ރާއްޖެ އެތެރެކުރަނިކޮށް ހިފަހައްޓާފައިވާ ދޫނިތަކެއް ދައުލަތުން މަރާލި މަރާލުމުގެ މައްސަލަ ހޫނުވެފައިވާއިރު އެ ދޫނިތައް މަރައިލީ އެ ދޫނިތައް ރީ އެކްސްޕޯޓް ކުރުމުގެ ފުރުސަތު ދޫނިތައް އެތެރެކުރި ފަރާތްތަކަށް ދިނުމަށްފަހުގައި ކަމުގައި މިނިސްޓްރީން ބުނެފިއެވެ.
ދިރޭ ޖަނަވާރު އެތެރެކުރުމުގެ ގަވާއިދުގައި ބުނެފައިވަނީ އެ ގަވާއިދާ ހިލާފަށް ރާއްޖެއަށް ދިރޭ ޖަނަވާރު އެތެރެކުރާ ފަރާތްތަކާއިމެދު، ހިލާފުވިކަމެއްގެ ބާވަތަށް ބަަަލައި، ތިން ގޮތަކުންކުރެ ގޮތަކަށް ނުވަތަ ގޮތްތަކަކަށް އަމަލުުކުރުމުގެ ބާރާއި އިޙްތިޔާރު މިނިސްޓްރީއަށް ލިބިގެންވާކަމަށެވެ.
އެ ތިން ގޮތަކީ:-
- އެތެރެކުރި ދިރޭ ޖަނަވާރު ގެނައި ޤައުމަށް އަނބުރާ ފޮނުވާލުން
- އެތެރެކުރި ދިރޭ ޖަނަވާރު ނައްތާލުން
- ފަސް ހާސް ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުން
އެއަށްފަހު ބުނެފައިވަނީ އެ މާއްދާގެ (ހ) ގެ ދަށުން އެތެރެކުރި ދިރޭ ޖަނަވާރު ގެނައި ގައުމަށް އަނބުރާ ފޮނުވާލުމަށާއި އެތެރެކުރި ދިރޭ ޖަނަވާރު ނައްތާލުމަށް ދާ ހުރިހާ ހަރަދެއްގެ ޒިންމާ އުފުލަން ޖެހޭނީ އެ ޖަނަވާރެއްގެ ވެރިފަރާތް ނުވަތަ އެތެރެކުރި ޖަނަވާރެއް އެތެރެކުރި ފަރާތުން ކަމަށެވެ.
ދުވަހަށް މައުލޫމާތުދެމުން ފިޝަރީޒް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ދޫނިތައް ނައްތައިލީ އެ ދޫނިތައް ރީ އެކްސްޕޯޓް ކުރުމުގެ ފުުރުސަތު، އެ ދޫނިތައް ގެނައި ފަރާތްތަކަށް އެތަށް ފަހަރަކު ދިނުމަށްފަހުގައި ކަމަށެވެެ.
ރާއްޖެ އެތެރެކުރުން މަނާ ބާވަތްތަކުގެ މި ދޫނިތައް ނައްތައިލީ ހަތަރު މަސް ދުވަހަށްފަހުގައި ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އަދި މި ތަކެތި އިތުރަށް ބެލެހެއްޓުމަކީވެސް އެކަމުގައި ބޮޑު ހަރަދެއް ހިނގާނެ ކަމެއް ކަމުގައިވެސް އެ މިނިސްޓްރީން ބުނެއެވެ.
މި ދޫނިތައް މަރައިގެން ނައްތާލާފައިވާއިރު މިކަމުގައި އާއްމު ރައްޔިތުންގެ ކަންބޮޑުވުންތައް ސޯޝަލް މީޑިއާގައި އަންނަނީ ފާޅުކުރަމުންނެވެ. ގިނަ ފަރާތްތަކުން ބުރަވާގޮތުގައި މަރާލުން އެއީ ހައްލެއް ނޫނެވެ. ގަވާއިދުގައި އެގޮތަށް އޮތްނަމަ އެކަމެއް އިސްލާހުވެސް ކުރެވެން ޖެހޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް