ވާހަކަ: އަބަދުވެސް އިންތިޒާރު ކުރާނަން – ފަސްދޮޅަސް ދެވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ ދެތިން ދުވަސް ފަހެވެ. ހުމޭދާ ކޮޓަރި ތެރޭގައި އިނީ އުނގުމަތީ ބާލީހެއް ބާއްވައިގެން ބޭބީ ނިންދަވާށެވެ. އެވަގުތު ކޮޓަރިއަށް އައިސްވަނީ ހުމޭދާގެ މަންމަ ޙަސީނާ އެވެ. "އެމަންޖެ ނިދީތަ.....

08 Feb 2024 | 10:35

ކުރީގެ އަދަދާއި ގުޅޭ

ދެތިން ދުވަސް ފަހެވެ. ހުމޭދާ ކޮޓަރި ތެރޭގައި އިނީ އުނގުމަތީ ބާލީހެއް ބާއްވައިގެން ބޭބީ ނިންދަވާށެވެ. އެވަގުތު ކޮޓަރިއަށް އައިސްވަނީ ހުމޭދާގެ މަންމަ ޙަސީނާ އެވެ.

"އެމަންޖެ ނިދީތަ....؟ ދެންމެ އެމަންޖެ ހާދަވަރަކަށް ރުއިއަޑު އިވުނޭ.... ކިހިނެތްވީ...؟ އަނެއްކާ ތަނަކަށް ތަދުވާތިބާ އެވަރަށް އެރުއީ...." ހަސީނާ އައިސް ހުމޭދާ ގާތުގައި އިށީންނަމުން ސުވާލު ކޮށްލިއެވެ.

"އެ ފެންވެރުވީމަ ފިނިވެގެން އެވަރަށް އެރުއީ.... ފެންވަރުވައިގެން އައިސް މުޅިގައިގަ ތެޔޮ ހާކާލާފަ ފުއްޖަހާލީމަ މަޑުމަޑުން އޮވެ އެނިދެނީ މިހާރު..." ހަސީނާއާ ދިމާއަށް ބަލާލަމުން ހުމޭދާ ވާހަކަ ދެއްކިއެވެ.

"ދަރިފުޅު ބަލީތަ...؟ "މޫނުމަތިން ހީވަނީ ދަރިފުޅު ވަރަށް ބަލިހެން...." ހުމޭދާއަށް ބަލަންއިނދެ ޙަސީނާ ސުވާލުކޮށްލިއެވެ.

"ނޫން ބައްޔެއް ނޫން.... އެކަމަކު ރޭގަވެސް ވަރަށް ލަސްވިފަހުން ނިދުނީ.... ނިދަން އުޅެއުޅެ ހަމަ އެއްގޮތަކަށްވެސް ނިދޭ ގޮތެއް ނުވި.... އެހެން އޮއްވަ ނޭނގެ ނިދުނު އިރެއްވެސް...." ބޭބީ ގެންގޮސް އެނދުގައި ބާއްވަމުން ހުމޭދާ ބުނެލިއެވެ.

"އެކީއްވެ ނުނިދުނީ....؟ ދަރިފުޅު ކަމަކާ ވިސްނަނީތަ...؟ ކިހިނެތްތަ ވަނީ....؟" ޙަސީނާ އަނެއްކާވެސް ސުވާލު ކުރިއެވެ.

ނޭނގެ... އެއްވެސް ކަމަކާ ނުވެސް ވިސްނަން... ހަމަނިދި ނައިސްގެން އޮތީ...." ބޭބީ ބޭއްވުމަށްފަހު އެނބުރި އައިސް ޙަސީނާ ގާތުގައި އިށީންނަމުން ހުމޭދާ ބުނެލިއެވެ.

"ދަރިފުޅު މަންމައަށް ދޮހު ނަހަދައްޗޭ.... މަންމައަށް ހީވަނީ ދަރިފުޅު މަންމައަށް ކޮންމެސް ކަމެއް ސިއްރުކުރާހެން.. އެއްވެސް ކަމެއް މަންމައަށް ސިއްރު ނުކުރައްޗޭ.... ދަރިފުޅު މަންމައަށް ކަމެއް ސިއްރުކޮށްފަ އޮއްވެ އެކަމެއް މަންމައަށް އެނގިއްޖިއްޔާ މަންމަ ވަރަށް ދެރަވާނެ...." ހުމޭދާގެ ކޮނޑުގައި އަތްޖައްސާލަމުން މަންމަ ވާހަކަ ދެއްކިއެވެ.

"ކިހިނެތްވީ މަންމާ...؟. ހުމޭ އެއްވެސް ކަމެއް މަންމައަކަށް ސިއްރެއް ނުކުރަން... ކަމެއް ދިމާވިޔަސް ކީއްކުރަން މަންމައަށް ސިއްރުކުރަންވީ...." މަންމައާ ދިމާއަށް ބަލަންއިނދެ ހުމޭދާ ވާހަކަ ދެއްކިއެވެ.

"މަންމައަށްވެސް ނޭނގޭ ކަމަކީ ތީ.... މަންމައަށް ހަމަ ހީވަނީ މިހާރަކަށް އައިސް ދަރިފުޅު ބަލިވެ އުޅޭހެން.... ކީއްވެތަ މަންމައަށް އެހެން ހީވަނީ؟" ހުމޭދާއާ ދިމާއަށް ބަލަންއިނދެ ޙަސީނާ ވާހަކަ ދެއްކިއެވެ.

"ވެދާނެ މަންމައަށް އެހެން ހީވަނީ އަދި ހުމޭ ވިހާގަދަނުވާތި ކަމަށް.... އެނޫން އިތުރު އެއްވެސް ކަމެއް ނުވެއޭ މަންމާ...." ހުމޭދާ ޙަސީނާގެ ސުވާލަށް ޖަވާބު ދިނެވެ..

"މަންމަ ދުށިން ރޭގަ ނާޝިދު ކޮންމެސް ބޭހެއް ހިފައިގެން އައިސް ކޮޓަރިއަށް ވަންތަން.... މަންމަ ހިތަށްއެރި އައިސްދާނެމޭވެސް... އެކަމަކު ދަރިފުޅުމެންނަށް އުނދަގޫ ވެދާނެތީ ނައީ.... އެއީ ކޮންބޭހެއް...؟" މަންމަ ސުވާލުކޮށްލިއެވެ.

"އާން... އެއީ ވިހައިގެން އުޅޭއިރު ވަރަށް ގިނައިން ބަނޑުގަ ވައި ހެދޭނެއޭ ކިޔާފަ ނާޝިދު ގެނެސްދިން ބޭހެއް.... އެންމެފަހުން އެބޭސް ބޮއިގެންނޭ ރޭގަ ނިދުނީ.... އެބޭސް ބޯލީމަ ބަނޑަށް ވަރަށް ފަސޭހަވި..." ކުޑަކޮށް ހީލަމުން ހުމޭދާ ބުނެލިއެވެ.

"މިހާ ދުވަސްވީއުރުވެސް މަންމައަކަށް ނޭނގެ ވިހައިގެން އުޅޭ މީހުންގެ ބަނޑުގަ ވައި ހެދޭކަމެއް... އަދި އަލަށް މިއަޑު އެހީ.... ނާޝިދަކީ ދިވެހި ބޭހަށްވެސް ހާދަމޮޅު ކުއްޖެކޭދޯ.... މަގޭ ދަރިފުޅަށް ހަމަ ޖަވާހިރެއް ލިބިފަ ތިހިރީ.... ނާޝިދު އާ އެކީ ރަނގަޅަށް އެޅެވޭތޯ ދަރިފުޅު ބަލާތި...." ހުމޭދާގެ ބުރަކަށީގައި ފިރުމާލަމުން މަންމަ ބުންޏެވެ.

"މަންމަގެ ލޯބި ލޯބި ފުއްކޮޅު ނިދާލާފައޮތްލެއް ލޯބިކަން... މަންމަ ދެންދަނީ އިނގޭ.... ދަރިފުޅު އަދި އެއްޗެއް ނުވެސްކަޔެއްނު ތިއުޅެނީ... އެމަންޖެ ނިދާފަ އޮތްގަޑީގަ އަވަހަށް ކާން އާދޭ...." ބޭބީ ނިދާފައި އޮތް އެނދުކައިރީގައި ބޭބީއަށް ބަލަންހުރުމަށްފަހު ޙަސީނާ ބުނެލިއެވެ.

"މަންމަމެން ކާންފަށާ... ނާޝިދު އައިމަ ކާނީ.... މިހާރު އަންނަން އުޅޭނެ...." ހުމޭދާ އެނދުން ތެދުވަމުން ބުނެލިއެވެ.

މަންމަ ބޭރަށް ނުކުތުމުން ހުމޭދާވަނީ ފާހާނައަށެވެ. އެވަގުތު ކޮޓަރިތެރޭގައި ދިއްލާފައިހުރި ހޮޅިބުރި ކުއްލިއަކަށް ނިވުނެވެ. އަދި ކުޑަދޮރުން އަލިގަނޑެއް ކޮޓަރިތެރެއަށް ވަދެގެން އައިސް ބޭބީ ނިދާފައިއޮތް އެނދުގެ ވަށައިގެން އަލިގަނޑު އެނބުރެން ފެށުމާއެކު ނިދާފައިއޮތް ބޭބީ ލޯހުޅުވާލިއެވެ. އަދި ހިނިތުންވެފައި އަލިގަނޑަށް ބަލަހައްޓައިގެން އޮތެވެ. ބޭބީ އެހެން އޮތުމުމަށްފަހު އަލިގަނޑާ ސަރަކާތް ގަންނަން ފެށިއެވެ. ދެއަތާ ދެފައި މައްޗަށް ހިއްލަ ހިއްލާފައި ހޭންފެށިއެވެ. ހުމޭދާ ފާހާނާގެ ދޮރު ހުޅުވާލުމާއެކު ކޮޓަރިތެރޭގައި ހުރި ހޮޅިބުރި ދިއްލުނެވެ. ހުމޭދާ ބޭބީގެ އެނދަށް ބަލާލިއިރު ބޭބީ އޮތީ ގަދަ ނިދީގައެވެ. އެތަނުގައި އެއްވެސް ކަމެއް ހިނގިކަމުގެ ނިޝާނެއްވެސް ފެންނާކަށް ނެތެވެ. ހުމޭދާ ފާހާނާއިން ނުކުމެގެން ހިނގަތް ވަތުތު ކުލިއަކަށް މުޅި ގަޔަށް ފާޑެއްގެ ބާރުގަނޑެއް އެރުމަށްފަހު އިދިފުށަށް ދަށައިގަތެވެ. ފާރުގައި ހިފަހައްޓަން މަސައްކަތްކޮށްކޮށް ހުއްޓާ ހުމޭދާ ބިންމައްޗަށް ވެއްޓި ބިންމަތީގައި އޮވެގެން ހުމޭދާ ތެޅިފޮޅެންފެށިއެވެ. އެވަގުތު ކޮޓަރިއަށް ވަދެވުނީ ނާޝިދަށެވެ.

"ހުމޭ... ހުމޭ ކިހިނެތް ތިވަނީ...؟ ލޯ ހުޅުވާލަބަލަ....ހުމޭ..." ނާޝިދު ހުމޭދާއަށް ގޮވަމުން ގުދުވެ ހުމޭދާ ނެގިއެވެ.

"އައްދޯތް... މަގޭ ބޯ... ބޯފަޅައިގެން ދިޔައީ ކަންނޭނގެ... ނާޝިދު... ހުމޭގެ ބޯ..." ހުމޭދާ ބޮލުގައި އަތްއަޅައިގެން ރޮމުން ގެންދިޔައެވެ.

"ހުމޭ ބޮލަކަށް ގޮތެއް ނުވެއޭ... ހިނގާ އެނދަށް ދަމާ...އެހާ ބާރަށް ނުރޮއި.... މަންމަމެންނަށް އަޑު އިވިއްޖިއްޔާ ކަމަކު ނުދާނެއެއްނު... ހިނގާ މަޑުމަޑުން ހިނގާލާފަ ގޮސް އެނދުގައި އޮށޯވެލަން... އަސްލު ކިހިނެތްތަ ވީ...؟ ބޮޅަށް އެނބުރުން އެރީތަ...؟ ހުމޭދާ ގެންގޮސް އެނދުމަތީގައި ބައިންދަމުން ނާޝިދު ސުވާލު ކުރިއެވެ.

"ޙަސީނާ ކޮބައިތަ އެމަންޖެ...؟ މިރޭ  އެއްޗެއް ކައިފިތަ....؟" ޚާލިދު، ޙަސީނާ އާ ސުވާލުކޮށްލިއެވެ.

"ކޮޓަރީގަވީ....! ނާޝިދު އައިމަޔޯ ކާނީ....! ބޭބީ ނިންދަވާފަ ޖައްސާލީ ކަންނޭނގެ..." ކާން އިށީންމަމުން ޙަސީނާ ބުނެލިއެވެ.

"މިހާރަކަށް އައިސް އެމަންޖެ ފެނަންނީ ކޮންމެވެސް ވަރަކަށް ބަލިކޮށް...! ހަސީނާ އެމަންޖެއާ ވާހަކަ ދައްކާލަބަލަ....! މަށަށް އެހެން ހީވާތާ ދެތިން ދުވަސް ވެއްޖެއް...! ފެންފޮދެއް ބޯލަމުން ޚާލިދު ބުނެލިއެވެ.

މަށަށްވެސް ތިހެން ހީވާތާ ދެތިން ދުވަސް ވެއްޖެ...! މިރޭ އެމަންޖެ ކައިރީގަ އަހާވެސްލައިފިން...!  އަހަންނަށް ހީވަނީ އެއީ އަދި ވިހާ ގަދަނުވާތި އަހަރުމެންނަށް ހީވާ އެއްޗެއްހެން..." ހަސީނާ ބަތްކޮޅެއް އަނގަޔަށް ލަމުން ވާހަކަ ދެއްކިއެވެ.

"އާނ... ވެދާނެ ތިހެން ކަމަށްވެސް... ކައިނިމިގެން އަހަރެން މިދަނީ މާލެއިން އެއައި ބޯޓުގަ ރައްޓެއްސަކު ފޮނުވާހުރި ފޮށިގަނޑެއް ބަލާ.... އެމަންޖެ ނުކައި މާލަސްވަންޏާ ގޮވައްޗޭ..." ޚާލިދު ކައިނިމިގެން މޭޒުދަށުން ތެދުވަމުން ބުނެލިއެވެ.

މިހާތު އެމަންޖެ ކާން އަންނަން އުޅޭނެ.. ނާޝިދުވެސް ދެންމެ ގެއަށް އަތުވެއްޖެ... ލަސްވަންޏާ ބަލާލާނަން..." ޙަސީނާ ތަށިތައް ދޮންނަން ހުރެ ވާހަކަ ދެއްކިއެވެ.

ހުމޭދާ އަދިވެސް އޮތީ އެނދުމަތީގައެވެ. ބޮލުގައި ރިއްސާވަމުން ވާނުވާ ނެނގޭ ހާލުގައެވެ.

ހުމޭ... ނާޝިދުދަންތަ ބޭރަށްގޮސް ބޭހެއް ހޯދައިގެން އަންނަން...! ބޭސްކާލީމަ ތިކަން އެކީ ރަނގަޅުވެދާނެ... ހުމޭ މަޑުމަޑުން އޮންނާތި އިނގޭ ބޭރަށް ނުނިކުންނާތި.... ވަރަށް އަވަހަށް މިއަންނަނީ...." ހުމޭދާ ކައިރީގައި ބުނުމަށްފަހު ނާޝިދު ނުކުތީ ބޭރަށެވެ.

"ނާޝިދު ކޮންތާކަށް ތިދަނީ... އަދި ނުވެސް ކަމެއްމު.... ތި ދާތާކަށް ކައިގެން ދޭބަލަ....!" ނާޝިދު ނިކުތްތަން ފެނުމާއެކު ޙަސީނާ ބުންޏެވެ.

"ވަރަށް އަވަހަށް ކަމަކު ދާންޖެހިގެން މިދަނީ... ހަމަ ގޮސްލާފަ މިއަންނަނީ...." ޙަސީނާގެ ސުވާލަށް ނާޝިދު ޖަވާބު ދިނެވެ.

"ހުމޭދާވެސް އަދި ނުކައި އެއުޅެނީ... ނާޝިދު އައިމަ ކާންވެގެންނޭ ކިޔާފަ އެހެރީ....." އަނެއްކާވެސް ޙަސީނާ ވާހަކަ ދެއްކިއެވެ.

"އާނ.. ހުމޭއަށް އެއްޗެއް ގަންނަން ވެގެން މިދަނީ... ގަނެލައިގެން އައިސް އަހަރުމެން ކާނީ....؟ ގެއިން ބޭރަށް ނުކުންނަމުން ނާޝިދު ބުނެލިއެވެ.

ނާޝިދު ބޭރަށް ދިއުމުން ޙަސީނާ އިށީނި ޓީވީން ދައްކަމުންދިޔަ ޕްރޮގްރާމެއް ބަލާށެވެ. އެހެން ނަމަވެސް ކުއްލިއަކަށް ޙަސީނާގެ ހަނދާނަށް އައީ ނާޝިދު ބުނި ޖުމްލައެވެ. ހުމޭދާއަށް އެއްޗެއް ގަންނަން ދާ ވާހަކައެވެ.

"އަނެއްކާ މިރޭވެސް ހުމޭދާ ބަލިވީބާ.... ނާޝިދު އެދިޔައީ ބޭހެއް ގަންނަން ކަންނޭނގެ...." ޙަސީނާ ހިތާހިތާ ކިޔާލުމަށްފަހު ހުމޭދާގެ ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ.

ޙަސީނާ ދިޔައީ ހުމޭދާ ކޮބައިތޯ ބަލާލުމަށްޓަކައި ހުމޭދާގެ ކޮޓަރިއަށެވެ. ގޮސް ކޮޓަރީގެ ދޮރު ހުޅުވާލުމާއެކު ޙަސީނާ ދިޔައީން ސިއްސައިގެންނެވެ. ހުމޭދާ އޮތީ ތަޅުންގަނޑު މައްޗަށް ވެއްޓިފައެވެ. ބަނޑުގަ އަތް އަޅައިގެން ތެޅި ފޮޅެނީއެވެ.


ނުނިމޭ... ވާހަކައިގެ އާ ބައެއް، 11 ފެބްރުއަރި 2024، އާދީއްތަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް