ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަކުރެއްވުމަށް މިހާތަނަށް ކުރިމަތިލައްވާފައިވަނީ 11 ބެފުޅުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އިލެކްޝަންސް ކޮމިޝަންގެ ވައިސް ޗެއާމަން އަދި ސްޕޯކްސްޕާސަން އިސްމާއިލް ހަބީބް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 30 ޖަނަވަރީ 2024 އިން 7 ފެބްރުވަރީ 2024 ގެ ނިޔަލަށް މަޖިލިސް އިންތިހާބަށް ކުރިމަތިލައްވާފައިވަނީ 11 ބޭފުޅުން ކަމަށެވެ.
ހަބީބް ވިދާޅުވީ މަޖިލިސް އިންތިހާބަށް ކުރިމަތިލައްވާފައިވަނީ އަމިއްލަ ގޮތުން 6 ބޭފުޅުންނާއި، މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ފަރާތުން 3 ބޭފުޅުންނާއި، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ފަރާތުން 2 ބޭފުޅުން ކަމަށެވެ.
މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް ހުށަހަޅާފައިވާ ފޯމުތަކުގެ ތެރެއިން 10 ހުށަހެޅުން ބަލައިގެންފައިވާއިރު، 1 ހުށަހެޅުން ބަލައިނުގަންނަ ކަމަށް ހަބީބް ވިދާޅުވިއެވެ.
މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލިއިރު ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހުން، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފޯމާއި ތަކެތި ހުށަހަޅަންވާނީ އިންތިޚާބާބެހޭ މަރުކަޒު (ދަރުބާރުގެ) އަށެވެ. އަދި އިލެކްޝަންސް ކޮމިޝަނުން މި ތަކެތި ބަލައިގަންނާނީ 2024 ޖަނަވަރީ 30 ވާ އަންގާރަ ދުވަހުން ފެށިގެން 2024 ފެބުރުވަރީ 14 ވާ ބުދަ ދުވަހުގެ ނިޔަލަށް، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 9:00 ން މެންދުރުފަހު 2:00 އަށެވެ. ހުކުރު ދުވަހު ފޯމު ބަލައިގަންނާނީ މެންދުރުފަހު 2:00 ން ހަވީރު 4:00 އަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް