ރާއްޖެ ޓީވީގެ ކުރީގެ ނޫސްވެރިޔާ ހައްވާ މުހައްމަދު (ހައްވި) އަށްވެސް ސިޔާސީ މަގާމެއް ހަމަޖައްސައިދީފި އެވެ.
އެމްޑީޕީ ވެރިކަމަށް ނާންނައިރު އާއި ވެރިކަމުގައި އޮންނަ އިރު ރާއްޖެ ޓިވީ އަކީ އެމްޑީޕީ ޕްރޮމޯޓު ކުރުމުގައި އެންމެ އިސްރޯލު އަދާ ކުރާ އަމިއްލަ އެއް ޓިވީ ޗެނަލެކެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެންނެވި ފަހުން އެކި ފަހަރުމަތިން އެ ޓިވީގެ ގިނަ ނޫސްވެރިންތަކަކަށް ވަނީ ސިޔާސީ މަގާމު ހަމަޖައްސައިދީފަ އެވެ. ހައްވިއަށް ހަމަޖައްސާފައިވަނީ އެންވައިރަމެންޓް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރުގެ މަގާމަށެވެ.
އެ މަގާމަށް އޭނާ އައްޔަން ކޮށްފައިވަނީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ)އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ.
ކޮމިއުނިކޭޝަން ޑިރެކްޓަރުންގެ މުސާރައަކީ 15،000 ރުފިޔާއެވެ. އަދި ލިވިން އެލަވަންސްގެ ގޮތުގައި 10،000 ރުފިޔާ ލިބޭއިރު، ފޯން އެލަވަންސްގެ ގޮތުގައި 500 ރުފިޔާވެސް ލިބޭނެއެވެ.
ހައްވި މަސައްކަތް ކުރައްވާފައިވާ މީޑިއާތަކުގެ ތެރޭގައި ވީޓީވީ، ރާއްޖެ ޓިވީ، ސީއެންއެމް އަދި އެޓޯލް ރޭޑިއޯ ހިމެނެ އެވެ. ހައްވިއަށް ވަނީ ބައިނަލްއަގްވާމީ އެވޯޑެއް ކަމަށްވާ ވިމެން އައިކަން އިން ދޭ "ވިމެން އިން މީޑިއާ" އެވޯޑު ލިބިފައެވެ.
ހައްވިގެ އިތުރުން ރާއްޖެ ޓީވީގައި މަސައްކަތް ކުރި ނޫސްވެރިންގެ ތެރެއިން މިވަގުތު ސިޔާސީ މަގާމުތަކުގައި ތިބި ބޭފުޅުންގެ ތެރޭގައި ތަހާރަތު ވަހީދު (ތަހާ)، ރިޒްނާ ޒަރީރު، މިއުވާން މުހައްމަދު، އަހުމަދު މުހުސިން، އިސްމާޢީލް ނާއިލް ނަޝީދު އަދި ހުސައިން ހަސަން ހިމެނެ އެވެ.
ރާއްޖެ ޓީވީއަކީ ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންއާއި ހޯރަފުށީ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ސަލީމް (ސައްލެ) ހިންގަވާ ޗެނަލެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް