް އެއްބާރުލުން ދިނުމަށް ކަމަށެވެ. އަދި މަސައްކަތުގެ ދާއިރާގައި އަންހެނުންނަށް ކުރާ ފުރައްސާއާއި ތަފާތުކުރުންތައް މުޖުތަމައުން ނެތިގެންދާން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް