ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާއަށް އިންތިޚާބުވެވަޑައިގެންނެވި މެމްބަރު މެމްބަރު މުހައްމަދު ރާޝިދު (ރާޑޯ) މަގާމުގެ ހުވާ ކުރެއްވުން މާދަމާ އޮންނާނެ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރާޝިދު، މަގާމުގެ ހުވާ ކުރެއްވުން އޮންނާނީ މާދަމާ ހެނދުނު 8:20 ގައި މަޖިލިސް ކުރާ ގޭގައެވެ. އެހެންނަމަވެސް ރާޝިދު މަޖިލީހަށް ނުކުމެވަޑައިގަންނަވާނެ ތާރީޚެއް އަދިނޭނގެއެވެ.
އޭނާ އެ މަގާމަށް ހޮވިވަޑައިގެންފައިވަނީ މިދިޔަ ހޮނިހިރު ދުވަހު އޮތް އިންތިޚާބުގައެވެ. އެ އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެމްޑީޕީގެ ފަރާތުން ދާއިރާއަށް ކުރިމަތިލެއްވި ރާޝިދަށް ވަނީ 1،400 ވޯޓު ލިބިފައެވެ. އޭނާއާ އެންމެ ކައިރިން ދެން ވާދަކުރެއްވި ޕީޕީއެމްގެ މެމްބަރު މޫސާ ފަތުހީއަށް ލިބުނީ 1،161 ވޯޓެވެ. ދާއިރާއަށް ދެން ވާދަކުރި އެމްއެންޕީގެ ކެންޑިޑޭޓް އަބްދުލް ހަންނާން އިދުރީސަށް ލިބުނީ 323 ވޯޓެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް ހުޅުވާލީ އެ ދާއިރާގެ ކުރީގެ މެމްބަރު ހުސެއިން ވަހީދު މިދިޔަ އަހަރުގެ ފަހުކޮޅު އަވަހާރަވުމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް