ނިމިގެންދިޔަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުން ފެށިގެން މި މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް ކުޅުންތެރިންނާއި ކުލަބުތަކުގެ ސްޓާފުންގެ ތެރެއިން 22 ފަރާތެއް ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށް އިނގިރޭސި ޕްރިމިއާ ލީގުން ބުނެފިއެވެ.
ޕްރިމިއާ ލީގުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ނިމިގެން ދިޔަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުން މިމަހުގެ ހަވަނަ ދުވަހާއި ހަމައަށް ކުޅުންތެރިންނާއި ކުލަބުތަކުގެ ސްޓާފުން ހިމެނޭ ގޮތަށް 6685 ފަރާތެއް ކޮވިޑް-19 އަށް ޓެސްޓު ކޮށްފައިވާ ކަމަށާއި އޭގެތެރެއިން 22 ފަރާތެއް ކޮވިޑް އަށް ފައްސިވެފައި ކަމަށެވެ. ނަމަވެސް ފައްސިވެފައިވާ ފަރާތްތަކުގެ ވަނަވަރު އެ ބަޔާނުގައި ހާމަކޮށްފައެއް ނުވެއެވެ.
މި ބަޔާނުގައި އިތުރަށް ބުނެފައިވަނީ ކޮވިޑްގެ ހާލަތު ގޯސްވަމުން ދިއުމާއި ގުޅިގެން ކޮންމެ ހަފްތާއަކު އެއްފަހަރު ކުލަބުތަކުގެ ކުޅުންތެރިންނާއި ސްޓާފުން ކޮވިޑް-19 އަށް ޓެސްޓުކުރަމުން އަންނަ ކަމަށެވެ. އަދި މި ޓެސްޓުތަކުގެ ނަތީޖާތައް ކޮންމެ ހަފްތާއަކުވެސް އާންމުކުރަމުން ގެންދާނެ ކަމަށާއި ނަމަވެސް ފައްސިވާ ފަރާތްތަކުގެ ވަނަވަރު ހާމަނުކުރާނެ ކަމަށެވެ.
މި ބަޔާނުގައި ހާމަކޮށްފައިވާ ގޮތުގައި ނިމިގެން ދިޔަ އަހަރުގެ އޮގަސްޓު މަހުގެ ދެވަނަ ދުވަހުން ފެށިގެން މި އަހަރުގެ ހެނުއަރީ މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް 132،139 ކޮވިޑް ޓެސްޓު ހަދާފައިވާއިރު، އޭގެ ތެރެއިން 561 ފަރާތެއް ފައްސިވެފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް