ރައްޔިތުންގެ މަޖިލީހުގެ ރައިސް އަބްދުﷲ މަސީހުގެ އިތުބާރުނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލިހަަށް ވައްދައިފި އެވެ.
އިތުބާރުނެތްކަމުގެ ވޯޓު ނެގުމުގެ މައްސަލަ ވެއްދީ ސަރުކާރާއި އިދިކޮޅު 26 މެންބަރުންގެ ސޮޔާ އެކު އެވެ. އޭގެ ތެރޭގައި ހިމެނެނީ އެމްޑީޕީ އާއި ޕީޕިއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ތާއީދު ކުރައްވާ މެންބަރުންނާއި އެމްޑީއޭ އާއި އަދާލަތު ޕާޓީގެ މެންބަރަކާއި ޖޭޕީގެ މެންބަރުންނެވެ.
މައްސަލަ ވެއްދުމުގައި އިސްކޮށް ހުންނެވީ ރައީސް މައުމޫންގެ ދަރިކަލުން ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫނެވެ. މައްސަލަ ހުށަހެޅުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ފާރިސް ވިދާޅުވީ އެ މައްސަލަ ހުށަހެޅީ މަޖިލީހުގެ ކަންކަން މަސީހު ރަނގަޅަށް ނުގެންދަވާތީ އެވެ. އަދި މި މައްސަލަ ހުށަހެޅުމުގައި ހުރިހާ ޕާޓީތަކެއްގެ އެއްބާރުލުން ލިބުނު ކަމަށެވެ.
މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މިދިޔަ އަހަރުގެ މާޗު މަހުގައި ވެސް ހުށަހެޅި އެވެ. މަޖިލީހުގެ 22 މެމްބަރު ސޮޔާއެކު ހުށަހެޅި އެ މައްސަލަ އަނބުރާ ވަނީ ގެންގޮސްފަ އެވެ. އެ މައްސަލަ އަށް މެމްބަރުންގެ މެދުގައި ބަހުސްކޮށް ވޯޓަށް އަހާފައެއް ނުވެ އެވެ.
މަޖިލީހުގެ ރައިސްގެ އިތުބާރުނެތްކަމުގެ ވޯޓު ނަގަން ހުށަހަޅަން އުޅޭކަމަށް އަޑު ފެތުރޭތާ ވަނީ ދުވަސްކޮޅެއްވެފައި އެވެ. އެކަމަށް ރައްދުދެއްވާ މެޖޯރިޓި ލީޑަރު ޕީޕިއެމްގެ ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެފައިވަނީ މަޖިލީހަށް ވައްދައިފި ނަމަ އެ ވޯޓު ފެއިލް ކޮށްލާނެ ކަމަށެވެ.
އިދިކޮޅު މެންބަރުން ގެންދަވަނީ މަޖިލީހުގެ ޖަލްސާތައް ނުުބާއްވަނީ މި ވޯޓުގެ މައްސަލަ މަޖިލީހަށް ވައްދަން އުޅޭޓި ކަމަށްވެސް ބުނެފައި އެވެ.
މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން ހުށަހެޅޭނީ، ސަބަބު ބަޔާންކޮށް 15 މެމްބަރުންގެ ސޮޔާއެކު ލިޔުމަކުން މަޖިލީހަށް ހުށަހަޅައިގެންނެވެ. އަދިި އެ މައްސަލައެއް މަޖިލީހަށް ލިބޭތާ ތިން ދުވަސް ތެރޭގައި މެމްބަރުންނަށް ނޯޓިސް ފޮނުވަން ވާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް