"ހަނދާނާއި ތާރީޚުގެ ތެރެއިން ފެލިދު އަތޮޅު" ފޮތަކީ ވަރަށް ބޭނުންތެރި އަގުބޮޑު ފޮތެއް: ޖެންޑަރ މިނިސްޓަރ

"ހަނދާނާއި ތާރީޚުގެ ތެރެއިން ފެލިދު އަތޮޅު" ފޮތަކީ ވަރަށް ބޭނުންތެރި އަގުބޮޑު ފޮތެއް ކަމަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދު ދީދީ ވިދާޅުވެއްޖެއެވެ. މިނިސްޓަރ ...

08 Feb 2022 | 12:00

"ހަނދާނާއި ތާރީޚުގެ ތެރެއިން ފެލިދު އަތޮޅު" ފޮތަކީ ވަރަށް ބޭނުންތެރި އަގުބޮޑު ފޮތެއް ކަމަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހގެން ވިދާޅުވީ "ހަނދާނާއި ތާރީޚުގެ ތެރެއިން ފެލިދު އަތޮޅު" މިނަމުގައި ފެލިދޫ ޢަބްދުލް އަޒީޒު އިބްރާހިމް (ފެލިދޫ އަޒީބެ) ލިޔުއްވާފައިވާ ފޮތް، ނެރެދެއްވުމަށްފަހު ވާހަކަ ދައްކަވަމުންނެވެ.

މި ފޮތް ނެރުމަށް ފެލިދެ އަތޮޅު، އަތޮޅު ކައުންސިލް އިދާރާގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ ވިދާޅުވީ ފުރަތަމަ ވެސް މިފޮތް ހުޅުވާލުމާއިއެކު ފޮތް ކިޔުމަށް ޝައުޤުވެރިކަން އުފެދުނު ކަމަށެވެ. އަދި މިފޮތް ލިޔުއްވި ފެލިދޫ ޢަބްދުލް އަޒީޒު އިބްރާހިމް (ފެލިދޫ އަޒީބެ) އަކީ ވަރަށް ވަރުގަދަ ޝަޚުސިއްޔަތެއް ކަމަށެވެ.

"މި ފޮތަކީ ވަރަށް މުހިއްމު ފޮތަކަށްވާއިރު، ސްކޫލު ނިމޭ ކޮންމެ ކުއްޖަކަށް ވެސް ތާރީޚާއި ބެހޭ މަޢުލޫމާތު މިފޮތުގެ ޒަރީއާއިން ލިބޭނެ މަގު ފަހިކޮށްދެއްވުމަކީ މުހިއްމު ކަމެއް. ފޮތެއް ދިރޭނީ އެފޮތް ބޭނުންކޮށްގެން." މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރ ވަނީ މިފޮތަކީ ފެލިދު އަތޮޅަށް، މި މުޖުތަމައުއަށް ބޮޑުވާ ކުދިންނަށް އަތޮޅުގެ މަޢުލޫމާތު އެނގި، އަތޮޅުގެ ކާބަފައިން އުޅުނު ގޮތް ދަސްވެ، ކުދިންގެ ގައިގާ މިފަދަ އަސާސްތައް އަށަގެންނެވުމަށްޓަކައި ވަރަށް ބޭނުންތެރި އަގުބޮޑު ފޮތެއް ކަންވެސް ފާހަގަ ކުރައްވާފައެވެ.

"ހަނދާނާއި ތާރީޚުގެ ތެރެއިން ފެލިދު އަތޮޅު" މިފޮތަކީ ފެލިދު އަތޮޅުގެ ތާރީޚާއި ވަރަށް ގިނަ މަޢުލޫމާތު އެކި ދުވަސްވަރު މަތިން އެއް ކުރުމަށްފަހު ލިޔެފައިވާ ފޮތެކެވެ.

ފޮތުގައިވާ މުހިއްމު ބައިތަކަށް ބަލާއިރު، ފެލިދު އަތޮޅަށް އެކި ގޮތްގޮތުން ޚިދުމަތްކުރައްވާފައިވާ ބޭބޭފުޅުންގެ މަޢުލޫމާތާއި ވ. އަތޮޅުގެ ގުދުރަތީ ސިފަތަކާއި ބެހޭ ތަފްސީލީ މަޢުލޫމާތު ހިމަނާފައިވެއެވެ. އަދި ވ. އަތޮޅުގެ އެދުވަސްވަރުގެ އިޤްތިޞާދާއި، މަސްވެރިކަމުގެ ގޮތުން އެދުވަސްވަރު ކޮށްފައިވާ ބައެއް މުހިއްމު ކަންކަމާއި ބެހޭ މަޢުލޫމާތު ވެސް ވަނީ ހިމަނާފައެވެ.

މީގެ އިތުރުން ތާރީޚީ ގޮތުން ފެލިދު އަތޮޅުގެ ކަންކަން ދައްކުވައިދޭ ފޮޓޯތަކާއި އެނޫން ވެސް މުހިއްމު ވަރަށް ގިނަ ތާރީޚީ ވާހަކަތައް ވަނީ ހިމަނާފައެވެ.

މިފޮތަކީ ގާތްގަނޑަކަށް 15 ވަރަކަށް އަހަރު ދުވަހުން އެއްކުރެވިފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ލިޔުއްވާފައިވާ ފޮތެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް