ސަރުކާރު ބަންދާއި ހަފްތާ ބަންދުގައި ކުޑަގިރި ދިވެހިންނަށް، ދަތުރު ދިއުން ހިލޭ!

ހަފްތާ ބަންދު ދުވަސްތަކާއި ސަރުކާރު ބަންދު ދުވަސްތަކުގައި ކުޑަގިރިއަށް ހިލޭ ދަތުރު ދެވޭނެ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އެ ރަށް ހުޅުވުމުގެ އެންމެ...

08 Feb 2023 | 17:20

ހަފްތާ ބަންދު ދުވަސްތަކާއި ސަރުކާރު ބަންދު ދުވަސްތަކުގައި ކުޑަގިރިއަށް ހިލޭ ދަތުރު ދެވޭނެ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އެ ރަށް ހުޅުވުމުގެ އެންމެ ފަހުތައްޔާރީތައް އެޗްޑީސީން ކުރިޔަށް ގެންދާތީ އެ މަސައްކަތް ބައްލަވާލެއްވުމަށް ކުރެއްވި ދަތުރުފުޅުގައި އެވެ. ކުޑަގިރި ހުޅުވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 10 ވަނަ ދުވަހު އެވެ.

ނައިބު ރައީސް ވިދާޅުވީ ސަރުކާރު ބަންދު ދުވަސްތަކާއި ހަފްތާ ބަންދުގައި ކުޑަގިރި ހާއްސަވާނީ ހަމައެކަނި ދިވެހިންނަށް ކަމަށެވެ. އެ ދުވަސްތަކުގައި ފެރީއަށް އަދި ރަށަށް އެރުމަށް ފީއެއް ދައްކަން ނުޖެހޭނެ ކަމަށް ވިދާޅުވި އެވެ. ދިވެހިންނަށް އެ ދުވަސްތައް ހާއްސަ ވިޔަސް ދިވެހިންގެ ގޭގޭގައި ގެންގުޅޭ ބިދޭސީ މަސައްކަތްތެރިންނަށް އެމީހުންނާއި އެކު ދެވޭނެ އެވެ.

ހަފްތާގެ އެ ނޫން ދުވަސްތަކުގައި ކުޑަގިރިއަށް ދަތުރު ދާ ނަމަ ފެރީ ޓިކެޓުގެ އަގަކީ 25 ރުފިޔާ އެވެ. އަދި އެ ރަށަށް އެރުމަށް އެންޓްރެންސް ފީގެ ގޮތުގައި 50 ރުފިޔާ ދައްކަން ޖެހެ އެވެ. 12 އަހަރުން ދަށުގެ ކުދިން އެންޓްރްސް ފީގެ ގޮތުގައި ދައްކަން ޖެހެނީ 25 ރުފިޔާ އެވެ.

އެޗްޑީސީން ތަރައްގީކޮށް ހިންގާ ކުޑަގިރިއަށް ދަތުރު ދެވެނީ އެޕްލިކޭޝަނެއް މެދުވެރިކޮށް ޖާގަ ހޯދައިގެންނެވެ. އެ ރަށަށް އެއް ފަހަރާ 500-600 މީހުންނަށް ދަތުރު ގޮސް އުޅެވޭނެ ކަމަށް ބުނެފައިވެ އެވެ.

ކުޑަގިރި ހިއްކީ އެމްޓީސީސީ އާއި ހަވާލުކޮށްގެން ހިއްކީ 41.4 މިލިއަން ރުފިޔާއަށެވެ. މާލެ ސަރަހައްދުގައި ޕިކްނިކް ދާނެ ރަށެއް ތަރައްގީ ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް