ބޮލީވުޑްގެ ޖޯޑުން ކަމަށްވާ ސިދާތް މަލޯތްރާ އާއި ކިއަރާ އަދްވާނީ ކައިވެނި ކޮށްފި އެވެ.
ދެ ތަރިން ކައިވެނި ކޮށްފައިވަނީ އިންޑިއާގެ ރާޖިސްތާނުގެ ހޮޓަލެއް ކަމަށްވާ ސޫރްޔަގާހް ޕެލަސްގައި އިއްޔެ އެވެ. މި ކައިވެނި ކޮށްފައި މިވަނީ އިންޑިއާ މީޑިއާއިން މި ކައިވެނި އޮތް ތާރީހު ކަމަށް ބުނެ ފަހު ވަގުތުވެސް ބުނަމުންދިޔަ ދުވަހަށްވުރެ ތިން ދުވަސް ފަހުންނެވެ.
ކައިވެނި ކުރުމާއި އެކު ދެމީހުން ސޯޝަލް މީޑިއާ މެދުވެރިކޮށް އެކަން އިއުލާނެއް ނުކުރެ އެވެ. ދެ ތަރިން ކައިވެނިކޮށްފިކަން ފުރަތަމަ ޔަގީންވީ އިންޑިއާގެ ކައިވެނިތަކުގައި ބޭނުން ކުރާ ސަވާރީ އެ ހޮޓަލުން ނެރެގެން ގެންދާތަން ފެނުމުން ނޫސްވެރިން ސުވާލު ކުރުމުންނެވެ.
ކައިވެނި ކުރިތާ ދެތިން ގަޑިއިރު ފަހުން ސިދާތާއި ކިއަރާ ވަނީ ރަސްމީކޮށް ކައިވެނީގެ ފޮޓޯތަކާއި އެކު ސޯޝަލް މީޑިއާ މެދުވެރިކޮށް އެމީހުންގެ ހާއްސަ މުނާސަބު އިއުލާނުކޮށްފައި އެވެ. އަދި ދެމީހުންނަށް ހެޔޮ ދުއާ ކޮށްދިނުމަށް އެދިފައިވެ އެވެ.
އެހެން ތަރިންނެކޭ އެއްގޮތަށް ނޫސްވެރިންނާއި ޕަޕަރާޒީން އުންމީދު ކުރީ އިއްޔެ ހަވީރު ކައިވެންޏަށް ފަހު ހޮޓެލްގެ ބޭރަށް ނުކުމެ ނޫސްވެރިންނަށް ދެމީހުންގެ ފޮޓޯ ނެގުމުގެ ފުރުސަތު ދޭނެ ކަމަށެވެ. ރިޕޯޓުތައް ބުނާ ގޮތުގައި އަދިވެސް ދެ ތަރިން ހޮޓަލަކުން ނުނުކުމެ އެވެ.
ސިދާތާއި ކިއަރާގެ ކައިވެންޏަށް ބޮލީވުޑާއި އިންޑިއާގެ މަޝްހޫރު ފަރާތްތަކުން ދިޔަ އެވެ. އޭގެ ތެރޭގައި އަމްބާނީ އާއިލާ އާއި ޝާހިދު ކަޕޫރުގެ ދެމަފިރިންނާއި ކަރަން ޖޯހަރު ފަދަ މީހުން ހިމެނެ އެވެ.
ސިދާތާއި ކިއަރާ ކައިވެނި ކޮށްފައި މިވަނީ ސިއްރުން ރައްޓެހިވެގެން އުޅޭތާ އަހަރުތަކެއް ފަހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް