ސަރުކާރުން އެންމެ އިސްކަންދޭނީ އެ ރަށެއްގެ ރައްޔިތުން އެންމެ އިސްކަންދޭ ކަންތައްތަކަށް: ރައީސް

ސަރުކާރުން ވެސް އެންމެ އިސްކަންދޭނީ އެރަށެއްގެ ރައްޔިތުން އެންމެ އިސްކަންދޭ ކަންތައްތަކަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ކޮޅ...

08 Feb 2024 | 10:55

ސަރުކާރުން ވެސް އެންމެ އިސްކަންދޭނީ އެރަށެއްގެ ރައްޔިތުން އެންމެ އިސްކަންދޭ ކަންތައްތަކަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ކޮޅުމަޑުލުގެ ބައެއް ރަށްރަށަށް އެމަނިކުފާނު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އެ އަތޮޅު އޮމަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ސަރުކާރުން އެންމެ އިސްކަންދޭނީ އެރަށެއްގެ ރައްޔިތުން އެންމެ އިސްކަންދޭ ކަންތައްތަކަށް ކަން ފާހަގަކުރައްވާ ވިދާޅުވީ، އޮމަދޫ ސްކޫލުގެ ޖާގައިގެ ދަތިތަކާއި އަދި އެކަށީގެންވާ ފެސިލީޓީނެތުން ފަދަ ކަންކަން ހިމެނޭހެން އެންމެ އިސްކަމެއް ދެއްވާނީ ސްކޫލުގެ ހުރި ހުރިހާ މައްސަލައަކަށް ހައްލު ހޯދައިދެއްވުމަށް ކަމަށެވެ. އަދި ފެނާ ނަރުދަމާގެ ނިޒާމާއި އަދި ޚާއްސަކޮށް ރަށުގެ ރައްޔިތުންގެ އިޤްތިޞާދީ ކުރިއެރުމަށް ކުރަންހުރި ކަންކަމަށް ސަރުކާރުން އިތުރު ސަމާލުކަމެއް ދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ތަރައްޤީއަށް މުހިންމު ކަންކަމުގެ ގޮތުގައި ކައުންސިލުން ފާހަގަކުރައްވާ ހުރިހާ ކަމެއްގައި ވެސް ސަރުކާރުން އެއްބާރުލުން ދެއްވައި އެކަންކަން ކުރެވޭނެ ގޮތް ހަދައިދޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ރަށުގެ އިޚްތިޞާސްގައި ހިމެނޭ ފަޅުރަށްރަށުން ރައްޔިތުންނަށް އިޤްތިޞާދީ މަންފާހޯދޭނެ ގޮތަށް ކަންކަން ފަހިކޮށްދެއްވައި އެކަމުގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ކައުންސިލަށް ލިބިގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރާއްޖޭގެ އިޤްޞާދީ ހާލަތު މިހާރު އޮތްގޮތުން ރަށްރަށުގެ ތަރައްޤީގެ ކަންކަމުގެ އެންމެ އިސްކަންދޭ ތަރުތީބެއް އެކުލަވާލައިގެން ކުރިޔަށްދާންޖެހޭކަން ފާހަގަކުރައްވާ ދެއްކެވި ފާހަކަފުޅު އޮމަދޫގައިވެސް ތަކުރާރު ކުރެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް