ދޫނިތައް ނުމަރާ ފޮނުވާލެވޭނެ، އިހުމާލުވި ފަރާތްތަކަށް ފިޔަވަޅު އަޅަން އެންގިން: އޭޖީ އޮފީސް

ރާއްޖެ އެތެރެކުރަނިކޮށް ހިފަހައްޓާފައިވާ ދޫނިތަކެއް ދައުލަތުން މަރާލި ދޫނިތައް ނުމަރާ ފޮނުވާލެވޭނެ ކަމަށާއި އެގޮތަށް އަމަލު ނުކުރީ ފިޝަރީޒް މިނިސްޓްރީން ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ. ...

08 Feb 2022 | 17:58

ރާއްޖެ އެތެރެކުރަނިކޮށް ހިފަހައްޓާފައިވާ ދޫނިތަކެއް ދައުލަތުން މަރާލި ދޫނިތައް ނުމަރާ ފޮނުވާލެވޭނެ ކަމަށާއި އެގޮތަށް އަމަލު ނުކުރީ ފިޝަރީޒް މިނިސްޓްރީން ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

އެ އިދާރާގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ހުސައިން ހަސަން ވިދާޅުވީ ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓި އެ ދޫނިތަކަކީ "ދިވެހިރާއްޖެއަށް އެތެރެކުރުމަށް ހުއްދަ ދެވޭ ދޫނީގެ ބާވަތްތަކުގެ ލިސްޓު" ގައި ނުހިމެނޭ ދޫނިތަކެއް ކަމަށެވެ. ގަވާއިދާ ޚިލާފަށް ދޫންޏެއް އެތެރެކުރެވޭ ޙާލަތްތަކުގައި އެޅޭނެ ފިޔަވަޅުތަކުގެ ތެރޭގައި އެ ދޫންޏެއް ނައްތާނުލައި، އެތެރެކުރި ޤައުމަށް ފޮނުވާލުމުގެ ފުރުޞަތު ދެވޭކަން ދިވެހިރާއްޖެއަށް ދޫނި އެތެރެކުރުމާބެހޭ ގަވާއިދުގައި ބުނެފައިވާ ކަމަށެވެ.

ހުސައިން ވިދާޅުވީ އެގޮތަށް އޮތް ނަމަވެސް މިނިސްޓްރީން ޢަމަލުކޮށްފަ ނުވާ ކަމަށެވެ. އެތަކެތި ގެނައި ގައުމަށް އަނބުރާ ފޮނުވާލުމަށާއި އެތެރެކުރި ދޫނިތައް ނައްތާލުމަށް ދާ ޚަދަރުގެ ޒިންމާ އުފުލަންޖެހޭނީ ދޫނި އެތެރެ ކުރި ފަރާތުންކަން ގަވާއިދުގައި ބަޔާންކޮށްފައި އޮންނަ ކަމަށެވެ.

އޭނާ ވިދާޅުވީ އޭޖީ އޮފީހަށް ލިބިފައިވާ ލިޔެކިޔުންތަކަށް ބަލާއިރު، ގަވާއިދާ ޚިލާފުވެގެން ދޫނިތައް ހިފަހައްޓާފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެންބަރުމަހާއި އޮކްޓޫބަަރުމަހާއި އަދި ނޮވެންބަރުމަހުގެ ތެރޭގައި ކަމަށެވެ. ނަމަވެސް، އެ ދޫނިތައް ކޮރަންޓީން ކުރުން ފިޔަވަައި، ގަވާއިދާ ޚިލާފުވި ފަރާތްތަކާމެދު އެ ގަވާއިދުގައިވާ ގޮތުގެ މަތިން އަޅަންޖެހޭ ފިޔަވަޅުތައް މިހާތަނަށްވެސް އަޅާފައިނުވާ ކަމަށެވެ.

އޭގެ ބަދަލުގައި "ދިވެހިރާއްޖެއަށް އެތެރެކުރުމަށް ހުއްދަ ދެވޭ ދޫނީގެ ބާވަތްތަކުގެ ލިސްޓު"ގައި ނުހިމެނޭ ދޫނިތައް އެ ލިސްޓަށް އިތުރުކޮށް، 13 ޑިސެންބަރު 2021 ގައި ގަވާއިދު އިސްލާހު، މިނިސްޓްރީން އާންމުކޮށްފައިވާކަން އެނގޭ ކަމަށް ވިދާޅުވި އެވެ. އަދި ވިދާޅުވީ އެއަށްފަހު އެ ދޫނިތައް އެތެރެކުރަން އުޅުނު ފަރާތްތަކަށް އެ ދޫނިތައް ދޫކުރުމުގެ ހުއްދަ ދިނުމާގުޅޭ ގޮތުން އެ އޮފީހުގެ ލަފަޔަކަށް މިނިސްޓްރީން އެދިފައިވާ ކަމަށެވެ.

އެކަމާ ގުޅޭ ގޮތުން އޭޖީ އޮފީހުން ލަފާ ދީފައިވާނީ ދޫނިތައް އެތެރެކޮށް ކޮރަންޓީންކުރެވެނުއިރު ޢަމަލުކުރަމުން ގެންދިޔަ ދިވެހިރާއްޖެއަށް ދޫނިއެތެރެކުރުމާބެހޭ ގަވާއިދުގައިވާ ގޮތުގެމަތިން ޢަމަލުކުރަން ފެންނަ ކަމަށް ކަމަށެވެ. މި މައްސަލާގައި ހިމެނޭ ކޮރަންޓީން ކުރެވުނު ދޫނިތަކާ ގުޅޭ ގޮތުން ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޢަމަލުނުކޮށް ދިގުމުއްދަތެއް ފާއިތުވެފައިވާކަން އެނގޭތީ، ގަވާއިދުގައިވާ ގޮތުގެމަތިން ފިޔަވަޅުތައް ތަންފީޒުކުރުމުގައި އިހުމާލުވާ ފަރާތެއްވާނަމަ އެކަން ބައްލަވައި ފިޔަވަޅު އަޅުއްވަންވާނެ ކަމަށް ފެންނަ ވާހަކަވެސް މިނިސްޓްރީއަށް އޭޖީ އޮފީހުން ދިން ލަފާގައި ބަޔާންކޮށްފައިވާނެ ކަމަށް ހުސައިން ވިދާޅުވި އެވެ.

ގާތްގަނޑަކަށް 120 ދޫނި މަރާލާފައިވެ އެވެ. އެ ދޫނިތައް މަރާލާފައިވަނީ އައިސް ފޮށިތަކަކަށް ލައިގެން ނޭވާ ހާސްކޮށްގެންނެވެ.

މި މައްސަލައިގަ ގިނަ ބަޔަކު ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް