މޯލްޑިވްސް ހިއުމަން ރައިޓްސް އެންޑް ޑިޓެއިނީ ވޮޝް (އެމްއެޗްއާރްޑީޑަބްލިއު) އިން ވާނުވާ ބަންދު އުވާލުމަށް ގޮވާލައި ބާއްވަން އުޅޭ އިވެންޓަށް މާލެ ސިޓީ ކައުންސިލުން ހުރަސް އަޅާތީ އެ ޖަމިއްޔާއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެމްއެޗްއާރްޑީޑަބްލިއު އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ 9 ފެބްރުވަރީ ވާ ހުކުރު ދުވަހު، ވާނުވާ ބަންދު އުވާލުމަށް ގޮވާލައި ސަރުކާރަށް ބާރު އެޅުމުގެ ގޮތުން ހަރަކާތެއް ހިންގުމަށް ބޭނުންވާތީ އެކަމަށްޓަކައި އާޓިފިޝަލް ބީޗް، ރާޅުގަނޑު ސަރަހައްދު ނުވަތަ ރަސްފަންނު ސަރަހައްދުގެ ތެރެއިން ސަރަހައްދެއް ބޭނުންކުރުމަށް ހުއްދައަށް އެދި މާލެ ސިޓީ މޭޔަރަށް 4 ފެބްރުވަރީ ވަނަ ދުވަހު ލިޔުމަކުން ދަންނަވާފައިވާ ކަމަށެވެ. އޭގެ ފަހުން ވޭތުވެދިޔަ ތިން ދުވަހު ތަކުރާރުކޮށް ހުއްދައިގެ ޖަވާބެއް ހޯދުމަށް ސިޓީ ކައުންސިލަށް ގުޅައިގެން މަސައްކަތް ކުރި ނަމަވެސް، ޖަވާބު މިދެނީ ކަމަށްބުނެ މިއަދާ ހަމައަށްވެސް ޖަވާބެއް ދީފައި ނުވާކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
އެމްއެޗްއާރްޑީޑަބްލިއު އިން ބުނީ ވާނުވާ ބަންދު އުވާލުމަކީ އެ ޖަމިއްޔާގެ މައި އެއް މަގުސަދުކަމުން، އެފަދަ އިވެންޓުތަކަކީ އެ ލަނޑުދަނޑި ހާސިލުކުރުމަށް ހިންގޭ ހަރަކާތެއް ކަމަށެވެ.
"މިފަދަ އިވެންޓުތައް އިންތިޒާމް ކުރުމަކީ ދުރާލާ ތައްޔާރީތަކެއް ވާންޖެހޭ ކަންކަން ހުންނަ ކަމަކަށް ވީހިނދު، ހުއްދަ ނުދީ އެއްވެސް ޖަވާބެއްވެސް ނުދީ ލަސްކުރަމުންދާ ދިއުމަކީ މި އިވެންޓަށް ހުރަސްއެޅުމުގެ ގޮތުން ކުރާ ވަރަށް ޒިންމާދާރުކަން ކުޑަ ނާތަހުޒީބު ކަމެއް ކަމަށް މި ޖަމިއްޔާއިން ދެކެން."
އެމްއެޗްއާރްޑީޑަބްލިއު އިން ބުނީ އެއްވެ އުޅުމުގެ މިނިވަންކަމަކީ ޑިމޮކްރަސީގެ އެންމެ މުހިންމު އެއް ތަނބު ކަމަށާއި، އެކަން ހަނިކުރުމަށް އެޅޭ ކޮންމެ ފިޔަވަޅަކީ އެ ޖަމިއްޔާއިން ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.
ވާނުވާ ބަންދު ނިމުމަކަށް ގެންނެވުމުގެ މަސައްކަތް މި މަހު ފައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވުމުގެ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން އެމަނިކުފާނު ވިދާޅުވީ ގާނޫނުތައް އެކަށައެޅުމުގައި ސަރުކާރުގެ އެންމެ ބޮޑު އެއް ސިޔާސަތަކީ ކުށް މަދުކުރުމާއި ކުށްކުރާ މީހުންނަށް ރަނގަޅު މަގު ދައްކައިދީ އަލުން މުޖުތަމައަށް ގެނައުން ކަމަށެވެ. އަދި އެކިއެކި ކުށްތަކުގެ ތަހުގީގުގައި ވާނުވާގައި ވަކި މުއްދަތެއް ނެތި ބަންދުކޮށްފައި ތިބުން ނިމުމަކަށް ގެނައުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދުފުޅެއްކަން ފާހަގަކުރައްވާ ވިދާޅުވީ ވާނުވާ ބަންދު ނިމުމަކަށް ގެންނަން ގާނޫނަށް އިސްލާހު ގެނައުމަށް މި ފެށުނު މަޖިލީހުގެ ދައުރުގައި ހުށަހަޅުއްވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް