ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ރީ-ރަޖިސްޓްރީވުމަށް ހުޅުވާލި ފުރުސަތުގައި 13378 މީހުން ފޯމު ހުށަހަޅާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އިލެކްޝަންސް ކޮމިޝަންގެ ވައިސް ޗެއާމަން އަދި ސްޕޯކްސްޕާސަން އިސްމާއިލް ހަބީބް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރީ-ރަޖިސްޓްރީއަށް ހުށަހަޅާފައިވާ މީހުންގެ ތެރެއިން 11919 މީހުން ރީ-ރަޖިސްޓަރ ކޮށްދީފައިވާކަމަށެވެ. އަދި ރީ-ރަޖިސްޓްރީވުމަށް ހުށަހަޅާފައިވާ ފޯމުތަކުގެ ތެރެއިން 1459 ހުށަހެޅުމެއް ބަލައިނުގަނެވޭ ކަމަށް ހަބީބް ވިދާޅުވިއެވެ.
ހަބީބް ވިދާޅުވީ ރާއްޖެއިން ބޭރުގައި ވޯޓުލުމަށް ރީ-ރަޖިސްޓްރީ ކުރުމަށް ކަނޑައަޅާފައިވާ އަދަދު ހަމަވެފައިވަނީ ހަމައެކަނި މެލޭޝިއާ އަދި ސްރީލަންކާގައި ކަމަށެވެ.
ރޯދަ މަސް ނިމޭތާ 10 ދުވަސް ފަހުން ރައްޔިތުންގެ މަޖިލިސް އިންތިހާބު ބޭއްވުމަށް އެ މައްސަލަ ދިރާސާކުރާ ވަގުތީ ކޮމިޓީން އިއްޔެ ފާސްކޮށްފައިވާއިރު، ހަބީބް އިތުރަށް ވިދާޅުވީ އިންތިހާބު ރޯދައިގެ ފަހު ތާރީހެއްގައި ބާއްވަން ޖެހިއްޖެނަމަ ރީ-ރަޖިސްޓްރީ ކުރުމަށް އިތުރު ފުރުސަތެއް އިލެކްޝަންސް ކޮމިޝަނުން ދޭނެ ކަމަށެވެ.
2019 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި 20,848 މީހުން ވަނީ ރީ-ރަޖިސްޓަރ ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް