ތުރުކީގައި އިމާރާތްތަކުގެ ދަށުން 8،000އަށްވުރެ ގިނަ މީހުން ސަލާމަތް ކޮށްފި

ތުރުކީ އާއި ސީރިއާ ގުޅޭ ބޯޑަރު ސަރަހައްދަށް ހޯމަދުވަހުގެ ފަތިހު އައި ބިން ހެލުމުގައި ތުރުކީގެ އިމާރާތްތަކުގެ ދަށުގައި ތާށިވެފައި ތިބި 8،000 އަށްވުރެ ގިނަ މީހުން މިހާތަނަށް ސަލާމަތް ކޮށްފި އެވެ. ރިކްޓާ...

08 Feb 2023 | 03:47

ތުރުކީ އާއި ސީރިއާ ގުޅޭ ބޯޑަރު ސަރަހައްދަށް ހޯމަދުވަހުގެ ފަތިހު އައި ބިން ހެލުމުގައި ތުރުކީގެ އިމާރާތްތަކުގެ ދަށުގައި ތާށިވެފައި ތިބި 8،000 އަށްވުރެ ގިނަ މީހުން މިހާތަނަށް ސަލާމަތް ކޮށްފި އެވެ.

ރިކްޓާ މިންގަނޑުން 7.8 ގެ ބާރުމިނުގައި އައި ބިން ހެލުމުގައި މިހާތަނަށް ދެ ގައުމުން ޖުމްލަ އަށް ހާހަށްވުރެ ގިނަ މީހުން ވަނީ މަރުވެފައި އެވެ. އެއީ ސީރިއާއިން 2،000 އަށްވުރެ ގިނަ މީހުންނާއި ތުރުކީން 5،000 އަށްވުރެ ގިނަ މީހުންނެވެ.

ތުރުކީން އެކަނި 25،000 މީހުން ޒަހަމްވި އިރު ގެދޮރު ގެއްލުނު މީހުންގެ އަދަދު ވަނީ 380،000 އަށް އަރާފައި އެވެ.

ތުރުކީގެ ކަމާ ބެހޭ ފަރާތްތަކާއި ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި ދިރިހުރި އެތައް ބަޔަކު އިމާރާތްތަކުގެ ދަށުގައި ތާށިވެފައި ތިބިކަން އެނގޭ ކަމަށެވެ. އެހީއަށް އެދި އިމާރާތްތަކުގެ ދަށުން މީހުންނާއި ކުޑަކުދިންގެ ރުއިމުގެ އަޑު ނުކެނޑެ އެވެ.

އެކަމަކު ގަދަ ފިނީގައި މީހުން ސަލާމަތް ކުރަން ޖެހުމުގައި ދަތިތަކާއި ކުރިމަތިވަމުންދާއިރު މާ ގިނަ ދުވަހު އިމާރާތްތަކުގެ ދަށުގައި ތިބި މީހުން ދުނިޔޭގައި ތިބޭނެ ކަމަށް ނުބެލެވެ އެވެ. އެމީހުންނަށް ބޭނުންވާ ބޯފެނާއި ކާބޯތަކެތި ފޯރުކޮށްދެވޭނެ ގޮތެއް ސީރިއާ އަދި ތުރުކީގައިވެސް ނެތެވެ.

ޒަހަމްވި މީހުންތަކާއި ހާލުގައި ޖެހުނު މީހުންނާއި އެކު ސިއްހީ ދާއިރާ އާއި އެނޫން ދާއިރާތަކަށް ލޮޅުން އަރައި ގާތްގަނޑަކަށް ވަނީ ހުއްޓިފައި އެވެ. އެހެންވެ އިންތިޒާރު ކުރަމުންދަނީ ބައިނަލްއަގުވާމީ އެހީތެރިކަމަށެވެ.

ރިޕޯޓުތައް ބުނާގޮތުގައި މިހާތަނަށް 82 ގައުމަކުން ވަނީ ޓީމުންތައް ތުރުކީއަށް ފޮނުވާފައި އެވެ. އެ ޓީމުތަކާއި އެކު ސިއްހީ އާލާތްތަކާއި މީހުން ސަލާމާތް ކުރާނެ ވަސީލަތްތަކުގެ އިތުރުން ތާށިވެފައިވާ މީހުން ހޯދަން ބޭނުންކުރާ ތަމްރީން ކޮށްފައިވާ ކުއްތާތައްވެސް ހިމެނެ އެވެ.

އެ ޓީމުތަކުގެ މަސައްކަތް ވީހާވެސް އަވަހަކަށް ފަށައިފި ނަމަ އިތުރު ބަޔަކު ސަލާމަތް ކުރެވޭނެ ކަމަށް އުންމީދު ކުރެ އެވެ. މި ހިދުމަތް ފޯރުކޮށްދިނުމަށް ލަސްވަނީ ސީރިއާއަށެވެ.

އެއީ ދާހިލީ ހަނގުރާމައިގެ ސަބަބުން އެ ގައުމާއި ގިނަ ގައުމުތަކުން ގުޅުން ކަނޑާލާފައި އޮތުމުން އެފަދަ ޓީމުތައް ސީރިއާއަށް ފޮނުވުމުގެ ފުރުސަތު ނެތީމަ އެވެ. އެކަމަކު ގައުމުތަކުން ދަނީ ސީރިއާގައި ހަރަކާތްތެރިވާ އެހީދޭ ޖަމާއަތްތަކާއި ގުޅިގެން ސީރިއާގައިވެސް މީހުން ސަލާމަތް ކުރުމުގެ އޮަޕަރޭޝަން ހިންގުމަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ބިން ހެލުމާއި ގުޅިގެން ތުރުކީގައި ވަނީ ތިން މަސް ދުވަހަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް