ރައީސުލްޖުމްހޫރިއްޔާ ކޮޅުމަޑުލުގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، ކޮޅުމަޑުލުގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހަވީރު މާލެ ވަޑައިގެންފިއެވެ. ކޮޅުމަޑުލުގެ ބައެއް ރަށްރަށް ރައީސުލްޖުމްހޫރ...

08 Feb 2024 | 14:01

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، ކޮޅުމަޑުލުގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހަވީރު މާލެ ވަޑައިގެންފިއެވެ.

ކޮޅުމަޑުލުގެ ބައެއް ރަށްރަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ތިން ދުވަހުގެ ދަތުރުފުޅުގައި އެމަނިކުފާނު ފުރަތަމަ ވަޑައިގެންނެވީ ތ. ގުރައިދުއަށެވެ. އެއަށްފަހު އެމަނިކުފާނު ވަނީ ތ. އަތޮޅުގެ ދިޔަމިގިލި، މަޑިފުށި، ވޭމަންޑޫ، ބުރުނީ، ކަނޑޫދޫ، ވަންދޫ، އޮމަދޫ، ކިނބިދޫ އަދި ގާދިއްފުށްޓަށް ވަޑައިގެން އެރަށްރަށުގެ ރައްޔިތުންނާއި ކައުންސިލުތަކާއި އަންހެންނުގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވާފައެވެ. މީގެ އިތުރުންވެސް ތ. އަތޮޅު ކައުންސިލާއި ތ. ވިލުފުށީ ކައުންސިލާއި ހިރިލަންދޫ އަދި ތިމަރަފުށީ ކައުންސިލާއި އެރަށްރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ދަތުރުފުޅުގައި އެކިރަށްރަށުގައި ދެއްކެވި ވާހަކަފުޅުގައި ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ އިޤްތިޞާދީ އަދި މާލީ ދަތިކަމާއެކު ހުރިހާ ރަށެއްގެ ކައުންސިލުތަކުން ވެސް އެރަށެއްގައި މިއަހަރުގެ ތެރޭގައި އެންމެ ބޮޑަށް ކުރަން ބޭނުންވެފައިވާ އަދި އެންމެ އިސްކަންދޭ ކަންކަމުގެ ތަރުތީބެއް، ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ މަޝްވަރާކުރައްވައިގެން ކަނޑައަޅައިދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ ރާއްޖެއަށް އިޤްތިޞާދީ ގޮތުން ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަތުމަށާއި ރާއްޖޭގެ އިޤްތިޞާދު ފުޅާކޮށް މާލީ ތަނަވަސްކަން އިތުރުކުރުމަށް ކުރަމުންގެންދާ މަސަކަތްތައް ވެސް ފާހަގަކުރައްވާފައެވެ. އަދި އިޤްތިޞާދީ ދަތިތަކުން އަރައިގަތުމަށާއި އިޤްތިޞާދު ފުޅާކުރުމަށް މި ސަރުކާރުން ގެންގުޅޭ އިޤްތިޞާދީ އެޖެންޑާ އައި.އެމް.އެފް އިން ބަލައިގަނެފައިވާކަން އެމަނިކުފާނު މިދަތުރުފުޅުގައި ދެއްކެވި ވާހަކަފުޅުތަކުގައި ފާހަގަކުރެއްވިއެވެ.

ކޮޅުމަޑުލުގެ ބައެއް ރަށްރަށަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ކެބިނެޓް މިނިސްޓަރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ހިމެނޭ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް